ފަތުރުވެރިކަމަށް ގިނަ ދުވަސްވަންދެން ޚިދުމަތްކުރެއްވި 4 ބޭފުޅެއްގެ އަގުވަޒަންކޮށްފި
ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ހަތަރު ބޭފުޅަކަށް، ހޮޓެލިއާ މޯލްޑިވްސްއިން "ޑެޑިކޭޓެޑް ސާވިސް އެވޯޑު" އަރުވައި، އެ ބޭފުޅުން ފަތުރުވެރިކަމަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފިއެވެ. "ޑެޑިކޭޓެޑް ސާވިސް އެވޯޑަ"ކީ ހޮޓެލިއާ މޯލްޑިވްސްގެ ޓީމުން ހޮވާ ޚާއްސަ އެވޯޑެކެވެ. ހޮޓެލިއާ މޯލްޑިވްސްއިން ބުނީ، އެ ޝަރަފުވެރި އެވޯޑަކީ ދިވެހި ފަތުރުވެރިކަން ތަރައްގީކުރުމުގައި ދިގު މުއްދަތަކަށް، ނަމޫނާ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ފަރާތްތަކަށް ދިން އެވޯޑެއް ކަމަށެވެ. މި އަހަރު މި އެވޯޑު ހާސިލުކުރެއްވި ހަތަރު ބޭފުޅުންނަކީ: ބަނޑޮސް މޯލްޑިވްސްގެ އާދަމް ސަޢީދު އީކުއޭޓާ ވިލެޖުގެ މުޙައްމަދު ވަޙީދު ބަންޔަން ޓްރީ ވައްބިންފަރުގެ މުޙައްމަދު ނަޢީމް ކްލަބް މެޑް މޯލްޑިވްސްގެ ޢަބްދުއްޞަމަދު އިބްރާހީމް މި ހަތަރު ބޭފުޅުންގެ ތެރެއިން ބަނޑޮހުގައި މަސައްކަތްކުރެއްވި އާދަމް ސަޢީދު ވަނީ އިންސާނީ ވަސީލަތްތަކާއި އިދާރީ ދާއިރާގައި 34 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައެވެ. އެގޮތުން، ބަނޑޮސް މޯލްޑިވްސްގެ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާއި ގަވާއިދުތަކަށް އަމަލުކުރުމުގައި އޭނާ އަދާކުރައްވާ ދައުރު ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް ބިދޭސީ މުވައްޒަފުންގެ ލިޔެކިޔުންތަކާއި ވިސާގެ ކަންކަން އިންތިޒާމުކުރުމުގައި ސަޢީދަކީ އިތުބާރުހުރި، ތެދުވެރި ޚިދުމަތްތެރިއެކެވެ. އީކުއޭޓާ ވިލެޖުގެ ރިސޯޓު މެނޭޖަރުގެ މަގާމު ފުރުއްވަވާ މުޙައްމަދު ވަޙީދަކީ ފަތުރުވެރިކަމުގެ ދާއިރާގައި 40އަކަށް އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން 1986 ވަނަ އަހަރު ވިލިނގިލީ ބީޗް ރިސޯޓުން މަސައްކަތް ފެއްޓެވި ވަޙީދަކީ، ރާއްޖޭގައި މިހާރު ތިއްބެވި މަދު ދިވެހި ރިސޯޓު މެނޭޖަރުންގެ ތެރެއިން އެކަކެވެ. އޭނާ ގެންދަވަނީ އައްޑޫގެ ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދެއްވައި، މުޖުތަމައުގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިދިޔަ އަހަރު ބަންޔަން ޓްރީ ވައްބިންފަރުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރުގެ މަގާމުން ރިޓަޔާކުރެއްވި މުޙައްމަދު ނަޢީމް ވަނީ 1980ގެ އަހަރުތަކުން ފެށިގެން، ފަތުރުވެރިކަމުގެ ދާއިރާގައި 40އަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ހޯއްދަވައިފައެވެ. ނަޢީމް ކުރެއްވި މަސައްކަތުން، ތިމާވެށި ހިމާޔަތްކުރުމާއި މުވައްޒަފުންގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރުމުގެ އާ އުސޫލުތަކެއް ފަތުރުވެރިކަމުގެ ސިނާއަތަށް ތައާރަފުވެގެން ދިޔަ އެވެ. އަށްޑިހައިގެ އަހަރުތަކުގެ ތެރޭ ފަތުރުވެރިކަމުގެ ސިނާއަތަށް ނުކުންނަވައި، މެދުކެނޑުމެއް ނެތި 40 އަހަރަށްވުރެ ގިނަ ދުވަހު މި ސިނާއަތަށް ޚިދުމަތްކުރައްވަމުން ގެންދަވާ ޢަބްދުއްޞަމަދު އިބްރާހީމަކީ ކްލަބް މެޑް ބްރޭންޑު ރާއްޖޭގައި ފުޅާވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާގެ ޚިދުމަތުގެ އަގުވަޒަންކޮށް، ފަރަންސޭސިވިލާތާއި ސީނުކަރައިގެ ކްލަބް މެޑުގެ ފަރާތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން އެވޯޑު ދީފައިވެއެވެ. ހޮޓެލިއާ މޯލްޑިވްސްއިން ބުނީ، "ޑެޑިކޭޓެޑް ސާވިސް އެވޯޑް" ދިނުމުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބައްޓަންކުރުމުގައި ދިގު މުއްދަތަކަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތް ފާހަގަކުރުން ކަމަށެވެ. "މި އަހަރު މި ޝަރަފު ލިބިވަޑައިގަތް ހަތަރު ބޭފުޅުންނަކީ ވެސް ސާބިތުކަމާއި ފަންނީ ފެންވަރުގައި ރިސޯޓުތަކަށާއި އެކި ޓީމުތަކަށް އަދި މުޅި މުޖުތަމައުއަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާ ބޭފުޅުން، އެ ބޭފުޅުންގެ ޚިދުމަތަކީ ހަމައެކަނި ވަޒީފާ އަދާކުރެއްވި މުއައްސަސާތަކަށް އޮތް ޚިދުމަތެއްނޫން، އެއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގެ މުހިންމު ބައެއް،" ހޮޓެލިއާ މޯލްޑިވްސްގެ އެޑިޓަރު ޢަލީ ނާފިޛް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ