ސުވާލު ގޯސް ކަމަށް ބުނެ، ރެފެރެންޑަމް ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ރެފެރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބަލައިގެންފިއެވެ. މިދިޔަ ހަފުތާގެ އަންގާރަ ދުވަހު، ރެފެރަންޑަމާ ގުޅޭ ދުސްތޫރީ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އޭގެ ތެރެއިން އެއް މައްސަލަ މިހާރު ބަލައިގެންފައިވާއިރު، އަނެއް މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް އޮތް މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ބިލު ބާތިލްކޮށްދިނުމަށް އެދިވަޑައިގެން ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައެވެ. https://sun.mv/219332 މިއަދު ބަލައިގަތް މައްސަލައަކީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނެ، ގާނޫނީ ވަކީލު އަބްރާހީމް ޝިޔާމް އަދި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މައްސަލައެކެވެ. އެ މައްސަލައިގައި އޮތީ އެ ވޯޓު ހުއްޓުވައިދިނުމަށް އެދިފައެވެ. އަދި އެ ސުވާލަކީ ގާނޫނުއަސާސީން ލާޒިމުކުރާ އުސޫލަށް ނުފެތޭ ސުވާލެއްކަން ވެސް މައްސަލައިގައި ފާހަގަކުރިއެވެ. އެގޮތުން ރައީސުލްޖުމްޙޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނެރުނު އިއުލާނު ބުނާ ގޮތުން ވޯޓަށް އަހަނީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް ފެނޭތޯ ނުވަތަ ނޫންތޯ" ކަމަށް އެ މައްސަލައިގައި ބުންޏެވެ. އަދި އޭގެ ބަދަލުގައި އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމަށް ރުހޭތޯ ނުވަތަ ނޫންތޯ ކަަމަށް މައްސަލައިގައި ވަނީ ބުނެފައެވެ. އެހެންކަމުން އެއީ ވެސް ގާނޫނުއަސާސީގެ އިމުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް އެ މައްސަލައިގައި ބުންޏެވެ. 'ސަން' އަށް މައުލޫމާތު ދެއްވައި އައިކު ވިދާޅުވީ މިހާރު އެ މައްސަލައިގައި ދައުވާކުރުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފައިވާ ކަމަށެވެ. އެހެންކަމުން އިދާރީގޮތުން ކުރަންހުރި ކަންކަން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އައިކު ވިދާޅުވިއެވެ. https://sun.mv/219349 ރެފެރެންޑަމުގައި އަހާ ސުވާލު ގޯސް ކަމަށް ބުނެ، ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު އެ ވޯޓުގައި ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބުނި ގޮތުގައި ހުށަހެޅި މައްސަލަ މިހާރު ވަނީ ތިން ފަހަރަށް ރިޖެކްޓުކޮށްފައެވެ. އަދި ކޮންމެފަހަރަކު ވެސް އިސްލާހު ކުރަން އަންގަނީ ފަހަރަކު ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ. އެމްޑީޕީން އެދުނީ ވީ އެންމެ އަވަހަކަށް އެ މައްސަލަ ރަޖިސްޓްރީކޮށް ކުރިއަށް ގެންދިޔުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ