ޗައިނާގައި ތެޔޮ ވިއްކޭނެ އެންމެ މަތީ އަގު ބޮޑުކޮށްފި

އީރާނާއި އެމެރިކާ-އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ޗައިނާއިން ތެލުގެ އަގު ކޮންޓްރޯލްކޮށްފި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އޭގެ ނޭދެވޭ އަސަރު އެ ގައުމުގެ އިގްތިސާދަށް ކުޑަކުރުމުގެ ގޮތުން ޗައިނާ ސަރުކާރުން ވަނީ ބާޒާރުގައި ތެޔޮ ވިއްކޭނެ އެންމެ މަތީ އަގުތަކެއް ކަނޑައަޅާފަ އެވެ. މިއީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ތެލުގެ އަގަށް ގެނައި އެންމެ ބޮޑު ބަދަލު ނަމަވެސް، މިއީ ހަގީގަތުގައި އަގު އުފުލެންޖެހޭ މިންވަރަށް ވުރެ ކުޑަ މިންވަރެކެވެ.
ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަން (އެންޑީއާރުސީ)ން ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން ޕެޓްރޯލް ޓަނަކުން 1,160 ޔުއާން އަދި ޑީސަލް ޓަނަކުން 1,115 ޔުއާން ވަނީ ބޮޑުކޮށްފަ އެވެ. ނަމަވެސް، އާންމުކޮށް އަގު ކަނޑައަޅާ އުސޫލުން ބަލާ ނަމަ، މިއީ އަގު ބޮޑުވާންޖެހޭ މިންވަރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔެވެ.
އާންމު ހާލަތެއްގައި ނަމަ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އުފުލިފައިވާ މިންވަރަށް ބަލާއިރު، ތެޔޮ ޓަނަކުން 2,000 ޔުއާންއަށް ވުރެ ބޮޑު މިންވަރެއް އިތުރުވާނެ އެވެ.
"މި ބަދަލުގެ ސަބަބުން އާންމުންނަށާއި ވިޔަފާރިތަކަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކޮށް، އިގްތިސާދީ އަދި އިޖުތިމާއީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ސަރުކާރުން ވަނީ ވަގުތީ ގޮތުން އަގުތައް ކޮންޓްރޯލްކުރަން ނިންމާފައި،" އެންޑީއާރުސީން ނެރުނު ބަޔާނެއްގައިވެ އެވެ.
ސަރުކާރުން މިގޮތަށް އަގުތައް ކޮންޓްރޯލް ކުރި ނަމަވެސް، މިއީ ފާއިތުވި 10 އަހަރު ތެރޭގައި ޗައިނާގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. މިހާރުގެ އަގުތައް ހުރީ 2022 ވަނަ އަހަރު ކުރިމަތިވި ހަކަތައިގެ ގޮންޖެހުންތަކާ ގާތްކުރާ މިންވަރެއްގަ އެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާއި ހަކަތައިގެ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކުގެ ބިރުވެރިކަމާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ ހިފެހެއްޓުމެއް ނެތް މިންވަރަށް މަތިވަމުންނެވެ. އެގޮތުން، ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު މިއަދު ވަނީ 113 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ