ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 17 އަހަރުން އެކުލަވާލި ގާނޫނުއަސާސީއަށް ފަހު އެ މަނިކުފާނު އޭރު ވިދާޅުވީ އެ ގާނޫނުއަސާސީގެ ދަށުން ގާއިމުކުރީ ނަމޫނާ ޑިމޮކްރަސީއެއް ކަމަށެވެ.
ނަމަވެސް 1998 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނުއަސާސީ ދެމިއޮތީ 10 އަހަރު ދުވަހު އެވެ. އެ ވިދާޅުވި ނަމޫނާ ޑިމޮކްރަސީ އޮތީ އެކޮޅުކޮޅުން ޖެހިފަ އެވެ. ނުވިތާކަށް 21 ވަނަ ގަރުނަށް އެޅެން ކައިރިވި އިރު، ހެދި ގާނޫނުއަސާސީ އެންމެ ކުޑަ މިނުން ސިޔާސީ ޕާޓީ ނިޒާމު ގާއިމު ކުރުމާ ދޭތެރޭ ވެސް އޮތީ ހިޔާލު ތަފާތުވެފަ އެވެ.
އޭގެ ފަހުން 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނުއަސާސީއަކީ ހައްގުތަކުގެ ގާނޫނުއަސާސީ އެވެ. އެ ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ކުރަން ނޭނގުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި، ގާނޫނުއަސާސީގެ މައްސަލައެއް ނޫނެވެ. އެއީ އެފަދަ ބޭފުޅުންގެ މައްސަލަ އެކެވެ.
އާ ގާނޫނުއަސާސީއަށް އަމުލުކުރަން ފެށިތާ ވިއްސަކަށް އަހަރަށްދާ އިރު، މައްސަލަތަކެއް ހުރިކަން ވެސް ފާހަގަ ކުރެވެ އެވެ. އޭގެ ތެރޭގައި އިރުއިރުކޮޅާ ސުޕްރީމް ކޯޓުގެ ބެންޗާ ކުޅެވޭ ގޮތަށް އޮންނަ ޖޫޑިޝަލް ސާވިސް ކޮމިޝަންގެ މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ރިޕޯޓް ކުރަން ޖެހޭ ގޮތަށް އޮންނަ މިނިވަން މުއައްސަސާތައް ހަރަކާތް ނުކުރުމުގެ މައްސަލަތަކާއި ދައުލަތުގެ ކުންފުނިތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތަކާއި އެ ނޫން ވެސް ބައެއް މައްސަލަތައް ފާހަގަ ކުރެވެ އެވެ.
ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި އެ ސަރުކާރުގެ މިނިސްޓަރު ފައްޔާޒު އިސްމާއީލު ގާނޫނުއަސާސީއަށް އެ ހުށަހަޅުއްވާ އިސްލާހުތަކަކީ އެކަން ކަމަށް އޮތް ހައްލެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ.
މިސާލެއްްގެ ގޮތުން ދަންނަވާ ނަމަ، އެ ބޭފުޅުން އެ ހުށަހަޅުއްވާ ސުޕަ މުއައްސަސާއަކީ އެ ސިފަ ކުރައްވާ ގޮތަަށް އެކަމަށް އޮތް ހައްލެއް ނޫނެވެ. އެ މުއްސަސާެއަށް ބޭފުޅުން މި އައްޔަން ކުރައްވަނީ ރައީސް އެވެ. ނަމަވެސް އެ ބޭފުޅުން ވަކިކުރެވެނީ ރައްޔިތުންގެ ވޯޓަކުންނެވެ.
މިއީ ދައުލަތުގެ ހިންގުމުގެ ނިޒާމަށް ހީނުކުރާ ވަރުގެ ބޮޑެތި މައްސަލަތަކެއް އުފަން ކުރުވައިފާނެ ކަމެއްގެ އިތުރަށް ރައީސަށް އޮންނަ އިހުތިޔާރުތަކަށް ހީނުކުރާ ފަދަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
ދެން އެ ވިދާޅުވާ ސުޕަ މަޖިލީހަކީ ވެސް ފަންކްޝަނަލް ކަމަށް ވުރެ ބޮޑަށް ވައްތަރީ ހިޔާލީ ވާހަކައަކާ އެވެ. އެ މަޖިލީހަކީ އެ ބޭފުޅުން ހުށަހަޅުއްވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހާ އެކު އަދި ކައުންސިލްތަކުގެ ބައިވެރިވުން އޮންނަ ބޮޑު މަޖިލީހެކެވެ. މާނައަކީ ސުޕަ މަޖިލީހެކެވެ. މިއީ ވެސް އަމަލީ ގޮތުން ކުރެވޭ ވަރުގެ ކަމަކަށް ވުރެ ބޮޑަށް ވައްތަރީ ހިޔާލީ ވާހަކައަކާ އެވެ. އެ ނޫނަސް އެެ ހުށަހެޅުއްވުމުގައި ދެއުޅިއެއްް ނުވާ ގިނަ ކަންކަން އެެބަހުއްޓެވެ. ދިގު ކުރާކަށް އެ ވާހަކަ ދައްކާކަށް ނެތީމެވެ.
ރާއްޖޭގެ ދުސްތޫރީ ނިޒާމު ގާއިމުކޮށްފައި ވަނީ، ގާނޫނުއަސާސީތައް އެކަށައެޅުމުގެ މާހިރުންގެ ލަފައާ އެކު، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއްގެ ގޮތުގަ އެވެ. އެ ނިޒާމުގައި މިހާރު ހުރި ދެކޮޅު ނުޖެހޭޭ ކަންކަން ފޫބައްދަން ބޭނުން ނަމަ އަދިވެސް އިހުތިޔާރު ކުރަން ޖެހޭނީ އެ މަގު ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެެ. މާނައަކީ އެކަން ކުރަން ޖެހޭނީ ބޭރުގެ ގާނޫނީ މާހިރުންގެ ލަފައާ އެކު، ދެކޮޅު ޖެހޭ ގޮތަކަށް، ހާއްސަ މަޖިލީސް އެއްކޮށްގެނެވެ. ވަކިވަކި ފަރުދުން ބޭނުންވާ ގޮތަށް ތަންތަންކޮޅު ބަދަލު ކުރާ ގޮތަކަށް ނޫނެވެ. އަދި އެފަދަ ބަދަލެއް ގެނައުމުން ދެން ހުރި ބާބުތަކާއި މާއްދާތައް ފުށުނާރާ ގޮތަށެވެ.
ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި ގާނޫނުއަސާސީ ކިޔަން ޖެހޭނީ އެއްް ދެއްޔެއްގެ ގޮތުގަ އެވެ. މާނައަކީ ގާނޫނުއަސާސީއަކީ އެއް މާއްދާ އާއި އަނެއްް މާއްދާ ލާމެހިފައިވާ އެއްޗެއްގެ ގޮތުގައި ކިއުމެވެ. އޭގެ މާއްދާއަކާ ނުކިއްްސަރު ގޮތަކަށް ކުޅެލައިފި ނަމަ، މުޅި ނިޒާމު އެކޮޅުކޮޅުން ޖެހުމުގެ ފުރުސަތު އޮތް އެއްްޗެއް ކަމަށް ގަބޫލު ކުރަން ޖެހެ އެވެ.
އަޅުގަނޑުމެން އެކި ފަހަރުމަތިން އިންޓަވިއު ކުރި ބޭފުޅުންގެ ބަހަށް ބުރަވާ ނަމަ، މިހާރު މި އޮތް ނިޒާމަށް އިތުރަށް އުފަން ކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މަތިގެ އެކެވެ. އަދި މިހާރު މި ދިމާވާ ދޫމަޅިތަކަށް ހައްލު ހޯދަން ވެސް ޖެހޭނީ އެ ނިޒާމުގެ ތެރެއިން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެ އެވެ. އޭރުން މިހާރު ދިމާވާ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ހޯދިދާނެ އެވެ.
ތެދެކެވެ. އަނެއްކާވެސް ހަރަދު ބޮޑުވުމުގެ ބަހުސު އުފެއްދިނާނެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް ކުޑަ ކުރުމަށް ފަހު، އަދި ބައެއް މުއައްސަސާތައް ކުޑަ ކުރުމަށް ފަހު އެ ހަރަދުތަކީ ފޫބެއްދިނާނެ ހަރަދުތަކެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެ އެވެ.
ދެން އޮތީ ނަޝީދާއި ފައްޔާޒުގެ ފޯމޭޝަނާ ބެހޭ ގޮތުން އެއްޗެއް ބުނުމެވެ. އެމްޑީޕީ ރޫޅާލުމުގެ ހިޔަނި ނަޝީދުގެ ޗެއާޕާސަންގެ ކެމްޕޭނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ގަބޫލު ކުރެވެ އެވެ. ނަމަވެސް އަޅުގަނޑަށް ފާހަގަވި ދެ ނުކުތާއެއްް ދަންނަވާލާނަމެވެ.
އެއް ކަމަކީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު، އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބޭއްވި ބައްދަލުވުމުގައި، ވާހަކަ ދެއްްކެވި އެމްޑީޕީގެ ގިނަ މޭޔަރުންގެ ވާހަކަ އެވެ. އެ ބޭފުޅުން އެއް އަޑެއްގެ ގޮތުގައި ވިދާޅުވީ އެ ކާމިޔާބީގެ ފަހަތުގައި މައިގަނޑު ގޮތެއްގައި ތިއްބެވީ ނަޝީދާއި ފައްޔާޒު ކަމަށެވެ. އެ ބޭފުޅުން ކުރެއްވި މަސައްކަތް ކަމަށެވެ. ހަގީގަތް ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އެ ބޭފުޅުންގެ ގަބޫލު ކުރެއްވުމަކީ އެއީ ކަމަށް ގަބޫލު ކުރެވެ އެވެ.
އަނެއް ނުކުތާއަކީ ނަޝީދާއި ފައްޔާޒު އައްޑު އާއި ފުވައްމުލަކަށް ވަޑައިގަތުމުން ގިނަ ބަޔަކު ދެއްްވި ތަރުހީބެވެ. އެ ޕާޓީގެ ދެން ތިއްބެވި ގިނަ ލީޑަރުން ކުރެއްވި ދަތުރުފުޅުތަކުން އެ ވަރުގެ ތަރުހީބެއްް ނުފުނެނެވެ.
ހަގީގަތަށް ބުރަވެ އެއްޗެއްް ދަންނަވާ ނަމަ، ރާއްޖޭގައި ފިލޯސަފީއެއް ގެންގުޅުއްވާ އަދި މީހުން ގަބޫލު ކުރާ ފަދަ ސިޔާސަތުތަކެއް ގެންގުޅުއްވާ އަދި ތާރީހުން އެކަން ސާބިތުކޮށްދެއްވާފައި ތިއްބެވީ ދެ ބޭފުޅެކެވެ. އެ ދެ ބޭފުޅުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ނަޝީދެވެ. އެ ދެ ބޭފުޅުންނަކީ ވެސް އެ ބޭފުޅުންގެ ކުރިމަގު އޮތް ބޭފުޅުންނެވެ. ނުސިޔާނު ގޮތްގޮތަށް އެ ބޭފުޅުންގެ ކުރިމަގަށް ހުރަސް އެޅުމަށް މަސައްކަތް ކުރެއްވުން ވާނީ ގޯހަކެވެ. އަދި އެ ވާނީ ގިނަ ރައްޔިތުންތަކެއްގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީހާއީލް އަހުމަދު ނަސީމަކީ ވެސް ކަށިޔާރު ނުވެ، ސިޔާސީ ކަންކަންކަމުގައި ކުރިއަށް ވަޑައިގަންނަވާ ނަމަ މުސްތަގުބަލު އޮތް ބޭފުޅެކެވެ. އެހެން ނަމަވެސް އެއްބަޔަކު ސިފަ ކުރާ ގޮތުގައި އޭނާއަކީ އެފަދަ މަގާމަކަށް އަދި ތަންކޮޅެއް ހަގު ބޭފުޅެކެވެ. އަނެއް ބަޔަކު ނަޝީދު ސިފަ ކުރަނީ އޭނާއަކީ އެ ޕާޓީ ރޫޅާލި ބޭފުޅާ އެވެ.
ގޮތް ނިންމާނީ ތިޔަކޮޅުންނެވެ.
ގޮތް ނިންމާނީ ތިޔަ ކޮޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ