ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެލުގެ ރިޒާވް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތެލުގެ ރިޒާވެއް ގާއިމް ކުރަނީ ދުރު ރާސްތާއަށް ވިސްނައިގެން ކަމަށާއި އެކަމާ ގުޅޭ ދިރާސާތައް ފަށާފައިވާ ކަމަށެވެ.
ތަފްސީލް - ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ކޮންމެ ފިޔަވައްސަކަށް ދޮޅު އަހަރު ނުވަތަ ދެ އަހަރު ހޭދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ތެލަކީ އަޅުގަނޑުމެން އެންމެ ބޮޑަށް ޑިޕެންޑުވާން ޖެހޭ ކަންތައް ކަމަށްވާތީ، އޮއިލް ރިޒާމް ގާއިމްކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު ކަހަލަ ފަންޑެއް އެއީ. އެހެން ނަމަވެސް އެއީ ތެލުގެ ރިޒާވެއް."
ރައީސް ވިދާޅުވީ އެ ރިޒާވުގެ ސަބަބުން ރާއްޖެއަށް ފައިދާތައް ކުރާނެ ކަމަށާއި އޭގެ ތަފްސީލުތައް، ދިރާސާއަށް ފަހު އާންމުކުރައްވާނެ ކަމަށެވެ.
"ވިސްނުމަކީ ދޮޅު އަހަރުން ފޭސްއެއް، ހަތަރު އަހަރާއި ބައި ނޫނީ ފަސް އަހަރުން ތިން ސަރަހައްދެއްގައި އޮއިލް ރިޒާވެއް ގާއިމް ކުރުން. އެންޓިސިޕޭޓު ކުރެވެނީ މިއިން ކޮންމެ ފޭސްއަކަށް އިންވެސްޓުކުރުމަށާއި އެހެން ކަންކަމަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ސަރުކާރުން ހަރަދުކުރަން ޖެހޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެެ.
އެ މަނިކުފާނު ވިދާޅުވީ މި އިންވެސްޓު ކުރާނީ އޭގެ ފައިދާ އާއި ގެއްލުން އަދި ސަސްޓެއިނެބިލިޓީއަށް ބަލާފައި ކަމަށެވެ.
ގުޅުން ހުރި - ރައީސް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ކޮންމެ ދުވަހު ވެސް ބަދަލު އަންނަ ކަމަށާއި އޭގެ ސަބަބުން އަންނަ ލޮޅުންތައް ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށެވެ.
"އާންމު ރައްޔިތުންނަށް އެއިން ވީހާ ވެސް ކުޑަކޮށް އިމްޕެކްޓު އަންނާނެ ގޮތަކަށް ސަރުކާރުން މިކަން މެނޭޖު ކުރުމުގެ މަސައްކަތްތައް [ކުރަނީ]،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ 3 ސަރަހައްދެއްގައި ތެލުގެ ރިޒާވް ގާއިމްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ