ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައި އެކަމުގައި މުހިންމު މަސައްކަތްތަކެއް މިދިޔަ ދުވަސްތަކުގައިވަނީ ކުރިއަށްގެންގޮސްފައެވެ. ސަރުކާރުން ތިލަފުއްޓަށް ބަނދަރު ބަލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ގިރާކޮށް އިމްޕޯޓަށް ބަރޯސާފައިވާ ރާއްޖޭގެ މައި ވިޔަފާރީގެ ދޮރާއްޓަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމެވެ.
މާލޭ ވިޔަފާރި ބަނދަރާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ފާހަގަކުރާ އެންމެ ބޮޑު މައްސަލައަކީ، މުދާ ކްލިއަރ ކުރުމަށް ހޭދަވާ ވަގުތެވެ. ބަނދަރުގެ މަގަތުފާލަން ޖާގަ ކުޑަވުމާއެކު އެއްފަހަރާ ޚިދުމަތް ދެވޭ އުޅަނދުތަކުގެ އަދަދު މަދެވެ. އަދި މުދާ ބާލައި ބަހައްޓާނެ ޖާގަވެސް ދައްޗެވެ. މިމައްސަލަ ހައްލުކުރުމަށް، ބަނދަރުގެ ޖާގަ އިތުރުކުރެވެން ނެތެވެ. މިވަގުތުވެސް ޚިދުމަތް ދެނީ ދެވޭނެ އެންމެ މަތީ ކެޕޭސިޓީއެއްގައިކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ފާހަގަކުރެއެވެ.
މުދާ ކްލިއަރ ކުރުމަށް ހޭދަވާ ވަގުތު ކުޑަކުރުމަށް ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާގެ މަތިން ބަދަލުތަކެއްވެސް ގެނައެވެ. އޭގެ ތެރޭގައި އެއް ބަދަލަކީ 24 ގަޑިއިރަށް އޮޕަރޭޝަން ބަދަލު ކުރުމެވެ. މީގެ ކުރިން ރޭގަނޑު 12:00 ގެ ފަހުން އަންނަ އުޅަނދު މަގަތުފާލަމާއި ކައިރި ކުރަން ހެނދުނު 6:00 ޖަހަން ދެން މަޑުކުރަން ޖެހެއެވެ. ނަމަވެސް މިހާރު އެގަޑިތަކުގައި އެމްޕީއެލްގެ ޕައިލޮޓޭޖް ޚިދުމަތް ފޯރުކޮށްދީ، މުދާ ބޭލުމުގެ މަސައްކަތް ކުރަމުންދާނެއެވެ. މީގެ އިތުރުން ހުސް ކޮންޓެއިނަރ ބެހެއްޓުން ތިލަފުއްޓަށް މިހާރު އެމްޕީއެލްއިން ވަނީ ބަދަލުކޮށްފައެވެ.
އިމްޕޯޓް ޑިމާންޑަށް އައިސްފައިވާ ބަދަލަށް ޕޯޓް ޚިދުމަތް ފުޅާ ނުކުރެވި އަހަރުތަކެއްވުމަކީ މިވަގުތު އަވަސް ހައްލެ މިމައްސަލައަށް ގެނެއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ހަމައެކަނި މުދާ ކްލިއަރ ކުރުމަކުން އަދި ނުފުދެއެވެ. މުދާ ބަނދަރުން ބޭރުކުރުމާއި ގުދަންކުރުމަށް ގެންދިއުމުގެ އޮޕަރޭޝަނަށް ބޭނުންވާ ޖާގަ ނެތެވެ. މިކަމާއި ގުޅިފައިވާ އަނެއް މައްސަލަ އަކީ ރާއްޖޭގެ ޖަޒީރާ ރަށްތަކަށް މުދާ އުފުލުމުގެ އޮޕަރޭޝަނެވެ. ބަނދަރުން ބޭރުކުރާ މުދާ ރަށްރަށަށް ފޮނުވަނީ ނޯތު ހަބަރުންނެވެ. ރިސޯޓުތަކާއި ސިނާޢީ ރަށްތަކަށް މުދާ ފޮނުވުމަށް ބޮޑަށް ބޭނުން ކުރަނީ ޓީޖެޓީ ސަރަހައްދެވެ. މާލެ ވިޔަފާރި ބަނދަރަށް ބޭނުންވާ ޖުމްލަ ހައްލު އާންނާނީ އެތެރޭގެ ލޮޖިސްޓިކަލް އޮޕަރޭޝަންތަކާއި ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް އެއް ހަމައެއްގައި ކުރިއަށްދާނެ ހަރުދަނާ ނިޒާމެއް ޤާއިމް ކުރެވިގެންނެވެ.
ބައެއް ތަފާސް ހިސާބުތަކަށް ނަޒަރު ހިންގާއިރު، އިޤްތިޞާދީ ވުޒާރާއިން ވިދާޅުވި ގޮތުގައި ރާއްޖެއަށް މިހާރު 90،000 އަށް ވުރެ ގިނަ ބާވަތުގެ މުދާ އެތެރެކުރެއެވެ. މިވޭތުވެ ދިޔަ އަހަރުތަކުގެ އިމްޕޯޓް ތަފާސް ހިސާބުތަކަށް އެކަނި ބެލިނަމަވެސް އިމްޕޯޓް ޑިމާންޑް ފުޅާވަމުން އަންނަ މިންވަރު ސާފުވެއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސެސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2020 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް އަގު ހުރީ 1.8 ބިލިޔަން ޑޮލަރުގައެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ނިޔަލަށް މިއަދަދު ހުރީ 3.6 ބިލިޔަން ޑޮލަރަށް މައްޗަށް އަރާފައެވެ.
ސަރުކާރުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރަނީ މިހުރިހާ މައްސަލައަކަށް ހައްލެއް ހޯދުމަށެވެ. މިމަސައްކަތް ފިޔަވަހިތަކަށް ބަހާލައިގެން ސަރުކާރުން ކުރިއަށް ގެންދާއިރު އަންނަ އަހަރު ނޮވެމްބަރު މަހަށް މިމަސައްކަތް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ތިލަފުށީ ބަނދަރު ހަދާ ސަރަހައްދަކީ މިހާރުގެ ބަނދަރަށް ވުރެ 10 ގުނަ ބޮޑު ބިމެއްގައި ތަރައްޤީ ކުރާ ބަނދަރެކެވެ. މިހާރު މާލެ ވިޔަފާރި ބަނދަރުގައި ބޭނުން ކުރާ މަގަތުފާލަމަށްވުރެ ތިލަފުށީގައި ތަރައްޤީ ކުރާ މަގަތުފާލަން 3 ގުނަ ދިގު ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
އައު ބަނދަރުގެ މަސައްކަތް ނިމުމުން، މުދާ ކްލިއަރ ކުރުމަށް ހޭދަވާ ވަގުތުވެސް ކުޑަވެގެންދެއެވެ. މިހާރު މާލެ ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރުމަށް 7 ދުވަހުގެ މުއްދަތެއް ނެގިނަމަވެސް އައު ބަނދަރާއެކު މިމުއްދަތު 2 ދުވަހަށް ކުޑަކުރެވޭނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. ޑޮމެސްޓިކް ބޭނުންތަކަށް ތަރައްޤީ ކުރާ މަގަތުފާލަމަކާއެކު ބަނދަރު ތަރައްޤީ ކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރާއްޓަށް އަންނަ ޒަމާނީ ބަދަލަކަށް ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ