ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމި މައްސަލަ ހާހަކުން މަތި، އެންމެ ގިނައިން ޖޫން މަހު
މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ޖުމްލަ 1،096 މައްސަލައެއް ބަލައި ނިންމައިފައިވާކަން އެ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު އެ ކޯޓަށް ހުށަހަޅައިފައިވަނީ ޖުމްލަ 786 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ އެ ކޯޓަށް ހުށަހަޅައިފައިވަނީ ޖޫން މަހުގެ ތެރެއެވެ. އެއީ 113 މައްސަލައެކެވެ. އެންމެ ގިނަ މައްސަލަ ބަލައި ނިންމައިފައިވަނީ ވެސް ޖޫން މަހެވެ. އެ މަހު 165 މައްސަލަ ކޯޓުން ބަލައި ނިންމައިފައިވެއެވެ. ކްރިމިނަލް ކޯޓުގެ މަސައްކަތު ރޭޓަށް ބަލާއިރު، މިދިޔަ އަހަރު އެކި މައްސަލަތަކުގައި ޖުމްލަ 12،757 އަޑުއެހުމެއް ޝެޑިއުލްކުރި ނަމަވެސް ބޭއްވިފައިވަނީ 59 ޕަސެންޓު އަޑުއެހުމެވެ. 41 ޕަސެންޓު އަޑު އެހުން ކެންސަލްވެފައިވެއެވެ. މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ބަންދާމެދު ގޮތެއް ނިންމުމަށް އެކި ކޯޓު އަމުރުތަކަށް އެދި 4,126 ފޯމު ހުށަހަޅައިފައިވެއެވެ. އޭގެ ތެރެއިން 1،795 ފޯމަކަށް ކޯޓު އަމުރު ނެރެދީފައިވެއެވެ. އަދި 2،331 ފޯމަކަށް ބަންދާމެދު ގޮތް ނިންމައިދީފައިވެއެވެ. ފާއިތުވި ފަސް އަހަރު ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން މައްސަަލަ ނިންމައިފައިވަނީ 2019ވަނަ އަހަރެވެ. އެންމެ ގިނަ މައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ ވެސް އެ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ