އެމެރިކާގައި 2020ގައި އޮތް ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިވުމުން 6 ޖެނުއަރީ 2021ގައި އޮތް އެއްވުމުގައި ދެއްކެވި ވާހަކައިގެ ވީޑިއޯ އެޑިޓްކުރި ގޮތުން އުފެދުނު މައްސަލަތަކުގައި ބީބީސީގެ އިސް ދެ ވެރިޔަކު މިހާރު ވަނީ އެކުއެކުގައި އިސްތިއުފާ ދެއްވައިފަ އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް މީޑިއާގެ ތާރީހުގައި ވަރަށް ނުހިނގާ ކަމެކެވެ.
އިސްތިއުފާ ދެއްވީ ބީބީސީގެ ޑިރެކްޓަރު ޖެނެރަލް ޓިމް ޑޭވީ އާއި ނިއުސް އެންޑް ކަރަންޓް އެފެއާޒްގެ ސީއީއޯ ޑެބޯރާ ޓާނެސް އެވެ.
ބީބީސީގެ އެތެރޭގެ ތަހުގީގަކަށް ފަހު ތައްޔާރުކުރި މެމޯއެއް އިނގިރޭސި ނޫހެއް ކަމަށްވާ ދަ ޓެލެގްރާފްއަށް ލިބުނެވެ. އެ މެމޯގައި އޮތީ 6 ޖެނުއަރީ 2021ގައި ޓްރަމްޕް ދެއްކެވި ވާހަކައިގެ ދެ ބައި ގެނެސްދީފައި އޮތް ގޮތުން އެ ދުވަހުގެ ބޮޑު ހަމަނުޖެހުމަށް އޭނާ ސީދާ ގޮވާލެއްވިކަމަށް ދޭހަވާ ކަމަށެެވެ.
އިސްތިއުފާ އިއުލާންކުރައްވަމުން ޑޭވީ ވިދާޅުވީ ދައުލަތުގެ އެހެން މުއައްސަސާތަކެކޭ އެއްގޮތަށް 'ބީބީސީ ވެސް މުޅިން ފުރިހަމަ ނޫން' ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިސްތިއުފާ ދެއްވުމުގެ ހަމައެކަނި ސަބަބަކީ ޕެނަރޯމާގެ އެ ވީޑިއޯގެ މައްސަލައެއް ނޫނެވެ. ބީބީސީއާ ބެހޭ ގޮތުން މިހާރު އުފެދިފައި އޮތް ތަފާތު ބަހުސްތަކަކީ ވެސް، އިސްތިއުފާގެ ސަބަބެއް ކަމަށް ވިދާޅުވި އެވެ.
"ޖުމްލަކޮށް ބަލާ ނަމަ ބީބީސީ ގެނެސްދޭ އެއްޗެހި ރަނގަަޅު. އެކަމަކު ގޯސްކޮށް ކުރެވޭ ކަންކަން އެބަ ހުރި. އޭގެ ޒިންމާ ޑިރެކްޓަ ޖެނެރަލްގެ ހައިސިއްޔަތުން އަހަރެން ނަގަން ޖެހޭނެ،" ޑޭވީ ވިދާޅުވި އެވެ.
ޓާނެސް ނެރުއްވި ބާޔާނުގައި ވިދާޅުވީ ޕެނަރޯމާ ޕްރޮގްރާމާ އެކު އުފެދުނު ހިޔާލު ތަފާތުވުންތަކުން ބީބީސީއަށް ނުބައި އަސަރެއްކުރާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ބައެއް ކަހަލަ ގޯސްތައް ހެދިފައި ހުއްޓަސް ބީބީސީއަކީ ވަކި އަތަކަށް ޖެހިފައިވާ މީޑިއާއެއް ކަމަށް ބުނާ ބުނުން ރަނގަޅެއް ނޫނެވެ.
މެމޯގައި އެހެން މައްސަލައެއް ވެސް ފާހަގަކުރި އެވެ. އޭގައި އޮތް ގޮތުން ގާޒާގައި އިޒްރޭލުން ހިންގާ އަނިޔާވެރިކަމާ ބެހޭ ގޮތުން ބީބީސީގެ އަރަބި ޗެނެލްގައި ގެނެސްދޭ އުފެއްދުންތައް ވަކިކޮޅަކަށް ޖެހިފައި އޮތް އޮތުމާ ދެކޮޅަށް ފިޔަވަޅެއް ނޭޅެ އެވެ.
ވޮޝިންޓަންގައި ވާހަކަ ދައްކަވަމުން 6 ޖެނުއަރީ 2021ގައި ޓްރަމްޕް ވިދާޅުވެ އެވެ: "އަހަރެމެން ހިނގާފައި ކެޕިޓަލްއަށް ދާންވާނެ، އަދި އަހަރެމެން ވާނެ ހިތްވަރު ގަދަ ފިރިހެން ސެނެޓަރުންނާއި އަންހެން ސެނެޓަރުންނަށް ސާބަސްދޭން."
ޕެނަރޯމާގައި އެޑިޓްކޮށްފައި ދެއްކި ވީޑިއޯގައި އޭނާ ވިދާޅުވެ އެވެ: "އަހަރެމެން ހިނގާފައި ކެޕިޓަލްއަށް ދާންވާނެ...ކަލޭމެންނާ އެކު އަހަރެން ވެސް ދާނަން. އަހަރެމެން ފައިޓްކުރާނަން، ވަރުގަދައަށް ފައިޓްކުރާނަން."
އެކަމަކު ގުޅުވާފައި އޮތް ދެ ބައިގެ ދެމެދު ޓްރަޕް ވަނީ ގާތްގަނޑަކަށް 50 މިނިޓް ވަންދެން ވާހަކަ ދައްކަވައިފަ އެވެ. އެހެންކަމުން އެ ދެ ބައި ގުޅުވާފައި ގެނެސްދިނުމުން އެ ދުވަހުގެ ހަމަނުޖެހުންތަކަށް ޓްރަމްޕް ސީދާ ގޮވާލެއްވީ ކަމަށް ދޭހަވެ އެވެ.
ޓްރަމްޕްގެ ވީޑިއޯއަކާ ގުޅިގެން ބީބީސީގެ އިސް ދެ ވެރިޔަކު އެކުގައި އިސްތިއުފާ ދެއްވީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ