އައިއީއޭން ރިޒާވް ތެޔޮ އިތުރަށް ދޫކުރަން މަޝްވަރާކުރަނީ

އީރާނުގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން، ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ރައްކާކޮށްފައިވާ ތެލުގެ ރިޒާވުން އިތުރު މިންވަރެއް ބާޒާރަށް ނެރުމާ ގޮތުން ސަރުކާރުތަކާ އެކު މަޝްވަރާކުރަމުންދާ ކަމަށް އިންޓަނޭޝަނަލް އެނަޖީ އެޖެންސީ (އައިއީއޭ)ގެ އެގްޒެކެޓިވް ޑައިރެކްޓަރު ފާތިހް ބިރޯލް މިއަދު ވިދާޅުވެއްޖެ އެވެ.
"ބޭނުންވެއްޖެ ހާލަތެއްގައި އެކަން ކުރާނަން. އަޅުގަނޑުމެން ބަލާނީ އޭރު އޮތް ހާލަތަށާއި މާކެޓްގެ ދިރާސާތަކަށް. އެއަށް ފަހު މެންބަރު ގައުމުތަކާ މަޝްވަރާކުރާނަން،" އޮސްޓްރޭލިއާގެ ކެންބަރާއަށް ކުރެއްވި ދަތުރެއްގައި ބިރޯލް ވިދާޅުވި އެވެ.
ތެލުގެ އަގު ހިފެހެއްޓުމަށްޓަކައި، ދުނިޔޭގެ ސްޓްރެޓީޖިކް ރިޒާވްގެ ގާތްގަނޑަކަށް %20އާ އެއްވަރުވާ، ރެކޯޑް އަދަދެއް ކަމަށްވާ 400 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރުމަށް މި މަހުގެ ކުރީކޮޅު އައިއީއޭން ވަނީ ނިންމާފަ އެވެ. ނަމަވެސް، މިއީ ހަމައެކަނި ވަގުތީ ހައްލެއް ކަމަށް ބިރޯލް ފާހަގަކުރެއްވި އެވެ.
"ރިޒާވުން ތެޔޮ ނެރުމަކީ ބާޒާރަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމެއް ނަމަވެސް، މިއީ މައްސަލައިގެ ދާއިމީ ހައްލެއް ނޫން. މީގެ ސަބަބުން އިގްތިސާދަށް ލިބޭ ގެއްލުންތައް ކުޑަކޮށްދިނުމަށް އެހީތެރިވެދޭނެ،" އޭނާ ވިދާޅުވި އެވެ.
މިހާރުގެ ހާލަތަކީ ވަރަށް ނާޒުކު ހާލަތެއްގެ ގޮތުގައި ސިފަކުރައްވަމުން ބިރޯލް ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ކާރިސާ 1970ގެ އަހަރުތަކުގައި ކުރިމަތިވި ތެލުގެ މައްސަލަތަކާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް އައި ލޮޅުމަށް ވުރެ ވެސް ބޮޑު ކަމަށެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ދުވާލަކު ސަޕްލައިކުރާ ތެލުގެ ތެރެއިން 11 މިލިއަން ފީފާ ވަނީ މަދުވެފަ އެވެ.
ބިރޯލް ވިދާޅުވި ގޮތުގައި، ދުނިޔޭގެ ހަކަތައިގެ ސްޕްލައި އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަކީ މަޖުބޫރު ކަމެކެވެ.
"މި މައްސަލައަށް އޮތް އެންމެ މުހިންމު ހައްލަކީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މި މައްސަލައިގެ ނުރައްކާތެރިކަން ދުނިޔޭގެ ނިންމުންތައް ނިންމަވާ ފަރާތްތަކަށް ކުރިން އެންމެ ފުރިހަމައަށް ވަޒަންކުރެވިފައި ނުވާކަން ވެސް ބިރޯލް ފާހަގަކުރެއްވި އެވެ.
އައިއީއޭން ދަނީ މި ކާރިސާ މެނޭޖްކުރުމަށްޓަކައި، ތެލަށް އޮތް ޑިމާންޑް ކުޑަކުރުމުގެ ފިޔަވަޅުތަކަށް އަމަލުކުރުމަށް ގައުމުތަކަށް ބާރުއަޅަމުންނެވެ. އޭގެ ތެރޭގައި ގޭގައި ތިބެގެން މަސައްކަތްކުރުމާއި އެއްގަމު އުޅަނދުތައް ދުއްވޭނެ މިންވަރު ދަށްކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ