އެކްސްއިން މެސެޖުކުރުމަށް ޚާއްޞަ އެޕެއް ނެރެފި

ސޯޝަލް މީޑިއާގެ މަޝްހޫރު ޕްލެޓްފޯމް އެކްސް (ކުރީގެ ޓްވިޓާ)އިން މެސެޖުކުރުމަށް ޚާއްސަ އެޕެއް އެޕަލް އައިއޯއެސްއަށް ނެރެފިއެވެ. އެކްސްގެ މެސެޖިން ޚިދުމަތްތަކަށް ޚާއްސަކޮށްގެން "އެކްސްޗެޓް"ގެ ނަމުގައި އުފައްދާފައިވާ މި އެޕްލިކޭޝަން އާއްމުކޮށް ނެރެފައިވަނީ މިދިޔަ ހުކުރު ދުވަހެވެ. މި އެޕްލިކޭޝަން މިހާރު އައިއޯއެސް ޑިވައިސްތަކަށް ޑައުންލޯޑް ކުރެވެން ހުރިއިރު، މިއީ އެކްސްގެ ކޮންޓެކްޓުންނާ މެދު މެސެޖުކުރުމާއި، ފައިލް ހިއްސާކުރުމާއި، އޯޑިއޯ އާއި ވީޑިއޯ ކޯލް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެކެވެ. https://x.com/camolNFT/status/2047325358865662216 މި އެޕް ރަސްމީކޮށް ނެރުމުގެ ކުރިން މި އަހަރުގެ ކުރީކޮޅު މަދު ބަޔަކާއެކު ބީޓާ ޓެސްޓިން މަރުހަލާއެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ އެކްސް ކުންފުނީގެ އާ ސްޓްރެޓެޖިކް ތަސައްވުރުގެ ދަށުން ނެރުނު މުހިންމު އެޕެއް ކަމަށްވާއިރު، އެކްސް ބޭނުންކުރާ ފަރާތްތަކަށް މެސެޖިން އާއި ޕޭމަންޓް ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މައިގަނޑު އެއް އަމާޒެވެ. އެކްސްޗެޓް ވަކި އެޕެއްގެ ގޮތުގައި ނެރުމަކީ އީލޮން މަސްކް ކުރިން ގެންގުޅުއްވި "އެވްރީތިން އެޕް" ނުވަތަ ހުރިހާ ޚިދުމަތެއް އެއް އެޕެއްގެ ތެރެއިން ލިބޭނެ ގޮތް ހެދުމުގެ ސިޔާސަތާ ޚިލާފު ނިންމުމެކެވެ. އޭގެ ބަދަލުގައި މިހާރު ފެންނަނީ މަސްކްގެ އެހެން ކުންފުންޏެއް ކަމަށްވާ އެކްސްއޭއައި މެދުވެރިކޮށް ތަފާތު ބޭނުންތަކަށް ވަކިވަކި އެޕްތައް ނެރެ، ކަސްޓަމަރުންނާ ގުޅުން ބަދަހިކުރަމުންދާ ތަނެވެ. https://x.com/Design/status/2047754292904472933 މި އެޕްލިކޭޝަންގައި ޕްރައިވެސީއަށް ޚާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް އެކްސް އިން ބުނެއެވެ. އެގޮތުން ފޮނުވާފައިވާ މެސެޖު އެޑިޓްކުރުމާއި ދެފަރާތަށް ފޮހެލެވުމުގެ އިތުރުން، އަމިއްލައަށް ފޮހެވޭ "ޑިސަޕިއަރިން މެސެޖް" އަދި ސްކްރީންޝޮޓް ނެގުން ހުއްޓުވުމުގެ ފީޗާ މި އެޕްގައި ހިމެނެއެވެ. އަދި މި އެޕްގައި އެއްވެސް އިޝްތިހާރެއް ނުވަތަ ޔޫޒަރުން ޓްރެކްކުރާނެ ނިޒާމެއް ނޯންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އެކްސްއިން ބުނާ ގޮތުގައި މި އެޕްގެ ހުރިހާ މެސެޖުތަކަކީ އެންޑް-ޓު-އެންޑް އެންކްރިޕްޓް ކުރެވިފައިވާ މެސެޖުތަކެވެ. ނަމަވެސް ސައިބާ ސެކިއުރިޓީ މާހިރުން ވަނީ މީގެ ކުރިންވެސް އެ ކުންފުނީގެ އެންކްރިޕްޝަނާ މެދު ސުވާލު އުފައްދާފައެވެ. ސިގްނަލް ފަދަ ރައްކާތެރި މެސެޖިން އެޕްތަކާ އަޅާބަލާއިރު އެކްސްޗެޓްގެ ރައްކާތެރިކަން ކުޑަކަމަށް ބުނެ މާހިރުން ވަނީ މީގެ ކުރިން އިންޒާރު ދީފައެވެ. އާންމުކޮށް މެސެޖުކުރުމުގެ އިތުރުން، އެކްސްގެ "ކޮމިއުނިޓީސް" ބޭނުންކުރާ މީހުންނަށް ދެން އޮތް މަންޒިލަކީ ވެސް އެކްސްޗެޓެވެ. އެކްސްގެ ތެރޭގައި ހިންގަމުން އައި ކޮމިއުނިޓީތަކުގައި ސްޕޭމް ގިނަވުމާއި ބޭނުންކުރާ މީހުން މަދުވުމުގެ ސަބަބުން، އެ ޚިދުމަތް ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މި ބަދަލާއެކު ގިނަ އަދަދެއްގެ ބަޔަކު އެޕް ބޭނުންކުރަން ފަށާނެ ކަމަށް ބެލެވެއެވެ. އެކްސްގެ ލީޑް ޑިޒައިނަރު ބެންޖީ ޓޭލާ ވިދާޅުވި ގޮތުގައި އެކްސްޗެޓަކީ މެސެޖިން ޚިދުމަތްތައް ތަރައްގީކުރުމަށް ފެށި ދަތުރުގެ ފެށުމެވެ. ކުރިއަށް އޮތް ތަނުގައި މި އެޕަށް އިތުރު ފީޗާތަކާއި ބަދަލުތައް ގެނައުމަށް ވަނީ ރާވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ