ހަމަލާއަށްފަހު ޓްރަމްޕް: އަހަރެން ކަންބޮޑެއް ނުވޭ، އަހަންނަށް ދިރިއުމަކީ ކޮބައިކަން އެނގޭ

ވައިޓް ހައުސް ކަރެސްޕޮންޑެންޓްސް ޑިނާގެ ތެރެއަށް މީހަކު ވަދެ ބަޑި ޖެހި ވަގުތު އެއްވެސް ވަރަކަށް ކަންބޮޑުނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނެފިއެވެ.
އެމެރިކާގެ ސީބީއެސް ޓީވީގެ ’60 މިނިޓްސް‘ އަށް ރޭ ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، ބަޑީގެ އަޑު އިވުމުން ފުރަތަމަ ހީކުރީ ތަބަކެއް ވެއްޓުނީ ކަމަށް ކަމަށެވެ. ނަމަވެސް އެއީ ބަޑީގެ އަޑުކަން އެނގުމުންވެސް އެއްވެސް ބިރުވެރިކަމެއް އިހުސާސް ނުވާ ކަމަށާއި އެ ވަގުތު ސެކިއުރިޓީން އޭނާ އެ ތަނުން ގެންދަން އުޅުމުން، މަޑުކޮށްލަން ބޭނުންވި ކަމަށް ވެސް ބުންޏެވެ.
”އަހަރެން ކަންބޮޑެއް ނުވޭ. އަހަންނަށް ދިރިއުޅުމަކީ ކޮބައިކަން އެނގޭ. މިއީ ވަރަށް މޮޔަ ދުނިޔެއެއް…އަހަރެން ބޭނުންވީ ކިހިނެއްތޯ ވަނީ ބަލަން. އެހެންވެ ސީކްރެޓް ސާވިސްގެ މަސައްކަތަށް އަހަރެންގެ ސަބަބުން ކުޑަ ލަސްކަމެއް އައި،“ ޓްރަމްޕް ބުންޏެވެ.
ޑިނާގެ ތެރެއަށް ވަދެ ބަޑި ޖެހި އުމުރުން 31 އަހަރުގެ ކޯލް ތޯމަސް އެލަން ހައްޔަރުކޮށް މިއަދު ފެޑަރަލް ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ކެލިފޯނިއާގެ ޓިއުޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އެލަންގެ އަތުން ބަޑިއާއި ވަޅި ފެނިފައިވާއިރު، އޭނާ ލިޔެފައިވާ ”މެނިފެސްޓޯ“ އެއްގައި ސަރުކާރުގެ އިސްވެރިންނަށް ހަމަލާ ދޭން ރާވާފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.
ޓްރަމްޕް ވަނީ އެލަންއަކީ ”ބަލި މީހެއް“ގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އޭނާގެ އާއިލާއިންވެސް މީގެ ކުރިން އޭނާގެ އުޅުމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ޓްރަމްޕް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ