ކަނޑުއޮޅި ހުޅުވުމަށް އީރާނުގެ އާ ހުށަހެޅުމެއް، ނިއުކްލިއާ މަޝްވަރާތައް ފަހަތަށް

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން އާ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. އެ ހުށަހެޅުމުގައި ނިއުކްލިއާ މަޝްވަރާތައް ފަހުގެ މަރުހަލާއަކަށް ފަސްކޮށްފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކާއި މަޝްރަހު އެނގޭ ދެ މަސްދަރަކާ ހަވާލާދީ އެކްސިއޯސް ނޫހުން ބުނެފައިވެއެވެ. ހަފުތާ ބަންދުގައި ބާއްވަން އުޅުނު ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާގެ ވަފުދުން ނުދާން ނިންމުމުން އީރާނުން އާ ހުށަހެޅުމެއް ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވިދާޅުވެފައެވެ. އީރާނުގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ސުލްހައިގެ މަޝްވަރާތައް ކުރުމަށް އީރާނުން ބޭނުންވާނަމަ، އެމެރިކާއާ ކުރެވޭނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ. އީރާން ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މި ހަމަނުޖެހުން ކާމިޔާބުކުރާ ފަރާތެއްގެ ގޮތުގައި އެމެރިކާ ނުކުންނާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޕާކިސްތާނު މެދުވެރިކޮށް ފޯރުކޮށްދިން ހުށަހެޅުމުގައި ގޮވާލާފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް ކަމަށާއި އެހެންކަމުން ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް ޕާޓީތަކަށް މަސައްކަތް ކުރެވޭނެ ކަމަށް އެކްސިއޯސްއިން ބުނެއެވެ. ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދާނީ އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅީގައި އިރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް އުވާލުމުން ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި ޕާކިސްތާނުން އެ ހުށަހެޅުން އެމެރިކާއަށް ފޮނުވާފައިވީ ނަމަވެސް އެމެރިކާއިން އެއަށް ރައްދެއް ދޭނެކަން ސާފު ނުވާ ކަމަށާއި އެމެރިކާގެ ގައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތުގެ އޮފިޝަލުންނާއެކު މިއަދުގެ ވަގުތެއްގައި ވައިޓް ހައުސްގައި ޓްރަމްޕް ބައްދަލުކުރައްވާނެއެވެ. "މިއީ ނާޒުކު ޑިޕްލޮމެޓިކް މަޝްވަރާތަކެއް. އެމެރިކާއިން ޕްރެސް މެދުވެރިކޮށް މަޝްވަރާ ނުކުރާނެ،" ވައިޓް ހައުސްގެ ތަރުޖަމާނު އޮލިވިއާ ވޭލްސް އީމެއިލް މެދުވެރިކޮށް ފޮނުވި ބަޔާނެއްގައި ވިދާޅުވިއެވެ. "ރައީސް ވިދާޅުވެފައިވާ ފަދައިން ދުވަހަކު ވެސް އީރާނަށް ނިއުކްލިއާ ހަތިޔާރެއް ގެންގުޅެން ފުރުސަތު ނުދޭނެ،" އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އިއްޔެ ޕާކިސްތަނަށް ޒިޔާރަތް ކުރައްވާފައެވެ. ނަމަވެސް، އެއީ އެމެރިކާއާ މަޝްވަރާކުރަން ކުރި ދަތުރުފުޅެއް ނޫން ކަމަށާއި އީރާނުގެ ހުށަހެޅުންތަކާމެދު ޕާކިސްތާނުގެ އޮފިޝަލުންނާ މަޝްވަރާކުރުމަށް ފަހު ނިންމާ ގޮތެއް ޕާކިސްތާނުން އެމެރިކާއަށް ހުށަހަޅާނެ ކަމަށް އީރާނުން ވަނީ ބުނެފައެެވެ. މި މަހުގެ ކުރީކޮޅުން ފެށިގެން ހަނގުރާމަ މެދުކަނޑާލާފައިވާއިރު، އީރާނާއި އެމެރިކާއިން ވެސް އަންނަނީ ހުުރްމުޒް ކަނޑުއޮޅި ބަންދުކޮށް އުޅަނދުތަކަށް ހުރަސްއަޅަމުންނެވެ. ދުނިޔޭގެ ބާޒާރަށް ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ ހުރްމުޒް ކަނޑުއޮޅި އެގޮތަށް ބަންދުކޮށްފައި އޮތުމުން ތެލުގެ ސަޕްލައިއަށް ބުރޫއަރައި އަގުތައް އަންނަނީ އިންތިހާއަށް އުފުލެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ