ކަރަންޓު ކަނޑާނުލައި އިންޖީނުގެ އަޕްގްރޭޑް މަސައްކަތް މިއަދަށް ނިންމާލައިފި

އެއްވެސް ސަރަޙައްދަކުން ކަރަންޓު ކަނޑާނުލައި ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދަށް ނިންމާލައިފިއެވެ.
ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަގްރޭޑްކޮށްފައިވަނީ އިންޖީނުގެ ނިއްވާލައިގެންނެވެ. އިންޖީނުގެ ނިއްވާލާފައިވަނީ ރޭ މެންދަމުން އަލިވެ 3:00އިން ފެށިގެން ހެނދުނު 8:00 ޖެހުމާހަމައަށެވެ. އެވަގުތު މާލޭގެ ލޯޑް ހުރީ 76 މެގަވޮޓްގައެވެ. މިވަގުތުތަކުގައި އިންޖީނުގެ ނިއްވާލި ނަމަވެސް މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮށްފައިވަނީ ހުޅުމާލޭގައި ހުރި ހައިސްޕީޑް އިންޖީނުތަކުންނެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ސްޓެލްކޯއިން ވިދާޅުވީ މި އަޕްގްރޭޑަކީ އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލާފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށްފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އަންގާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ސްޓެލްކޯއިން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުނުކެނޑި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމަށް ގެންނަންޖެހޭ އަޕްގްރޭޑާއެކު އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ