ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 439 މިލިއަން ރުފިޔާ

ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރުގެ މިހާތަނަށް 439 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވަނީ 374 މިލިއަން ރުފިޔާ އެވެ. އެހެންވެ، ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ލިބުނު އަދަދު ވަނީ ބަޖެޓުގައި ލަފާކުރި އަދަދަށް ވުރެ 17 ޕަސެންޓް އިތުރުވެފަ އެވެ. 
ބަޖެޓު ފޮތުގައިވާ ގޮތުން ގްރާންޓްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އެކި ޕްރޮޖެކްޓްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ އަދަދުތަކެވެ. ހިލޭ އެހީގެ ގޮތުގައި ޕްރޮޖެކްޓްތަކަށް 324 ލިބޭނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވެ އެވެ. ނަމަވެސް، ކޭޝް ގްރާންޓްގެ ގޮތުގައި އެއްވެސް އަދަދެއް ހިމަނާފައެއް ނުވެ އެވެ. 
 މިދިޔަ އަހަރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް އަހަރު ނިމުނު އިރު ލިބިފައިވަނީ 400 މިލިއަން ރުފިޔާ އެވެ. އެއީ ކޭޝް ގްރާންޓްގެ ގޮތުގައި 34 މިލިއަން ރުފިޔާ އާއި ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި ލިބުނު 339 މިލިއަން ރުފިޔާ އެވެ. 
އެހެންވެ، މި އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރު ޖުމްލަ ހިލޭ އެހީގެ ގޮތުަގައި ލިބުނު އަދަދަށް ވުރެ ވެސް އިތުރުވެފަ އެވެ.
ނަމަވެސް، މެދުރާސްތާގައި ރާއްޖެ އަށް ހިލޭ އެހީ ލިބޭ ވަރު އިތުރަށް ދަށްވާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވެ އެވެ. ކުރިއަށް އޮތް ދެ އަހަރު ވެސް ހިލޭ އެހީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.
ހިލޭ އެހީގެ ގޮތުގައި 2021 އާއި 2022 އާއި 2023 އަހަރުގައި ދައުލަތަށް އެއް ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ