އެމްޑީޕީ ޕްރައިމަރީ: މާލޭގެ މޭޔަރު ޓިކެޓަށް ވާދަކުރަނީ ދެ އާޒިމް އެމްޑީޕީ ޕްރައިމަރީ: މާލޭގެ މޭޔަރު ޓިކެޓަށް ވާދަކުރަނީ ދެ އާޒިމް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ކަން އެނގިއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ އާޒިމް ވެސް މިހާރު ވަނީ ކެމްޕޭން ފަށާފަ އެވެ. އާދަމް އާޒިމްގެ ކެމްޕޭނު ހަރަކާތްތަކެއް މިދިޔަ ހަފުތާގެ ތެރޭ މާލޭގައި ބާއްވާފައިވެ އެވެ. އަލީ އާޒިމްގެ ރަސްމީ ކެމްޕޭން ހަރަކާތެއް އަދި ނުބާއްވަ އެވެ.
އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމުގައި ވެސް މިހާރު ހުންނެވި އާދަމް އާޒިމް މޭޔަރުކަން ކާމިޔާބުކުރެއްވީ 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ މާލެ ސިޓީން 31 ޕަސެންޓު މީހުން ވޯޓުލީ އިންތިހާބުގެ 44.8 ޕަސެންޓު ހޯއްދަވައިގެންނެވެ.
ޖެނުއަރީ 13، 2024 ގައި ބޭއްވި އެ އިންތިހާބުގައި އާޒިމް އާ އެންމެ ގާތުން ވާދަކުރެއްވީ، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރު އެވެ. މޭޔަރުކަމަށް ވަޑައިގަތުމުގެ ކުރިން، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އާޒިމް ހުންނެވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
އަލީ އާޒިމް އަކީ 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް، ހޮވުނު މެންބަރެކެވެ. އެ ޕާޓީގެ އިސް ސަފުގައި ހުންނެވުމަށްފަހު ޕާޓީގެ ތެރޭގައި އުފެދުނު ސިޔާސީ ކޯޅުމުގެ ތެރެއިން އޭނާ ޕާޓީން ވަކިކުރި އެވެ.
އޭގެ ފަހުން އާޒިމް ފެނިގެން ދިޔައީ އޭނާ އާއެކު އެމްޑީޕީން 2023 ގައި ވަކިވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓީ ދޫކޮށް އަލުން އަނބުރާ އެމްޑީޕީއަށް އާޒިމް ސޮއިކުރެއްވީ ޖެނުއަރީ 11، ގަ އެވެ.
ނަޝީދު ހިމެނޭހެން ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވި ގިނަ ބޭފުޅުން މިހާރު ވަނީ އަލުން އަނބުރާ އެމްޑީޕީއަށް ސޮއިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ