މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތި ލިބުމަށް ދަތިނުވާ ކަމަށް ވިދާޅުވެ، ތަކެތީގެ އަގު ވެސް ބޮޑުނުވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ވަރަށް ގާތުން މިހާރު މި ހިނގާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ އަސަރުތަކާއި އެކަންކަމުން އަރައިގަންނަން ކުރަންޖެހޭ ކަންކަން ވަރަށް ގާތުން ބަލައި ދިރާސާކުރަމުންެދާ ކަމަށެވެ.
ބުނީ ކީކޭ؟ - އޭގެ ތެރޭގައި ރާއްޖެއަށް ތެޔޮ އަދި ކާބޯތަކެތި ހޯދުމާއި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ވެސް ބަލަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރެއިން އަސާސީ ކާބޯތަކެތީގެ ކަންކަމަށް ދަތިތަކެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަސާސީ ކާބޯތަކެއްޗަށް ބަލާއިރު، އިރާދަކުރެއްވިއްޔާ އެކަމުގައި ރާއްޖޭގައި ހަމަ ހަނގުރާމައިގެ ކުރީގެ ހާލަތު، ހަނޑޫ، ހަކުރު ފުށް އެއްވެސް ދަތިކަމެއްނެތި ގެނެވި ސްޓޮކް ބެލެހެއްޓެމުންދަނީ.
އެހެންވީމާ އެކަމުގައި އިރާދަކުރެއްވިއްޔާ އެއްވެސް ކަހަލަ ދަތިކަމެއް އަދި ދިމަލެއްނުވޭ. އަދި [އެ ދަތިކަން ދިމާވާނެ ކަމަށް] އެއީ ލަފާކުރެވޭ ކަމެއް ވެސް ނޫން. އެކަމުގައި އަޅުގަނޑުމެންގެ ކަންބޮޑުވުމެއް ނެތް. އަދި އަގު ވެސް މައްޗަކަށް ނުދާނެ،" ރައީސް ވިދާޅުވި އެވެ.
މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދިޔައިރު ވެސް ދައުލަތުގެ ގްރޮސް ރިޒާވް ވެސް ކުރީގައި ހުރި މިންވަރުގައި ހިފެހެއްޓިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ތެޔޮ ލިބުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން، އަގުތައް މައްޗަށް ގޮސްފައިވީ ނަމަވެސް، ތެލަށް އަންނަ ބަދަލުތަކާއި އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރެވޭނެ ގޮތަކަށް މަސައްކަތްތައް ކުރެވޭތޯ ވެސް ބަލަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ ޖުމްލަކޮށް ދަންނަވަންޏާ މި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ އަސަރުތަކާ ގުޅޭ ގޮތުން އަޅުގަނޑުމެން މިދަނީ ވަރަށް ގާތުން މިހުރިހާ ކަމަށް އެޑްރެސް ކުރަމުން. އަދި އިރާދަކުރެއްވިއްޔާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެލުގެ ރިޒާވް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނެތް، އަގެއް ވެސް ބޮޑެއްނުވާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ