އިޔާޒުގެ ބޮޑު ތުހުމަތެއް: ރާއްޖެއަށް ޑުރަގާއި ކޮރަޕްޝަނާއި އަނިޔާވެރިކަން ތައާރަފުކުރީ މައުމޫން!

ރާއްޖެއަށް ޑުރަގާއި ކޮރަޕްޝަނާއި އަނިޔާވެރިކަން ތައާރަފުކުރެއްވި ބޭފުޅަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ތުހުމަތު ކުރައްވައިފި އެވެ.
އިޔާޒު އެހެން ވިދާޅުވީ, ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ދެއްކެވި ވާހަކަފުޅަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އިންޓަވިއުގައި ޔޯގާއަކީ ހަރާމްކަމެއް ކަމަށް ބައެއް ދީނީ އިލްމުވެރިން ވިދާޅުވާ ކަމަށާއި އެކަމާ ދޭތެރޭގައި ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ޕްރެޒެންޓަރު ސުވާލުކުރުމުން މައުމޫން ވަނީ ދީނީ އިލްމުވެރިއެއް ކަމަށް ނިންމަނީ އަމިއްލައަށްތޯ ސުވާލު އުފައްދައިފަ އެވެ.
މައުމޫން ވިދާޅުވީ, އެ މަނިކުފާނުގެ ވެރިކަމުގައި ދީނީ އެއްބައިވަންތަކަން ރައްކާތެރިކުރުމާބެހޭ ގާނޫނެއް ހެއްދެވި ކަމަށާއި އެ ގާނޫނުގައި ދީނީ އިލްމުވެރިއަކަށް ވާނީ ސަރުކާރު ގަބޫލުކުރާ އިސްލާމިކް ޔުނިވާސިޓީއަކުން ނުވަތަ ކޮލެޖަކުން މަތީ ފާސް ހޯދައިގެން އަންނަ މީހުން ކަމަށް ކަނޑައަޅާފައި އޮންނާނެ ކަމަށެވެ.
އެހެންކަމުން ހަމަ ހުރެފައި ނުކުމެ, ދީނީ ވާހަކަދައްކަން ފެށުމަކީ އަދި ދީނީ އިލްމުވެރިއަކަށްވުން ނޫން ކަމަށް ވިދާޅުވި އެވެ.
“ކޮންމެވެސް ޔުނިވާސިޓީއަކުން ކިޔަވާލާފަ, އެއް އަހަރު ދެ އަހަރު ކިޔަވާލާފަ މަންޒަރަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފަ, ތުނބުޅިއެއް ބަހައްޓާފަ, ދީނީ ވައްތަރުގެ މި ބުނީ އަރަބި ވައްތަރުގެ ހެދުމެއް އެޅުމަކީ އެއީ ދީނީ އިލްމުވެރިއަކަށްވީތޯ? އެއީ ދީނީ އިލްމުވެރިއަކަށްވީކީ ނޫނޭ,” މައުމޫން ވިދާޅުވި އެވެ.
މައުމޫނަށް ފާޑުވިދާޅުވި ބޭފުޅުންގެ ތެރޭގައި ޖަމިއްޔަތުލް ސަލަފުގެ ރައީސް ޝައިހް އަބްދުالله ބިން ޖަނާބު ހިމެނެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ ތުނބުޅި ބަހައްޓާ ކޮންމެ ފިރިހެނަކާއި ބުރުގާއަޅާ ކޮންމެ އަންހެނަކީ ކުށްވެރިއެއް ކަމުގައި ރައީސް މައުމޫންގެ ވެރިކަމުގައި ހައްދަވައިގެން، އެމަނިކުފާނުގެ ސަރުކާރުގެ ހުރިހާދިމާލަކުން ތުނބުޅިއާ، ބުރުގާ އާ ދެކޮޅަށް ހަނގުރާމަ ކުރެއްވީ ކީއްވެގެންތޯ އައްސަވާ ސުވާލުކުރައްވައިފަ އެވެ.
އަދި ސުންނަތަށް ތުނބުޅި ބަހައްޓާފައި ހުންނަ ކޮންމެ މީހަކު މައުމޫންގެ ސަރުކާރުގައި ހިފާ ހައްޔަރުކުރުމަށް ސިޔާސަތު ގެންގުޅުއްވީ އެމީހުންގެ ކޮންކުށަކުންތޯވެސް ސުވާލު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ