ރަތްކަނޑުގައި ސައުދީ އަރަބިއްޔާގެ ދެ ތެޔޮ ޓޭންކަރަކަށް ދިން ހަމަލާތަކުގެ ޒިންމާ ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ނެގުމާ ގުޅިގެން، ދުނިޔޭގެ މާކެޓަށް ހަކަތަ ފޯރުކޮށްދިނުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެދާނެކަމުގެ ބިރު ބޮޑުވެފައިވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށާއި އެ ގައުމާ ގުޅުންހުރި ހޫތީންނަށް ވަރުގަދަ އަސްކަރީ އަދަބެއް ދޭނެ ކަމުގެ އިންޒާރު ރޭ ދެއްވައިފި އެވެ.
"އެ މީހުން އަނެއްކާވެސް މިފަދަ ކަމެއް ކޮށްފި ނަމަ، އެމެރިކާއިން އީރާން މީގެ ޒިންމާ އުފުލުވާނެ. އަދި އީރާނަށާއި އޭގެ އިތުރުން ހޫތީންނަށް ވެސް ވަރުގަދަ އަސްކަރީ އަދަބެއް ދެވޭނެ،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
އެކްސިއޯސްއަށް ފަހުން ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އީރާނަށް އަދި އެކަށީގެންވާ ވަރަށް އަދަބު ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
މި ހަމަނުޖެހުން ބޮޑުވެގެން ދިއުމާ އެކު، މޭ މަހަށް ފަހު ފުރަތަމަ ފަހަރަށް ބްރެންޓް ކުރޫޑް ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް ރޭ އުފުލިފަ އެވެ. އަދި އުޅަނދުފަހަރު ބާބު އަލްމަންދަބު ކަނޑުއޮޅިން ދަތުރުކުރުން ހުއްޓާލުމާ ގުޅިގެން، ކަނޑުދަތުރުފަތުރަށް ބުރޫއަރައި އުޅަނދުފަހަރުގެ އިންޝުއަރެންސް ހަރަދުތައް ވަނީ އިތުރުވެފަ އެވެ.
އެމެރިކާއިން ޖެހިޖެހިގެން 13 ވަނަ ރެއަށް އީރާނަށް ވައިގެ ހަމަލާތައް ދެމުންދާއިރު، ތެހެރާނުން ބުނީ އުރުދުން އާއި ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް ހަމަލާދީފައިވާނެ ކަމަށާއި ބަދަލުހިފުމުގެ ހަމަލާތައް ކުރިއަށްގެންދާނެ ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ ކަނޑުދަތުރުފަތުރަށް ލިބޭ ގެއްލުމުގެ ބަދަލުދިނުމަށް ހިފަހައްޓާފައިވާ އީރާނުގެ މާލީ ވަސީލަތްތައް ބޭނުންކުރުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ފާޑުވިދާޅުވެފަ އެވެ.
"މީގެ ސަބަބުން ނުކުންނާނެ ހަލަބޮލިކަމަކީ ރީތި ނުވަތަ ސުލްހަވެރި ކަމަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮންނަ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ވަނީ އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް ޓްރަމްޕަށް އަންގާ ގާނޫނެއް ފާސްކޮށްފަ އެވެ. ނަމަވެސް، މިއާ އެއްގޮތް ފިޔަވަޅެއް ފަހުން ސެނެޓުން ވަނީ ހުއްޓުވާފަ އެވެ.
ތެޔޮ 100 ޑޮލަރަށް ވުރެ މަތީގައި؛ ވަރުގަދަ އަސްކަރީ އަދަބެއް ދޭނެކަމުގެ އިންޒާރު އެމެރިކާއިން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ