ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ދަށުން، ޝަރުތުތަކާއެކު ދިރާސާ ކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ.
ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ދަށުން، ރައްކާތެރި ކުރާ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާ ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކޯޓުތަކަށް ދަތިވާނަމަ، ކަނޑައެޅޭ ޝަރުތުތަކާއި އުސޫލުތަކާއެކު ޕީޖީ އޮފީސް ނުވަތަ ކޯޓަށް ޤަބޫލުކުރެވޭ ދައުލަތުގެ އިދާރާއެއްގައި އެ އިންތިޒާމު ހަމަޖެއްސުމަށް އެންގުމުގެ އިޚްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ލިބިގެންވާކަން ބަޔާން ކޮށްފައިވެއެވެ.
އެހެންކަމުން ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ދަށުން، މައްސަލަ ބައްލަވާ ފަނޑިޔާރު ކަނޑައަޅުއްވާ ޝަރުތުތަކާއެކު ބަލައި ދިރާސާ ކުރުމުގެ ފުރުސަތު ދިފާއަށް ލިބިދޭ ލިޔުންތައް ފަސޭހަ އަދި ލުއި އިންތިޒާމެއްގެ ދަށުން ބެލޭނެ އިންތިޒާމު މިމަހުގެ 26ވަނަ ދުވަހުން ފެށިގެން އެ އޮފީހުގައި ހަމަޖައްސާފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެކަން ކުރިއަށްދާނީ ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ދަށުން ޝަރުތުތަކާއެކު ޕީޖީ އޮފީހުގައި ހެކިތައް ބަލައި ދިރާސާ ކުރުމުގެ ފުރުސަތު ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.
އެގޮތުން އެ އުސޫލުގެ ދަށުން، ދައުވާ ލިބޭ ފަރާތަށް ލިޔުންތައް ދެއްކުމުގެ އިންތިޒާމް އެ އޮފީހުން ހަމަޖެއްސުމަށް ކޯޓަކުން އަމުރުކޮށްފިނަމަ، އެ އިންތިޒާމު ހަމަޖެއްސުމަށް އެދި ހުށަހަޅާނީ އެކަމަށް ޚާއްސަކޮށްފައިވާ، "ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ދަށުން ޕީޖީ އޮފީހުގައި ހެކި ބަލައި ދިރާސާ ކުރުމަށް އެދި ހުށަހަޅާ ފޯމުން ކަމަށް ވިދާޅުވެއެވެ.
އަދި އެ ފޯމު ޕީޖީ އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށްވެސް ވިދާޅުވެއެވެ.
މީގެއިތުރުން އެ ބަޔާނުގައި ވިދާޅުވީ، އެ އުސޫލުގެ ދަށުން ދިރާސާ ކުރުމުގެ ފުރުސަތު ދެވޭނީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ހެކިތައް، އެކަމަށް ޚާއްސަ ކޮށްފައިވާ ތަނެއްގައި އެ އަމުރުގައި ބަޔާންކޮށްފައިވާ މިންވަރަކަށް ކަމަށެވެ.
ދިރާސާކުރާ ލިޔުންތައް ޕީޖީން ބެލޭނެ އިންތިޒާމު ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ