18އަހަރުވީ އިންޖީނުގެ ނިއްވާލައި ފިނޭގައި އާ އިންޖީނުގެއެއް

އަށާރަ އަހަރަށް ފަހު ހދ. ފިނޭގައި އާ އިންޖީނު ގެއެއް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. އިންޖީނުގެ އާއި އިންޖީނުގޭގެ އޮފީސް ހުޅުވުމުގެ އިތުރުން އެރަށުގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ. އެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދާއި ހައުސިން އެންޑް ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަތެވެ. އާސާސީ ޚިދުމަތްތައް މިއަދު ފިނޭގައި ފުރިހަމަވެގެން ރަސްމީކޮށް ފަށާފައިވާތީ މިއަދަކީ ރައްޔިތުންނަށް ހިނިތުންވުން ގެނުވި ދުވަހެއް ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. ރައީސް އުތުރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސްަ "ރަނގަޅު ނަރުދަމާގެ ނިޒާމެއް ނެތިގެން އުފުލާ ބުރަ އުފުލި ދުވަސްވެސް އެދިޔައީ. އަދި ފެނުގެ ނިޒާމު ވެސް ގާއިމުވެ މިއަދު އެ ޚިދުމަތްވެސް ރަސްމީކޮށް ފެށިގެން ދިއުމުން ލިބެނީ އިތުރު ހިތް ހަމަޖެހުމެއް. 18 އަހަރު ދުވަހު ބާ އިންޖީނުގެއެއް ހުރެގެން ވީ އުނދަގޫ ވެސް އެދިޔައީ މާޒީވެ. ވަރަށް އުފާވެއްޖެ،" ފިނޭއިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ. ފިނޭގައި އެ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙު ވިދާޅުވީ އެރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކުރެވުމާއެކު ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގައި ކަމަށެވެ. ހަމައެއާއެކު ފިނޭ މިހާރު އޮތް ގޮތަށް ބަދަލުވެގެން ދިއުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި ފިނޭގައި އަސާސީ ޚިދުމަތްތައް ގާއިމް ކުރެވުމާ އެކު، ތަރައްގީގެ އިތުރު ފުރުސަތުތައް ރަށުގެ ރައްޔިތުންނަށް ހުޅުވިގެން ދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ފިނޭ އާއި ދާދިގާތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓް އޮތުމާއި، ދަތުރުފަތުރުގެ ނިޒާމާ އެކު، ފިނޭގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ވެސް ފުރުސަތުތައް ހުޅުވިގެންދާނެކަން ރައީސް ޞާލިޙު ވިދާޅުވިއެވެ. ފިނޭގައި ކުރިން ހުރި އިންޖީނުގެ އަކީ 18 އަހަރުވީ އިންޖީނުގެއެކެވެ. ރަށުގެ މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި އިންޖީނުގެ ހުރުމުން އިންޖީނުގެ އަޑާއި އަރާ ދުމާއި ގެނދަބުޅީގެ ސަބަބުން އާއްމު ރައްޔިތުންނަށް އޮތީ އެކަން ވަރަށް ބޮޑު ތަކުލީފަކަށް ވެފައެވެ. ފިނޭގައި އިމާރާތްކުރި އާ އިންޖީނުގެއިން 570 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭއިރު ރަށުގެ ކަރަންޓް ނެޓްވޯކް ވެސް ވަނީ މުޅިން ބަދަލުކޮށްފައެވެ. ރައީސް އުތުރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސްަ މީގެ އިތުރުން ފިނޭގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އެއީ 21.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެރަށުގައި ގާއިމްކޮށްފައި ވަނީ 4.8 ކިލޯމީޓަރުގެ ފެނުގެ ނިޒާނުގެ ވައުގައެކެވެ. އަދި 7.2 ކިލޯމީޓަރުގެ ނަރުދަމާ ނިޒާމުގެ ވިއުގައެއް ވަނީ ގާއިމްކޮށްފައެވެ. ދުވާލަކު 25 ޓަނުގެ ފެން އުފައްދާ ދެ އާރޯ ޕްލާންޓާއި ފެން ރައްކާކުރުމަށް 130 ޓަނުގެ ދެ ތާނގީ އަދި ވާރޭ ފެން ރައްކާކުރުމަށް 110 ޓަނުގެ ތާނގީއެއް ވަނީ ބަހައްޓާފައެވެ. އެެރަށުގެ 179 ގެއަށް ފެން ވަނީ ގުޅައިދީފައެވެ. އަދި 180 ގެއަށް ވަނީ ނަރުދަމާ ގުޅައިދީފައެވެ. ފިނޭގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގައި ބަލަހައްޓާނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެރަށުގައި މި އަހަރުގެ އޮގަސްޓް މަހު ފެނުގެ ޚިދުމަތް ދޭން ފަށާފައިވާއިރު، މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ނަރުދަމާގެ ޚިދުމަތް ވެސް ދޭން ފަށާފައެވެ. ރައީސް މިހާރު އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ހއ. އުތީމަށެވެ. އެމަނިކުފާނު މިހާރު އުތުރުގެ ހަތަރު ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ސަރުކާރުން މިހާރު އެ ރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވައިލެއްވުމަށާއި ނިމިފައިވާ ކަންކަން އިފްތިތާހުކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ އިތުރުން ރައީސްގެ އެދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ