މާލޭގައި ހުޅުވާފައިވާ އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑު އޯވީއެސްގެ ފިހާރައިން ފިރިހެނުންގެ ހެދުމަށް ހާއްސަ ފްލޯއެއް ހުޅުވައި، އެ ބްރޭންޑުގެ ވިޔަފާރި އިތުރަށް ފުޅާކޮށްފި އެވެ.
މިއީ ޔޫރަޕުގެ ފެންވަރު ރަނގަޅު ފެޝަން ހެޔޮ އަގުގައި ދިވެހިންނަށް ފޯރުކޮށްދިނުމަށް އެ ބްރޭންޑުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.
މާލޭގެ މެދުޒިޔާރަތް މަގުގައި ހުންނަ އެސްޖެހިގޭގައި ހިންގާ އޯވީއެސް ޝޯރޫމްގެ ތިންވަނަ ފްލޯގައި މި އާ ކަލެކްޝަން ރަސްމީކޮށް ހުޅުވީ ރޭގަ އެވެ.
އިޓަލީގެ ޒަމާނީ ފަރުމާތަކަށް ތައްޔާރުކޮށްފައިވާ މި ކަލެކްޝަނަކީ ފެންވަރު ރަނގަޅު، ފަސޭހަ އަދި އަގު ހެޔޮ އުފެއްދުންތަކެވެ. މިީގެ ތެރޭގައި ކެޝުއަލް އަދި ރަސްމީ މުނާސަބަތުތަކާ ގުޅޭ އަންނައުނު ހިމެނެ އެވެ.
ދެހާސް ސައުވީހުގައި ހުޅުވި އޯވީއެސް ފިހާރައަކީ ދިވެހި ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. ފުރަތަމަ އަންހެނުންނާއި ކުޑަކުދިންގެ ހެދުންތަކަށް ހާއްސަކޮށްގެން ފެށި މި ބްރޭންޑުން ވަނީ ފެންވަރު ރަނގަޅު އަދި ސްޓައިލިޝް ހެދުންތައް އެކަށީގެންވާ އަގުތަކެއްގައި ފޯރުކޮށްދީގެން އިތުބާރު ހޯދާފަ އެވެ.
ފިރިހެނުންގެ ފެޝަނަށް ހާއްސަ ފްލޯއެއް ތައާރަފުކުރުމަކީ ރާއްޖޭގައި އޯވީއެސް ކުރިއަރަމުންދާ މިންވަރު ދައްކުވައިދޭ ކަމެކެވެ. މިއީ މުޅި އާއިލާއަށް ބޭނުންވާ ހެދުންތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށް އެ ބްރޭންޑުން ދޭ އަހަންމިއްޔަތު ހާމަކޮށްދޭ ބަދަލެކެވެ.
އިޓަލީގައި 1972 ވަނަ އަހަރު އުފެދުނު އޯވީއެސް އަކީ އެ ގައުމުގެ އެންމެ ބޮޑު ފެޝަން ރީޓެއިލާގެ އިތުރުން ޔޫރަޕުގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑެވެ. ޔޫރަޕާއި، މެދުއިރުމައްޗާއި އޭޝިއާގެ ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މި ކުންފުންޏަކީ ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ތަކެތި އުފެއްދުމާއި ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުތަކަށް މަޝްހޫރު ބްރޭންޑެކެވެ.
'އޯވީއެސް' އިން ފިރިހެނުންގެ ފެޝަނަށް ހާއްސަ ފްލޯއެއް ހުޅުވައި، ވިޔަފާރި ފުޅާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ