އެންމެ ހޫނުގަދަ ދިހަ އަހަރަކީ 2015 އިން 2025އަށް

ދުނިޔޭގެ ފިނިހޫނުމިން ރެކޯޑުކުރަން ފެށިފަހުން އެންމެ ހޫނުގަދަ 10 އަހަރުގެ ގޮތުގައި 2015 އިން 2025 އަށް ވެފައިވާކަން އދ. ގެ މޫސުމާބެހޭ އިދާރާ، ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން މިއަދު ހާމަކޮށްފިއެވެ. ޑަބްލިއުއެމްއޯ އިން ނެރުނު "ސްޓޭޓް އޮފް ދަ ގްލޯބަލް ކްލައިމެޓް" ރިޕޯޓުގައިވާ ގޮތުން، 1850 ވަނަ އަހަރުން ފެށިގެން ރެކޯޑުކުރަމުން އަންނަ ތާރީޚަށް ބަލާއިރު، 2025 ވަނަ އަހަރަކީ ދެވަނަ ނުވަތަ ތިންވަނައަށް އެންމެ ހޫނުގަދަ އަހަރެވެ. އެގޮތުން، ސިނާއީ އިންގިލާބުގެ ކުރީގެ މިންގަނޑަށްވުރެ 2025 ވަނަ އަހަރުގެ ފިނިހޫނުމިން ވަނީ 1.43 ޑިގްރީ ސެލްސިއަސް މައްޗަށް ގޮސްފައެވެ. މީގެ އިތުރުން، އެންމެ ހޫނުގަދަ އަހަރުގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 2024 ވަނަ އަހަރު ކަމަށާއި، އެ އަހަރުގެ ފިނިހޫނުމިން 1.55 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާކަންވެސް އެ ރިޕޯޓުން ކަށަވަރުކޮށްދެއެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ގްލޭޝިއަރުތައް ނުވަތަ ގަނޑުފެން ފަރުބަދަތައް ވިރުނު މިންވަރު ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. ޚާއްޞަކޮށް އައިސްލޭންޑާއި އުތުރު އެމެރިކާގައި ގަނޑުފެން ވިރެމުންދާ ނިސްބަތް އިންތިހާއަށް އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މިކަމާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ، ދުނިޔޭގެ މޫސުމީ ޙާލަތު އޮތީ ކުއްލި ނުރައްކަލެއްގައި ކަމަށެވެ. އަދި ދުނިޔެ އޭގެ އެންމެ ނުރައްކާތެރި ހިސާބަށް ގޮސްފައިވާ ކަމަށާއި، މޫސުމާ ގުޅޭ ކޮންމެ މުހިންމު އިންޑިކޭޓަރަކުން ފެންނަނީ ނުރައްކާތެރި ރަތް ސިގްނަލް ކަމަށް އޭނާ ވިދާޅުވިއެވެ. ދެހާސް ފަނަރަ ވަނަ އަހަރު އެކުލަވާލި ޕެރިސް އެއްބަސްވުމުގެ ދަށުން، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް ގައުމުތަކުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، ޑަބްލިއުއެމްއޯގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަމާޒަށް ވާސިލުވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ