"މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު ބޭއްވި "މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މިދިޔަ ދެ އަހަރު މި މުބާރާތް ކުރިއަށް ގެންގޮސްފައިނުވާއިރު، މިއަހަރުގެ މުބާރާތުގައި 32 ސްކޫލަކުން 900 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން 2019 ވަނަ އަހަރުވެސް މުބާރާތް ކުރިއަށް ގެންގޮސްފައިވެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސައިކްލިން ހަރަކާތުގައި ފަސް އުމުރުފުރާއަކުން ކުދިން ވާދަކޮށްފައިވެއެވެ. އެއީ 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
މުބާރާތުގައި ހުކުރު ދުވަހު ހެނދުނު ކުރިއަށް ދިޔައީ 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން 200 މީޓަރުގެ ރޭސްތަކެވެ. އަދި ހުކުރު ދުވަހުގެ މެންދުރުފަހު 15، 17 އަދި 19 އަހަރުން ދަށުގެ 200 މީޓަރުގެ ރޭސްތައް ކުރިއަށްދިޔައެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހު 13 އަހަރާއި 15 އަހަރުގެ އެއް ކިލޯމީޓަރުގެ ރޭސްތަކާއި، 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ 3 ކިލޯމީޓަރުގެ ރޭސްތައް ކުރިއަށްދިޔައެވެ. އަދި ހޮނިހިރު ދުވަހުގެ އެންމެ ފަހު އިވެންޓަކީ 11 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ބޭއްވި ކިޑްސް ފަން ރައިޑެވެ. މި އިވެންޓުގައި ބައިވެރިވި ކުދިންނާއެކު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ވަގުތުކޮޅެއް ހޭދަކޮށްފައެވެ.
މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ މައިގަނޑު މަގުސަދަކީ ސްކޫލު ކުދިންގެ މެދުގައި ބައިސްކަލް ދުއްވުމަށް ޝައުގުވެރިކަން އިތުރުކުރުމާއިއެކު، ކުޑައިރުއްސުރެ ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުން ބައްޓަން ކުރުމަށް އެހީތެރިވެދިނުން ކަމުގައި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ