ގައުމީ ތެލުގެ ރިޒާވެއް ގާއިމްކުރުމަށް ދިރާސާ ފަށައިފިން: ރައީސް

ދިގު މުއްދަތަކަށް ވިސްނައި، ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގައި ގައުމީ ތެޔޮ ރިޒާވެއް ގާއިމްކުރުމަށް ކުރަންޖެހޭ ކަންކަމުގެ ދިރާސާއެއް ސަރުކާރުން ފަށައިފައިވާ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވަނީ، ރާއްޖެއަކީ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެއްކަން ފާހަގަކުރައްވައިފައެވެ. ރައީސް ވިދާޅުވީ، ތެލުގެ ރިޒާވެއް ގާއިމްކުރުމަކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމްކުރުން ފަދަ ކަމެއް ކަމަށެވެ. އެގޮތުން ތެލުގެ ރިޒާވެއް ގާއިމްކުރުމުގެ ސަބަބުން މުސްތަގުބަލުގައި ރާއްޖެއަށް ވާނީ ފައިދާ ކަމަށް، ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ވިސްނުމަކީ ދޮޅުއަހަރު ދުވަހުން ފޭސްއެއްގެ ގޮތަށް، ގާތްގަނޑަކަށް ހަތަރު އަހަރާއި ބައި ނޫނީ ފަސް އަހަރު ތެރޭގައި ތިން ސަރަހައްދެއްގައި އޮއިލް ރިޒާވެއް ގާއިމްކުރުން، އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ދިރާސާތަކެއް މި ދަނީ ކުރަމުން،" އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭއިރު، ކޮންމެ ފިޔަވައްސަކަށް 150 މިލިއަން ޑޮލަރު ގިނަވެގެން ބަޖެޓުން ހޭދަވާނެ ކަމަށް ރައީސް ވަނީ އަންދާޒާކުރައްވައިފައެވެ. ތެލުގެ ރިޒާވެއް ގާއިމްކުރުމަށް ސަރުކާރުން ވިސްނަމުން އަންނަ ކަން އިއްޔެ ހާމަކުރެއްވީ، މެދުއިރުމަތީގައި އީރާނާއި އިސްރާއިލާއި އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން އެކުލަވާލި ވަޒީރުންގެ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، އެކަށީގެންވާ ވަރަށް ތެލުގެ ސްޓޮކް ރާއްޖޭގައި އަދިވެސް އެބަހުރި ކަމަށާއި، އަންނަ މަހުގެ ކުރީކޮޅު ސިންގަޕޫރާއި އޮމާނުން ތެލާއި ޑީސަލް ބަރުކޮށްގެން އުޅަނދުތައް އަންނާނެ ކަމަށެވެ. ބޭރުގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، ރާއްޖޭގައި ވެސް ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ ފެބްރުވަރީ މަހު އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ފެށި ހަނގުރާމައާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ތެލުގެ ސަޕްލައިއަށް ބުރޫއަރައި، އަގުތައް ވަނީ އުފުލިފައެވެ. އެހެންވެ، ދުނިޔޭގެ 85އަށް ވުރެ ގިނަ ގައުމުތަކުގައި ތެލުގެ އަގު ބޮޑުވިއިރު، ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ދިހަ ގައުމުގެ ތެރޭ ރާއްޖެ ހިމެނެއެވެ. މި ދަނޑިވަޅުގައި އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ އެފްއެސްއެމުން ވަނީ، އެ ކުންފުނިން ވިއްކާ ތެލުގެ އަގު 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައެވެ. އެގޮތުން ބައެއް ރަށްރަށުގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފައެވެ. އެސްޓީއޯއިން އިއްޔެ ބުނީ، ރާއްޖެއަށް އެތެރެކުރާ ތެލުގެ ދަތިކަން މިވަގުތަށް ނެތް ކަމަށެވެ. ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިޔަސް ތެލުގެ އައު ޝިޕްމަންޓެއް ލިބިފައިވާ ކަމަށާއި، އިތުރު ޝިޕްމަންޓެއް ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ