ރާއްޖޭގައި އިހުމާލުކުރެވިފައިވާ ހައްގުތަކުގެ ތެރެއިން؛ އެކަށީގެންވާ އަވަސް މިނެއްގައި ތަހުގީގުކުރެވުމުގެ ހައްގު

'އަދާލަތު ލަސްވުމަކީ އަދާލަތު ނުލިބުން' ކަން އެއީ
އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް، ގާނޫނު ދަންނަ މީހުން ނިކަން ފަރިތަކޮށް ކިޔައި
އުޅޭ ޖުމުލައެކެވެ. ގާނޫނު ކިޔަވައިދިން މަދަރުސާގައި ކިޔާތީ އަޑުއިވުނު
ވާހަކައަކަށްވީތީ، އަދި ޒާތަކަށް ބަނޑުވަށްއަކުރު ވެސް އެއްގޮތް، އެމުނި އެކުލެވޭ
ޖުމުލައަކަށްވާތީ ހިތުދަސްވީ އެވެ. އޭގެ މާނައާއި ބޭނުމާމެދު ފަރުވާތެރިވެވިފައި
އޮތީ ކިހައިވަރަކަށްތޯ އެނގޭނީ އެތެރެއަށް ފީނާލައި ބަލާލީމަ އެވެ.
ޖިނާއީ އަދުލުގެ ނިޒާމުގެ މައިގަނޑު ބޭނުމަކީ
ޖިނާއީ ކުށް ބަޔާންކުރާ ގާނޫނުތަކާ ހިލާފުވާ މީހުން ހޯދުމާއި، އެމީހުން ކުރާ ކުށްކުށުގެ
ސަބަބުން އަނިޔާލިބޭ މީހުންނަށާއި މުޖުތަމައުއަށް އިންސާފު ހޯދައި ދިނުމެވެ. މިކަން
ކުރެވޭއިރު ދައުލަތެއް ހައިސިއްޔަތުން ބަލަންވާނޭ އަނެއް ކަމަކީ، ކުށުގެ
ތުހުމަތުގައި ދެނީ އަނިޔާއެއް ނޫންކަމާއި، ހަމައެކަނި އަދަބެއްކަން
ކަށަވަރުކުރުމެވެ. ކުށެއްގެ އަމަލެއް ހިންގައިފިކަމަށް ތުހުމަތު ކުރެވިއްޖެ
މީހަކަށް އަދަބު ދޭނޭތޯ ނިންމާންވާނީ، އެ ކުށް ހަގީގަތުގައި ވެސް ކުރީ އޭނާކަން
އިންސާފުވެރި ޝަރީއަތަކަށް ކަށަވަރުވެގެންނެވެ. ތަހުގީގުކުރުމާއި، އެ ތަހުގީގުގެ
މައްޗަށް ދައުވާކުރުމާއި ޝަރީއަތްކުރުމުގެ އުސޫލުތައް ގާނޫނުއަސާސީގައި ލިޔެ، އޭގެ
ތަފުސީލުތައް ގާނޫނުތަކުގައި ލިޔެގެން މިއުޅެނީ އެހެންވެގެންނެވެ.
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
މުޅި ޖިނާއީ އަދުލުގެ ނިޒާމަކީ، ކުށެއްގެ ތުހުމަތުކުރެވޭ
މީހާއަކީ ހަގީގަތުގައި ވެސް އެ ކުށްކުރި މީހާތޯ ބެލުމަށާއި، އޭގެ ފަހަށް އޭނާއަށް
ހައްގުވާ އަދަބެއް ދިނުމަށް ހިންގާ އިޖުރާއަތެވެ. އެ އިޖުރާއަތު ހިންގެނީ ދައުލަތެއްގެ
ނަމުގައި ކަމަށްވީތީ، އެ ނިޒާމު ހިންގާ މީހުން ފަރުވާތެރިވާންޖެހޭނޭ ކިތަންމެ
ކަމެއް ހުރެ އެވެ. އޭގެ ތެރެއިން ވަރަށް މުހިންމު އެއް ކަމަކީ އެކަށީގެންވާ
އަވަސްމިނެއްގައި އޭނާއާ މެދު ޝަރީއަތް ކުރެވުމެވެ.
މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު
ކުރެވޭއިރު، އެ ކުށް ހަގީގަތުގައި ވެސް ކުރީ އޭނާ ކަމެއް އަދި ކަށަވަރެއް ނުވާނެ
އެވެ. އެކަމެއް ކަށަވަރުވާނީ އެތައް މަރުހަލާއަކުން އެކަމެއް ނިމިގެންނެވެ.
ތަހުގީގީ އިދާރާތަކުން އެ މައްސަލައެއް ތަހުގީގު ކުރާނެ އެވެ. އޭގެ ފަހަށް
ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު ދައުވާކުރާން މީހާއަށް އެކަމެއް
ގަބޫލުކުރެވުމުން، އޭނާ އެކުށުގެ ދައުވާ އުފުލާނެ އެވެ. އޭގެ ފަހަށް ފަނޑިޔާރަކު
އެ މައްސަލައެއް ބަލައި، ގާނޫނުތަކުން ލާޒިމުވާ ހުރިހައި ރުކުނެއް ފުރިހަމަވެގެން
މެނުވީ އެމީހާއަކަށް މުޅި ދައުލަތުގެ ނަމުގައި އަދަބެއް ނުދޭނެ އެވެ. މިއީ ދުނިޔޭގައި
ހަމައާއި އިންސާފު ގަބޫލުކުރާ ހުރިހައި ގައުމެއްގައި ވެސް މިކަން އޮތްގޮތެވެ.
އަޅުގަނޑުމެންގެ ރާއްޖެއިން ވެސް މި ހަމަ
ގަބޫލުކުރާތީ ގާނޫނުއަސާސީގެ 50 ވަނަ މާއްދާއާއި، 51 ވަނަ މާއްދާގެ (ބ) ގައި
ލިޔުނީ މި ވާހަކަ އެވެ. އެއްވެސް މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު
ކުރެވިއްޖެނަމަ 'ލަސްނުކޮށް' އެ މައްސަލައެއް ތަހުގީގު ކުރަންވާނެ ކަމަށެވެ. އަދި
ދައުވާކުރަން ޕީޖީއަށް ފެނިއްޖެނަމަ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ދައުވާ
ކުރަންވާނެ ކަމަށެވެ. އޭގެ ފަހަށް އޮތީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި
ޝަރީއަތްކޮށް ނިންމަންވާނެ ކަމަށެވެ.
ރާއްޖޭގައި މި މައްސަލައެއް ބޮޑުވާން ފެށީ ތަހުގީގަށް
ބަންދުކުރެވޭ މީހުންގެ ތަހުގީގު ނުނިމި ދިގުލައިގެން ދާތީ އެވެ. އެ މައްސަލަ
މިހާރު އެއޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ހައްލުކުރެވިފަ އެވެ. މީހަކު ހައްޔަރުކުރެވިއްޖެނަމަ،
އެ ތަހުގީގު ނިންމައި އެމީހެއްގެ މައްޗަށް ދައުވާކުރަން ގާނޫނުގައި މިހާރު
މުއްދަތެއް ކަނޑައަޅައިފި އެވެ. އެހެންވީމާ، އެ މައްސަލަ އެއޮތީ ޒާތަކަށް ހައްލުވެފައި
ކަމަށް ބެލެވިދާނެ އެވެ.
ހައްލެއް ނުފެނިގެން މިއުޅެނީ އޭސީސީ އިން ތަހުގީގު
ކުރާ ޖިނާއީ މައްސަލަތަކުގަ އެވެ. މީގެ ހަތަރު ފަސް އަހަރު ކުރިން ތަހުގީގު ކުރަން
ހުށަހެޅުނު މައްސަލަތައް ވެސް އަދިވެސް އެ ގެންދަނީ ތަހުގީގުކުރަމުންނެވެ. ގާނޫނުއަސާސީގެ
50 ވަނަ މާއްދާގައި ބަޔާންކުރާ ތަހުގީގީ އިދާރާތަކުގެ ތެރޭގައި އޭސީސީ ވެސް ހިމެނެ
އެވެ. އެހެންވީމާ 'ލަސްނުކޮށް' ތަހުގީގު ކުރުމަކީ އޭސީސީގެ މައްޗަށް ވެސް އޮތް
ޒިންމާއެކެވެ.
އޭސީސީއަށް މައްސަލައެއް ހުށަހެޅުމުން އެ
ކޮމިޝަނުން ހިންގަނީ ނިކަން ޒާތެއްގެ ތަހުގީގެކެވެ. އެ މައްސަލައެއް
ހުށަހެޅުމާއެކު، މެންބަރު ބައްދަލުކޮށް އެއީ ތަހުގީގު ކުރާނޭ މައްސަލައެއް ކަމަށް
ނިންމަ އެވެ. އެ ހިސާބުން އެއޮތީ ތަހުގީގު ފެށިފަ އެވެ. ވަރަށް އަވަހަށް ކޯޓު
އަމުރެއް ހޯއްދަވައިގެން އެ މައްސަލައާ ގުޅޭ ތަންތަން ބަލައިފާސްކޮށް، ތަހުގީގަށް
ބޭނުންވާ މުދާއަތުލައި އެ އިޖުރާއަތު ހިންގާލަ އެވެ. އޭގެ ފަހަށް އަހަރެއްހައި ދުވަސް
ފާއިތުވާ ފަހުން، މައްސަލައިގެ ތުހުމަތު ކުރެވޭ މީހާގެ ބަޔާނެއް ނަގަން ގޮވާލަ
އެވެ. އޭނާ ވެސް ނިކަން ހުށިޔާރެވެ. ފުރަތަމަ ދުވަހު ދަނީ ވަކީލަކު ނުލަ އެވެ.
ދެން ވަކީލެއްގެ ފުރުސަތު ދީފައި ފޮނުވައިލަފާނެ އެވެ. ދެން ތަހުގީގަށް ހާޒިރުވާން
އަންގާނީ އޭގެ ހައެއްކަ މަސް ފަހުން، އެންމެ ނުތަންވަޅުގަ އެވެ. އެ ދުވަހު ދޭ
ބަޔާން އިސްލާހުކުރަން އިތުރު ހަ މަސް ވެއަތުވާ ފަހުން ގޮވާލަފާނެ އެވެ. މިގޮތަށް
ތިން ހަތަރު އަހަރެއް ވެއަތުވާއިރު ވެސް އެ މައްސަލައެއްގެ ވާހަކައެއް އަހާލާއިރަށް
ނިކަން ފަރިތަކޮށް ވިދާޅުވާނެ އެވެ. ތިޔަ މައްސަލަ ދަނީ ތަހުގީގު ކުރެވެމުންނެވެ.
މި ހޭދަވެގެންދާ ހަތަރު އަހަރު ދުވަހު، ކުށުގެ
ތުހުމަތު ކުރެވުނު މީހާ ހުންނަނީ ފައްތަރެއްގަ އެވެ. އޭނާގެ ދިރިއުޅުން އޮންނަނީ
ހުއްޓިފަ އެވެ. ދެން ވާން އުޅޭ ގޮތެއް ނޭނގޭތީ ދިރިއުޅުމުގެ އެއްވެސް ބޮޑު
ނިންމުމެއް ނިންމޭކަށް ނެތެވެ. ވަޒީފާއަކަށް ކުރިމަތިލާން ކުށުގެ ރެކޯޑު
ސާފުކުރާއިރު ބަލަމުންދާ މައްސަލައެއް 'އެބައޮތް' ކަމަށް އޭސީސީ އިން ބުނާތީ
ވަޒީފާއެއް ލިބޭ ގޮތެއް ނުވެ އެވެ. ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތު ކުރެވޭ
މީހަކަށްވާތީ މުޖުތަމައުގެ އިތުބާރެއް ނުލިބެ އެވެ.
ގާނޫނުއަސާސީގެ 50 ވަނަ މާއްދާ ލިޔެވިފައި އެއޮތީ
މި ހާލަތު ހުއްޓުވުމަށެވެ. އެ މާއްދާގައި ސާފު ބަހުން ތަހުގީގީ އިދާރާތަކަށް
ކޮށްފައި އެއޮތް އަމުރަކީ، 'އަވަހަށް' މައްސަލަ ތަހުގީގުކުރުމެވެ. އެ ބުނާ
އަވަހަކީ ކޮބައިތޯ އަހައިފިއްޔާ އަޅުގަނޑު ދޭނޭ ޖަވާބު ވަރަށް ސާފެވެ. "އަވަހަކީ
ދެން... އަވަސް ވުމެވެ. ލަސް ނުވުމެވެ. ގެއްލުން ނުވުމެވެ. ރަނގަޅުވުމެވެ."
އަވަހަށް ތަހުގީގު ކުރަންވާނެޔޭ ބުނެފައި، އެއީ
ކިހައި އަވަހެއްކަން ގާނޫނުއަސާސީގައި ބަޔާން ނުކޮށް އޮތީ ހަމަ ގަސްތުގަ އެވެ. އަވަސް
ލަސްމިން ބަލާނީ މައްސަލައިގައި ތަހުގީގު ކުރަންޖެހޭނޭ ކަންކަމަށް ބަލައިގެންނެވެ.
އެ މައްސަލައިގައި ދުނިޔޭގެ ހަތަރު ބިތުގައި ތިބި އެތައް ހާސް ބައެއްގެ ބަޔާން
ނަގަންޖެހޭނަމަ، އެކަމަށް ހުރި ގޮންޖެހުންތަކަށް ބަލައި ދެތިން އަހަރަކީ ދިގު
މުއްދަތެއް ނޫންކަމަށް ބެލިދާނެ އެވެ. ހަމަ އެގޮތަށް، މައްސަލައިގެ ޒާތަށް
ބަލާއިރު، މަސް ދުވަހަކީ ވެސް އެކަށީގެންވާ ވަރަށްވުރެ ލަސް މުއްދަތެއްކަމަށް
ބެލިދާނޭ ހާލަތެއް އޮވެދާނެ އެވެ. ކުރުކޮށް ދަންނަވާނަމަ، ތަހުގީގު އަވަސްވުމަކީ
ކޮބައިކަން ބަލާނީ ކޮންމެ މައްސަލައެއްގައި ހިމެނޭ ކަންކަމުގެ ޒާތާއި ބާވަތަށް
ބަލައިގެންނެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މި ދިވާމާ މައްސަލައަކީ، މައްސަލައިގެ
ޒާތަށް ނުވަތަ ތަބީއަތަށް ބެލުމެއްނެތި، ހުރިހައި މައްސަލައެއްގައި ވެސް ތަހުގީގު
ލަސްވުމެވެ. މި އާދައެއް އަށަގަނެ، އެކަމަށް ފަރުވާއެއް ނުކޮށްތިއްބައި އެއީ އާދައިގެ
ކަމަކަށްވެ، ތަހުގީގު އަވަސްވުން އެއީ އައިބު ކަމަކަށް ވެސް ވެ ނިމިއްޖެ އެވެ.
ކުރަންވީ ކަމަކީ، މި އާދައަށް ގޮންޖެހުމެވެ. އޭސީސީ
އިން ތަހުގީގު ލަސްކުރާތީ އެއީ އަސާސީ ހައްގަކަށް އަރައިގަތުމުގެ އަމަލެއް ކަމަށް
ކަނޑައެޅުމަށް ކޯޓުތަކަށް ހުށަހަޅަންވީ އެވެ. އެއީ އެކަމާ ހަވާލުވެތިބި މީހުން
ހިންގާ 'ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ' ޖިނާއީ ކުށުގެ އަމަލެއްގެ ގޮތުގައި
ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށް ވެސް ހުށަހަޅަންވީ އެވެ. އަސާސީ
ހައްގުތަކަށް އަރައިގަންނަ މީހުން ފާހަގަކޮށް ބައިނަލްއަގުވާމީ އިދާރާތަކަށް ވެސް
އެމީހުންގެ މައްސަލަތައް ހުށަހަޅަންވީ އެވެ. މިއީ ދުލުން ބުނަން ފަސޭހަ
ވާހަކައަކަށް ވިޔަސް ކުރަން ނިކަން އުނދަގޫ ކަންތައްތައްކަން އަޅުގަނޑަށް ވެސް
އެނގެ އެވެ. މި ކަހަލަ ކަންކަމަށް ހޭދަކުރާ ވަގުތަކީ ވަގުތު ދުއްވާލުންކަމަށް
ފެންނާތީ އަޅުގަނޑުމެން ވަކީލުންނަށް ވެސް މިކަހަލަ ކަންކަމުން ރެކެވެނީ އެވެ. ވާގޮތެއް
އެނގޭނީ ރަނގަޅު ގޮމެއް ޖެހީމަ އެވެ. ރަނގަޅު އިރުވަރުގައި ހެޔޮ އެތިފަހަރެއް
ހެދިއްޖެނަމަ ގާނޫނުއަސާސީގެ 50 ވަނަ މާއްދާއަށް އޭގެ ހަގީގީ ދިރުން ލިބިގެން
ދިއުމަކީ އަދިވެސް ނުވާނޭ ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ