އެއާޕޯޓުން ޑޮލަރު ފޭރުން: 4 މީހަކު ފުރުން މަނާކޮށްފި

ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ)އިން ބީއެމްއެލްގެ ޑޮލަރު ބްރީފްކޭސް ފޭރުނު މައްސަލައިގައި މިހާތަނަށް ހަތަރު މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މޫނު ނިވާކޮށްގެން ތިބި ބަޔަކު ވީއައިއޭ ތެރޭން މި ޑޮލަރުތައް ފޭރިގެންފައި ވަނީ، މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން، މިދިޔަ މަހުގެ 27 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގަ އެވެ.
ހަމަ އެ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އޭގެ ފަހުން، މިދިޔަ ހަފްތާ ތެރޭ އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. 
ނަމަވެސް އަދި މިހާތަނަށް މި ފައިސާ ނުހޯދެ އެވެ.
ފުލުހުން މިއަދު ވަނީ ތަހުގީގާ ގުޅޭ އަޕްޑޭޓެއް މީޑިއާތަކަށް ދީފަ އެވެ.
ބުނީ ކީކޭ؟ - ފުލުހުންގެ މީޑިއާ އޮފިޝަލް 'ދައުރު'އަށް ވިދާޅުވީ:
މި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ފުރުން މަނާކޮށްފައިވޭ 
ފަސް އުޅަނދެއް ބަލައި ފާސްކޮށްފައިވޭ
މާލެ އާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް މިހާތަނަށް ބަލައި ފާސްކޮށްފައިވޭ
ގުޅުން ހުރި ކަމެއް - މި މައްސަލައިގައި ފަހުން ހައްޔަރު ކުރި ތިން މީހުންނާ އެކު މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި އެންމެން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ ހަތް މީހުންގެ ވެސް ވަނަވަރު ފުލުހުން ހާމަކޮށްފައިވެ އެވެ. ނަމަވެސް، ފުރުން މަނާކުރި މީހުންގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ފޭރުނު ބްރީފްކޭސްގައި ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުންނާނެ އެވެ. އެއީ 15.42ރ.ގެ ރޭޓުން ބަލާ ނަމަ 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ