ވަޒީފާތަކުގައި ނުތިބެ, ވާންވީ ވަޒީފާ އުފައްދާ ބަޔަކަށް
ދުނިޔެ ދިވެހިރާއްޖެ ސިފަކުރަނީ އެފަދަ ދެވަނައެއް ނެތް ގުދުރަތީ ރީތިކަމުން ފުރިގެންވާ ދުނިޔެމަތީގެ ސުވަރުގެއެއް ގޮތުގައެވެ. ދުނިޔޭގެ ނިސްބަތުންވެސް ހޮވައިލެވޭ އެންމެ އަގުބޮޑު ރިސޯޓްތަކާއި ހޮޓާތައް ހުރީ ދިވެހިރާއްޖޭގައެވެ. ނަމަވެސް، ދުނިޔެ އެދެކޭ ރީތި ހިތްގައިމު ތަސްވީރުގެ ފަހަތުގައި ސަމާލުކަންދޭންޖެހޭ އިޤްތިޞާދީ ބޮޑު ގޮންޖެހުންތަކެއް އެބަހުއްޓެވެ. ރާއްޖެއަށް ދިމާވެފައިވާ މާލީ ތަދުމަޑުކަމާއި އިޤްތިޞާދީ ހީނަރުކަމަކީ ކުއްލިއަކަށް ދިމާވީ ކަންތައްތަކެއް ނޫނެވެ. މިއީ އެތައް ޒަމާނެއްވަންދެން ހާލަތު ގޯސްވާނެކަން އެނގިތިބެ، ނިޒާމީ ގޮތެއްގައި ހެދިފައިހުރި ގޯސްތަކަކުން މެދުވެރިވި ކަންތައްތަކެވެ. މިކަމުގެ ހައްލުވެސް އޮތީ ދިވެހީންގެ އަތްމަތީގައެވެ. އިޤްތިޞާދީ ހާލަތު ބަދަލުކޮށް ތިޔާޤި އިޤްތިސާދީ ހާލަތެއް އުފެއްދުމަށް އިސްރޯލެއް ދިވެހި ޒުވާނުންނަށް އަދާކުރެވިދާނެއެވެ. ރާއްޖޭގެ މުޅި ސިޔާސީ ތަސައްވަރަށް 2008ގައި ކުރިމަތިވި އެންމެ ބޮޑު އެއް ބަދަލަކީ މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ސަރުކާރު ހިންގުމަށް ގެނެވުނު ބަދަލުތަކެވެ. މި ބަދަލުތަކާއި އެކު ސަރުކާރު ހިންގުމުގެ ޚަރަދުތައްވެސް އިންތިހާއަށް ބޮޑުވިއެވެ. ދެހާސްއަށް ވަނަ އަހަރުން ފެށިގެން 2024 އަށް މި ފާއިތުވި 16 އަހަރުތެރޭގައި ދައުލަތުގެ ބަޖެޓުވެސް ހަތް ބިލިއަން ރުފިޔާއިން ގާތްގަނޑަކަށް 60 ބިލިއަން ރުފިޔާއާ ގާތަށްގޮސްފިއެވެ. އެޔާއެކު 471.7 މިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ދަރަނިވެސް 126 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. ދިވެހި އުފެއްދުންތަކެއް ވިއްކަން ބަހައްޓާފައި: ވަޒީފާއަށް ބަރޯސާނުވެ ޒުވާނުން އުފެއްދުންތެރިކަން އިސްކުރަން ޖެހޭ-- ފޮޓޯ: ބީސީސީ އާމްދަނީއާއި ދަރަނި އިންތިހާއަށް މައްޗަށް ދިޔައިރު އިޤްތިސާދުގެ ދުވެއްޔަށް އޭގެ އަސަރެއް ނުކުރެއެވެ. ދެހާސް އަށެއްގައި ސިޔާސީ އެހެން ބަދަލެއްވެސް ދިވެހިންނަށް ކުރިމަތިވިއެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް އޮންނަ ފޯރި އިތުރުވެ ޕާޓީތަކުގެ ވަރުގަދަ ގްރާސްރޫޓްތައް އުފެދި ސަރުކާރެއް އަލަށް އުފެދޭއިރު ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތައް އިންތިހާއަށް އިތުރުވެއެވެ. އިލްމީގޮތުން މޮޅު، ހުނަރުވެރި ޤާބިލު އެތައް ޒުވާނުންގެ ސިކުނޑިތައް ގައިދުކޮށްލީ މިދެންނެވި ފަސޭހައިން ލިބޭ ވަޒީފާއަށް ބަރޯސާވުމަށެވެ. އެހެނަސް، އެ ޒުވާނުންނަށް ހައްޤުވާ މިންވަރަކީ މާބޮޑު މަސްއޫލިއްޔަތެއް ނެތް މަހަކު ފަނަރަ ނުވަތަ ވިހިހާސް ރުފިޔާގެ ވަޒީފާއެއް ނޫނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީގެ ގާތްގަނޑަކަށް 228,619 މީހުން އެބަތިއްބެވެ. އަދި އެ އާބާދީގައި ގިނައީ ޒުވާން އުމުރުގައި ތިބި މީހުންނެވެ. ނަމަވެސް އަދުގެ ހާލަތު ދާދިއަވަހަށް ބަދަލުވެދާނެއެވެ. ރާއްޖޭގެ އާބާދީއާއި ގުޅިގެން ހެދިފައިހުރި ދިރާސާތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގައި ވެސް އުމުރުން ދޮށީމީހުންގެ އާބާދީ ގިނަވެ، ދުނިޔޭގައި ކުރިއަރާފައިވާ ޖަޕާނުފަދަ ޤައުމުތަކުގައިވެސް މިހާރު ދިމާވެގެން އުޅޭ އިޖުތިމާޢީ އަދި އިޤްތިޞާދީ އެތައް މައްސަލަތަކެއް، މުސްތަޤުބަލުގައި ކުރިމަތިވާން ފަށާނެއެވެ. އެހެންކަމުން އަދުގެ ހާލަތު ބަދަލުނުކޮށް ޒުވާނުން އިޖާދީ ވިސްނުމާއި ދުރުވެ އާދައިގެ ވަޒީފާތަކަށް ބަރޯސާވެގެން ތިބެއްޖެނަމަ، ލިބެންހުރި ކިތަންމެ ފުރުސަތުތަކުން މަހުރޫމްވެދާނެއެވެ. ވޯލްޑް ބޭންކް އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދު ބޮޑަށް ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. އެއީ ޖީ.ޑީ.ޕީގެ ގާތްގަނޑަކަށް 28 އިންސައްތައެވެ. ފަތުރުވެރިކަމުން ފުދުންތެރިކަން ގެނެސްދީފައިވީ ނަމަވެސް، އޭގެ މައްޗަށް މާ ބޮޑަށް ބަރޯސާވުމުން ޤައުމު ނާޒުކު ޙާލަތަކަށް ހުށަހެޅިފައިވާކަން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ފެނިގެން ދިޔައެވެ. އިޤްތިޞާދު ތަފާތު ދާއިރާތަކަށް (ޑައިވާސިފައި) ފުޅާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިއީ އިޤުތިޞާދީ ވިލުންވެރިކަން އިތުރުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޒުވާން މަސައްކަތްކުރާ އާބާދީ ގިނަ ކޮންމެ ގައުމެއްގެ މިސާލަށް ބަލާނަމަ އެއީ ސައުތުކޮރެއާ އަދި މޮރިޝަސްއަށް ވިޔަސް އިޤްތިސާދީ ދުވެއްޔަށް އިތުރު ހަލުވިކަމެއް އައިސްފައިވަނީ ޕޮލިސީސްތަކަށް ގެނެވިފައިވާ ބަދަލުތަކުގެ ތެރެއިން ޒުވާން އާބާދީ އަމިއްލަ ވިޔަފާރިތަކަށް އަހުލުވެރި ކުރުވައިގެންނެވެ. އެއީ، އެފަދަ އައު ކަންކަމަށް އަދި އިޤްތިޞާދުގައި ހުރި ސިނާއަތްތަކުގެ ތެރެއިން އެސިނާއަތްތަކާއި ގުޅުންހުރި ވިޔަފާރިތައް މި ފަރާތްތަކަށް ފައްސިވާނެހެން ކަންކަން ތަރުތީބުކޮށްގެންނެވެ. ދިވެހި ޒުވާނުންގެ ވިސްނުމާއި ހީވާގިކަން އިތުރުކުރުމަށް ޕޮލިސީތަކުން ކަންކަން ނިންމާފައި ހުރި ނަމަވެސް އިންސެންޓިވައިޒް ނިޒާމްތައް ޕޮލިސީތަކުގައި ހިމެނުމަކީ މި ދެންނެވިކަންކަމަށް ބާރުދޭ މުޙިއްމުކަމެކެވެ. މިސާލަކަށް ވަކިވަރަކަށް ފައިދާ އުފައްދާނަމަ ނުވަތަ ޒުވާނުންނަމަ އެފަރާތްތަކަށް އިތުރު މަންފާއެއް ލިބޭ ގޮތަށް އޮތުމެވެ. ކޮންމެ ޒުވާނަކީ ސަރުކާރުގެ ކުންފުންޏެއްގައި މަހު މުސާރައަށް މަސައްކަތްކުރާ މީހަކަށް ވުމުގެ ބަދަލުގައި އީޖާދީ އަދި ވިޔަފާރީގެ ވިސްނުން އިސްކޮށް ޤައުމުގެ އިޤްތިސާދަށް ހޭދަކުރާ މީހަކަށްވާން އެބަޖެހެއެވެ. ސަރުކާރުގެ އަމާޒަކަށްވެސް ވާންވީ ބޭރުގެ އެހީތަކާއި ލޯނުތަކުން ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން އިތުރުކުރުމަށް ހޭދަކުރުމުގެ ބަދަލުގައި އެ ޒުވާނުންނަށް ވިޔަފާރިކުރުމަށް މަގުފަހިކުރުވުމުގެ ބޭނުމުގައި ލޯނުތައް ދިނުމާއި ކުދި އަދި މެދުފަންތީގެ (އެސްއެމްއީ) ލޯނުތައް ދިނުމާއި، ވިޔަފާރި ފަށައިގަތުމަށް އެހީތެރިވާ ޕްރޮގްރާމްތައް ހިންގުމާއި، ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމުތައް ހިންގުމާއި، އެސްއެމްއީތަކަށް ވިޔަފާރިކުރަން މަގުފަހިވާނެ ޕްލެޓްފޯމްތައް ޤާއިމުކުރުމެވެ. އޭރަށް ސަރުކާރަށް އެ ބިނާކުރެވެނީ މުސްތަގުބަލުގައި އެހެންމީހުނަށް ވަޒީފާހޯދައިދޭނެ ޒުވާން ޖީލެކެވެ. ޔޫރަޕިއަން ޔޫނިއަން އަދި އޯއީސީޑީ އިން ނެރެފައިވާ 'ދަ މިސިންގ އެންޓަރޕްރިނަރސް 2023' ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި "2022 ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަންގައި އަމިއްލަ މަސައްކަތްކުރާ ކޮންމެ ފަސް ޒުވާނުންގެ ތެރެއިން ގާތްގަނޑަކަށް އެކަކު މަދުވެގެން އެއް މުވައްޒަފަކު ގެންގުޅުނެވެ. އަދި ޔޫރަޕިއަން ޔޫނިއަންގައި އަމިއްލަ މަސައްކަތްކުރާ ޒުވާނުން އެވްރެޖްކޮށް އެހެން މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ފުރުސަތު އޮތީ ޖުމްލަ އެވްރެޖްއާ އަޅާބަލާއިރު ދެބައިކުޅައެއްބައި މިންވަރަށެވެ. މިގޮތުން 2022 ވަނަ އަހަރު މަދުވެގެން 350،000 މީހުންނަށް ވަޒީފާ ހޯދައިދިނުމަށް އެ ފަރާތްތައް ޒިންމާވެފައިވެއެވެ." ދިވެހިރާއްޖެއަކީ ވިޔަފާރީގެ ގިނަގުނަ ފުރުޞަތުތަކެއް އޮތް ޤައުމެކެވެ. މިޤައުމަށް ލިބިފައިވާ ތަބީއީ ކޮންމެ ސިފައަކީ އޭގެއިން މާލީ މަންފާ ނެރެވިދާނެ ކަންކަމެވެ. ދިވެހިންގެ ކަނޑާއި ފަޅާއި، އިރާއި އިރުގެ އަވިން ލިބޭ ހަކަތައެވެ. ދިވެހި ގޮނޑުދޮށްތަކާއި ބިމުގެ އަގުހުރި ޤުދުރަތީ ވަސީލަތްތަކެވެ. ޒުވާނުން ހިންގާ ވިޔަފާރިތަކަށް ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރުންތަކާ ގުޅުންހުރި ޓެކްނޮލޮޖީއާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވެވިދާނެއެވެ. މިސާލަކަށް، ޖަޕާނުން އިޤްތިޞާދުގެ މައި ތަނބެއްގެ ގޮތުގައި ބޭނުންކުރާ އެކުއަކަލްޗާ ނުވަތަ ނިއުޒީލަންޑްގެ ކުދި ވިޔަފާރިތަކުން ކުރިއަށްގެންދާ ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ ޞިނާޢަތަކީ ދިވެހި ވިޔަފާރިވެރިންނަށް ފާހަގަކޮށްލެވޭ މިސާލު ތަކެކެވެ. އެފްރިކާއަށް ބަލައިފިނަމަ ރުވާންޑާގައި، ސަރުކާރުގެ އެހީގައި ޒުވާނުން ޓެކްނޮލޮޖީގެ އައު އީޖާދުތައް އުފައްދައި ދަނޑުވެރިކަމުގެ ނަފާހޯދައި އިޤްތިޞާދީ ކުރިއެރުން ގެނެސް، ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ އިންތިހާއަށް މަދުކޮށްފައިވެއެވެ. ދިވެހި ޒުވާނުންނަށްވެސް ތަފާތު ދާއިރާތަކަށް ފުޅާވެފައިވާ އަދި ވަރުގަދަ އިޤްތިޞާދަކާ ދިމާއަށް ޤައުމު ގެންދިއުމުގެ ޤާބިލިއްޔަތުކަން ލިބިފައިވެއެވެ. ދިވެހިރާއްޖޭގައި މިހާރު ޒަމާނީ ޓެކްނޮލޯޖީގެ ޚިދުމަތްދޭ ކުންފުނިތައް ދަނީ އިތުރުވަމުންނެވެ. އޭގެ އެއް މިސާލަކީ މާލޭގައި ޓެކްސީ ހޯދުމަށް ހުރި ދަތިކަން ފިލުވުމަށް ޒުވާނުންތަކެއް އިސްނަގައިގެން އުފެއްދި އިޖާދީ އެޕެވެ. މިވަގުތު ޒުވާނުން އިސްކުރަންވީ މާލީ މިނިވަންކަން ހޯދައި ވަޒީފާގެ ކަސްތޮޅުން ދޫވެ އެހެން މީހުންނަށް ނަމޫނާ ދައްކާ ބަޔަކަށެވެ. އަދި ވަކިން ޚާއްސަކޮށް، ފަސޭހައިން ލިބޭ ވަޒީފާތަކަށް ބަރޯސާވުން ކުޑަކޮށް، ބުރަ މަސައްކަތާއި، އުފެއްދުންތެރިކަމާއި، ރިސްކު ނެގުމަށް ކުރިމަތިލުމަކީ ބޭނުންތެރިކަމެކެވެ. ސަރުކާރުން އަދާކުރަންވީ ދައުރަކީ އައު އީޖާދުތަކާއި ވިޔަފާރިވެރިކަމަށް ނަފާ ލިބޭނެ މާޙައުލެއް އުފެއްދުމެވެ. އޭރަށް ދިވެހި އިޤްތިޞާދުގެ މައިބަދަ ވަރުގަދަކުރެވުމަށް މަގުފަހިވެގެންދާނެއެވެ. އަދި ޒުވާނުންނަކީ ހަމައެކަނި ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި ވަޒީފާ އުފައްދާ މީހުންނަށްވެ، އެމީހުންގެ އުފެއްދުންތެރިކަމާއި ފޯރިއާއި ޖޯޝުން ޤައުމުގެ މުސްތަޤްބަލު ބައްޓަންކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ