ޠާއިފަކީ މުސްލިމުންގެ މެދުގައި ޚާއްސަކަމެއް ދެވިފައިވާ ރަށެކެވެ. ސަބަބަކީ އިންސާނިއްޔަތުކަމާއި ކެތްތެރިކަމާއި، އޯގާވެރިކަން އުނގަންނަވާ ދެއްވާ އަނެކުންނާމެދު ރިވެތިގޮތުގައި ދެކުމުގެ ރިވެތި ސިފަ މިއުއްމަތުގެ މާތް ސާހިބާ މުޅި ދުނިޔެއަށް މިސާލުޖެއްސެވީ މިރަށުގައެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހިވަޞައްލަމް އިސްލާމީ ރިސާލަތު ފެތުރުއްވެވުމަށް ފެއްޓެވުމާއެކު އެކަލޭގެފާނުގެ އަމިއްލަފުޅު ވަޒަނުން ބޭރުކޮށްލައްވާނެކަމުގެ ޚަބަރު އެކަލޭގެފާނަށްވަނީ މާކުރިން ލިބިވަޑައިގެންފައެވެ. އެހެންނަމަވެސް އެކަން ވެގެންދިޔައީ އެކަލޭގެފާނުގެ މުޅި ސިޔަރަތުގައި އަޑުއަހާ ދަސްކުރާ ބަޔަކަށްވެސް އެންމެ އަސަރުކުރުވާނެ ދުވަސްވަރަށެވެ.
އެކަލޭގެފާނުގެ ބަސްބޮލާލާޖެހުމުގެ އިތުރުން އެކަލޭގެފާނަށް އެތައްގޮތަކުން ދުއްތުރާ މައްކާގެ މުޝްރިކުންގެ ފަރާތުން އަމާޒުވިއެވެ. އެކަލޭގެފާނުގެ ހިތްވަރު ކަމުގައިވެވަޑައިގެންނެވި ލޯބިވާ އަނބިކަނބަލުން ޚަދީޖަތުގެފާނާއި ރައްކާތެރިކަން ދެއްވި ބޮޑުބޭބޭފުޅު ޢަބްދުލް މުއްޠަލިބްގެފާނު އަވަހާރަވުމުގެ ހިތާމައާއެކު މައްކާގެ މުޝްރިކުންގެ ފަރާތުން އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންނެވި އުނދަގޫތައް އިންތިހާއަށް ދިޔައެވެ. އެހެންކަމުން މައްކާ ދޫކުރައްވާ ވަޑައިގަތުމަށް އެކަލޭގެފާނު ނިންމެވިއެވެ. އެކަލޭގެފާނުގެ ރިސާލަތު އަޑުއަހާ ކިޔަމަންވާނެ އަދި އެކަލޭގެފާނަށް ރައްކާތެރިވާނެ ބަޔަކު ތިބިތޯ، އެއުއްމީދާއެކު އެކަލޭގެފާނު ވަޑައިގަތީ މައްކާއާއި ދުރުނޫން ހިސާބެއްގައި އޮތް ޠާއިފަށެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމުރާއަށް ދިޔަ ޢުމުރާވެރިން އިއްޔެ ތާޢިފަށް ކުރި ޒިޔާރަތުގައިވަނީ ޒަމާނަށް އައި ކުރިއެރުންތަކާއެކު މީގެ 1400 އަހަރު ކުރިން ކީރިތި ރަސޫލާ ޠާއިފަށް ދަތުރުކުރެއްވި މަގުބަލާލުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ.
"މީގެކުރިންވެސް ޠާއިފަށް އެބަދޭ. އެހެންނަމަވެސް ރަސޫލުﷲގެފާނު އެބުރަ އުފުއްލަވާ އަޅުގަނޑުމެންނަށް މިދީން ގެނެސްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުން މިތަން ފެނުމުން ވަރަށް އެހެންކަހަލަ އިޙްސާސްތަކެއް އަޅުގަނޑުމެންނަށް ކުރެވޭ. އެކަލޭގެފާނު އެއުފުއްލެވި އެބުރަ ފެންނާނެހެން ސަޢުދީ ސަރުކާރުން މިހާރުވަނީ ކޭބަލް ކާރުގައި ދެވޭނެ އިންތިޒާމު ހަމަޖައްސާފައި." ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
ކޭބަލް ކާރުން ދަތުރުކުރާއިރު ފެންނަނީ މައްކާއާއި ޠާއިފާއި ދެމެދު ހުރި އުސް ފަރުބަދަތަކެވެ. މިއަދު 1400 އަހަރު ފަހުން މިފަރުބަދަތައް އެކި މީހުން މިހެން ދަތުރުކުރުމުގެ ސަބަބުން އޭރުގެ ޙާލަތާއި ވަރަށް ބަދަލުވުން ގާތްކަން ބޮޑެވެ. ކޭބަލް ކާރުގައި ދާއިރު ފެންނަ ފަރުބަދަތަކާއި އުސްތަންތަނާއެކު ހިތަށް އިޙްސާސްވެގެންދަނީ އެކަލޭގެފާނު އުފުއްލެވި ބުރައެވެ. އިސްލާމްދީން ޤަބޫލުކުރާނެ ބަޔަކު ފެނިވަޑައިގަންނަވާތޯ ކުރެއްވި މަސައްކަތެވެ. މިއީ ފަސޭހަ މަގެއް ނޫނެވެ. ފަސޭހަ ދަތުރެއް ނޫނެވެ.
އެކަލޭގެފާނު އެޙާލުކޮޅުގައި ވަޑައިގަތުމުން ޠާއިފްގެ އަހުލުވެރިންގެ ފަރާތުން ފެނިގެންދިޔައީ ހިތްތައް މަރާލާނެ ފަދަ ޢަމަލުތަކެކެވެ. ރަށުގެ ކުޑަކުދިންނާއި ބުއްދި ހަމަނުޖެހޭ މޮޔައިން ނެރެ އެކަލޭގެފާނަށް މަލާމާތާއި ފުރައްސާރަކުރިއެވެ. ގައުއުކާ އެކަލޭގެފާނުގެ ލޮބުވެތި ހަށިކޮޅު ޒަޚަމްވެ، އެމާތް ލޭފޮދުން ޠާއިފްގެ މަގުތައް ތެމިގެންދިޔައެވެ.
އެވަގުތު ޖިބްރީލްގެފާނު ވަޑައިގަތީ ފަރުބަދަތަކުގެ މަލާއިކަތުންނާއެކުގައެވެ. އަދި އެކަލޭގެފާނު ހުއްދަދެއްވާކަމުގައިވާނަމަ، ޠާއިފްގެ ވަށައިގެންވީ ދެފަރުބަދަ ދެމެދު ލައްވާ އެރަށުގެ ރައްޔިތުން ޗިސްކޮށްލައްވާނެކަމަށް މަލާއިކަތުން ވިދާޅުވިއެވެ. އެހެންނަމަވެސް ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި ރަސޫލާ(ޞ.ޢ.ވ) ޚިޔާރުކުރެއްވި ކެތްތެރިކަމެވެ. އޯގާވެރިކަމެވެ. އެބައި މީހުންގެ ތެރެއިން އެކަލޭގެފާނުގެ ރިސާލަތު ޤަބޫލުކޮށް ﷲއަށް އީމާންވާނެ ބަޔަކު އައިސްދާނެކަމަށް އެކަލޭގެފާނު ވިދާޅުވި ވިދާޅުވުމަކީ ދުނިޔެ ނިމުމަށްދަންދެން މިކައުނު ހަނދާންކުރާނެ ޒިކުރާއެކެވެ.
"އަސްލު އެހާ ފަސޭހައެއް ނުވާނެ އެހާ މައްޗަށް އަރާކަށް. އެކަމަކު ކީރިތި ރަސޫލާ(ޞ.ޢ.ވ) އެދަތުރުކުރެއްވުމުން އަޅުގަނޑުމެންނަށް މިއަދު އެތައް އިބްރަތެއް އެބަ ޙާސިލްވޭ." ޢުމްރާއަށް ދިޔަ ކުއްޖަކު ބުންޏެވެ.
އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަންވީ ޙާދިސާއެކެވެ. އަނެކުންނާމެދު އުއްމީދު ކަނޑާނުލުމާއި، މާތްﷲގެ ރަޙުމަތާމެދު އުއްމީދު އައުކުރުމެވެ. ހިތްތައް ބަދަލުކުރެއްވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަކަން މިއަދު ޠާއިފަށް ދާ ކޮންމެ މީހަކަށްމެ ފެންނާނެއެވެ. އެއީ މިއުއްމަތް ދެކުނު އެންމެ ވަރުގަދަ އެއް ޙާދިސާއެވެ.
ޢުމްރާވެރިން ޠާއިފަށް ދިޔަ ދަތުރުގައިވަނީ ޠާއިފްގެ ފިނިފެންމާ ބަގީޗާ ނުވަތަ އަތަރު ފެކްޓްރީއަކަށް ޒިޔާރަތްކޮށްފައެވެ. އަދި ބަރޑް ޕާކަށް ގޮސްފައިވާއިރު ކީރިތި ރަސޫލާގެ މާތް ޞަޙާބީ ޢަބްދުﷲ އިބްނު ޢައްބާސްގެ މިސްކިތްކޮޅަށްވެސްވަނީ ޒިޔާރަތްކޮށްފައެވެ.
ކޭބަލް ކާރުގައި ތާޢިފަށް: ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ