އާޒިމަށް ހަމަލާ ދޭން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރަށް؛ ބުނީ ކައިރިއަށް ދިޔައީ ވާހަކަ ދައްކަން ކަމަށް
އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާއެއްގައި މާލޭ ސިޓީ މޭޔަރު އާދަމް އާޒިމަށް ހަމަލާ ދޭން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ކްރިިމިނަލް ކޯޓަށް މިއަދު ވަނީ، މީހެއްގެ ގައިގައި ޖެހުމުގެ ތުހުމަތުގައި ގ. އީރީ، އަބްދުﷲ މުއާޒް، 35އ، ހާޒިރުކޮށްފައެވެ. އޭނާގެ ކޯޓު އަމުރުގައި ވަނީ، އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން، އާޒިމްގެ ގައިގައި އަތްލައި މާރާމާރީ ހިންގަން މުއާޒް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ހުށަހަޅައިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅޭ ގޮތުން އޭނާ ބުނެފައި ވަނީ މޭޔަރު ކައިރިއަށް ދިޔައީ ވާހަކަ ދައްކަން ކަމަށާއި އޭނާއާ މެދު މާރާމާރީ ހިންގީ މުޒާހަރާގެ ބައިވެރިން ކަމަށެވެ. މުއާޒަކީ ހައްޔަރާއި ބަންދު ރެކޯޑު އޮތް މީހެއް ކަމަށް އަމުރުގައިވެއެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނިންމައި، އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެމްޑީޕީން ބޭއްވި މުޒާހަރާ ޓީވީން ލައިވްކޮށްފައިވާއިރު، ވީޑިއޯއިން ފެންނަނީ، އާޒިމް ހިންގަވައިފައި ވަޑައިގަންނަވަނިކޮށް، މީހަކު ގޮސް މޭޔަރާ ކައިރިވާ މަންޒަރެވެ. އޭނާ، އާޒިމް ކޮށްޕާލާ މަންޒަރު ފެންނައިރު، އާޒިމްގެ ކައިރީގައި ތިބި މީހުން ވަނީ އެ މީހާ ކޮށްޕައި، ފަހަތަށް ޖައްސާފައެވެ. އެ ހާދިސާއާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ތުހުމަތުކުރެއްވި ގޮތުގައި އޭނާއަށް ހަމަލަދިނީ ސަރުކާރުން ދުރާލާ ރާވައިގެން ބަޔަކު ލައްވައެވެ. އަދި އޭނާ ވަނީ އެ ކަން ކުށްވެރިކުރައްވައިފައެވެ. https://sun.mv/221091 އާޒިމްގެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. އެގޮތުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެއީ ސަރުކާރުން ކުރި ކަމެއް ކަމަށް މޭޔަރު ވިދާޅުވީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، އެފަދަ ތުހުމަތުތައް ކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް މުންދު ވިދާޅުވެފައިވެއެވެ. މުންދުއާ ހަވާލާދީ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގިތާ އެތައް އިރެއްވީއިރު ވެސް އެމްޑީޕީގެ ފަރާތުން ނުވަތަ ސިޓީ ކައުންސިލުން ވެސް އެކަން ފުލުހަށް ރިޕޯޓުކޮށްފައި ނުވެއެވެ. ނަމަވެސް، މީސްމީޑިއާގައި ދައުރުވި ވީޑިއޯ ފެނުމާއެކު ފުލުހުން އަމިއްލަ އިސްނެގުމަށް އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އޭރު ސަރުކާރުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ