މޫސުން ގޯސްވުމާއި ގުޅިގެން ތ.އަތޮޅުން ގދ.އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވުމާއި ގުޅިގެން ތ. އަތޮޅުން ގދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މި ސަރަޙައްދުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހެނދުނު 9:30 އިން މިއަދު މެންދުރު 13:30 އާ ހަމައަށެވެ.
މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތިން އުފެދުނު ސާކިއުލޭޝަން ގެ ބާރު ދަށްވެ، އަދިވެސް ޓްރަފް ދަމަހައްޓަތީ ކުރާ ވިއްސާރައެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
އެ އިދާރާއިން ވިދާޅުވީ، ރީނދޫ ސަމާލު ނެރެފައިވާ ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަވެ، ކަނޑުތައްވެސް ގަދަވާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ އަންގާރަ ދުވަހު ކަމަށް މޫސުމާ ބެހޭޤައުމީ އިދާރާއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ