އާމިރު ޚާނަށް ބައޮޕިކް ފިލްމަކުން ލިބުނު ފުރުސަތު ދޫކޮށްލައިފި

އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ، އަޝްނީރު ގްރޯވަަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގެ ލީޑް ރޯލް ކުޅެން ލިބުނު ފުރުސަތު އެކްޓަރު އާމިރު ޚާން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އަލަށް ޑައިރެކްޝަނަށް ނުކުންނަ ރާހުލް މޯދީ އުފައްދާ މި ފިލްމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތަކެއް މީގެކުރިން ކުރިއަށްގޮސްފައިވާއިރު އާމިރާ އެކު ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނީ ޝްރައްދާ ކަޕޫރު ކަމަށް ވެސް ކުރޯގެ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން އާމިރު މި ފިލްމުން ވަކިވާން ނިންމީ، ފިލްމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަކާ ގުޅިގެންނެވެ. ބޮލީވުޑް ހަންގާމާއަށް މަޢުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، އާމިރު އަކީ ސްޓާޓްއަޕް ވިޔަފާރިތަކަށް ޝައުޤުވެރިވާ މީހަކަށް ވުމުން، މި ފިލްމަށް އޭނާ ވަރަށް ބޮޑަށް އިންތިޒާރުކުރިއެވެ. އަދި ފިލްމުގެ ސްކްރިޕްޓް އިތުރަށް ފުރިހަމަކުރުމުގައި އޭނާ އިސް ދައުރެއް އަދާކުރި ނަމަވެސް، ޑައިރެކްޓަރު ރާހުލް މޯދީއާ ޚިޔާލު އެއްގޮތް ނުވުމުން، ދެމީހުން ވަނީ އެކުގައި މަސައްކަތް ނުކުރުމަށް ނިންމާފައި ކަމަށް ބޮލީވުޑްހަންގާމާއިން ބުނެފައިވެއެވެ. ބަތަލާ ޝްރައްދާ ކަޕޫރު އަދި ޑައިރެކްޓަރު ރާހުލް މޯދީ--ފޮޓޯ/ބޮލީވުޑްހަންގާމާ މި ބައޮޕިކްއިން އާމިރު ވަކިވި ނަމަވެސް، ރާހުލް މޯދީ އާއި ޝްރައްދާ ކަޕޫރު ބޭނުންވަނީ މި ފިލްމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ. އެގޮތުން، އަޝްނީރު ގްރޯވަަރުގެ ރޯލަށް ތަންކޮޅެއް ޒުވާން އެކްޓަރަކު ހޯދުމުގެ މަސައްކަތް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މިހާރުވެސް ބޮލީވުޑްގެ މަޝްހޫރު ދެތިން އެކްޓަރަކާ އެކު މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށާއި، ވަރަށް އަވަހަށް ފިލްމުގެ ކާސްޓް ކަށަވަރުވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. ޝްރައްދާ ކަޕޫރު ޕްރޮޑިއުސްކުރާ މި ފިލްމުގައި އޭނާ ފެންނާނީ އަޝްނީރުގެ އަންހެނުންގެ ރޯލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ