ސުންނީންނާއި ޝީއީންގެ ބަހުސަކީ މުސްލިމުން ބައިބައިކުރަން އަދުއްވުން ކިޔާ އެއްޗެއް: މައުމޫން

ސުންނީންނާއި ޝިއީންގެ ބަހުސްއަކީ މުސްލިމުންގެ އަދުއްވުން މުސްލިމް އުންމަތް ބައިބައިކުރަން ކިޔާ އެއްޗެއް ކަމަށާއި އެކަކު އަނެކަކު ކާފަރު ކުރުމަކީ އިސްލާމްދީނުގެ ސިފައެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދީނީ އެކިއެކި މައްސަލަތަކުގައި މީގެ ކުރިން ވެސް އިލްމީ ހިޔާލުފުޅު ހާމަކުރައްވާ މައުމޫން މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސުންނީންނާއި ޝީއީންގެ ބަހުސް ފެށިފައިވާ ދަނޑިވަޅެއްގަ އެވެ. 
އީރާނަކީ ޝީއީ މުސްލިމުން ކަމަށްވާތީ އެ މީހުންނަކީ ސުންނީ އަގީދާއާ ދުރު ބައެއް ކަމަށާއި އެ މީހުންނަކީ "މުސްލިމުން ނޫން" ކަމަށް އެ އްބަޔަކު ދަނީ ސިފަކުރަމުންނެވެ. 
އެގޮތުން، މަޝްހޫރު ދީނީ އިލްމްވެރިޔާ އަހުމަދު ސަމީރު އިއްޔެ ވަނީ، ޝީއީންނަކީ ސަހާބީންނަށް ބަދުބަސް ބުނާ، ބާތިލު އަގީދާއެއްގެ މަތީގައި ތިބި ބައެއް ކަމަށް ސިފަކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - މައުމޫން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މުސްލިމުންގެ އެއް ބަޔަކު އަނެއް ބަޔަކީ ވަކި މަޒުހަބެއްގެ މީހެއް ކަމަށް ވިދާޅުނުވުމަށް އިލްތިމާސްކުރައްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ އެއިން ކޮންމެ މީހަކީ ވެސް ހަމަ މުސްލިމުން ކަމަށެވެ.
"މިއީ ސުންނީ މުސްލިމެކޭ، ޝީއީ މުސްލިމެކޭ، ސަލަފީ މުސްލިމެކޭ ވިދާޅުނުވާށެވެ! އަޅުގަނޑުމެންނަކީ ހައްތަހާ ވެސް މުސްލިމުންނެވެ. އެއީ އަޅުގަނޑުމެން ބައިބައިކުރަން އަދުއްވުން ކިޔާހާ އެއްޗިއްސެވެ. ޖަދަލުކޮށް އެކަކު އަނެކަކު ކުށްވެރިކޮށް ކާފިރު ކުރުމަކީ ރަހުމަތުގެ ދީނުގެ ސިފައެއް ނޫން،" މައުމޫންގެ ޕޯސްޓުގައިވެ އެވެ.
އެނގުން މުހިންމު - ސަމީރު އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޒްރޭލުގެ ހަމަލާތަކުގައި އަވަހާރާކޮށްލި އިރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީއަކީ އާއިޝަތުގެފާނާއި ހަފްސަތުގެފާނާއި އަބޫބަކުރުގެ ފާނާއި އުމަރުގެފާނާއި އުސްމާނުގެފާނާއި އެ ނޫން ވެސް ސަހާބީންނަށް، މަކަރާއި ހީލަތާއި ހިޔާނާތް ނިސްބަތް ކުރާ ބޭފުޅެއް ކަަމަށެވެ. އެކަން އެ ބޭފުޅާގެ ފޮތްތަކުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވީމާ އީރާނުގެ ހަމަލާތަކުންް ޔަހޫދީ ދައުލަތް ސުނާފަތިވާން އެދުނަސް އިސްލާމްދީނާއި އިސްލާމީ އުންމަތަށް ނަސްރުދިނުމުގެ ނަމުގައި މި މީސްމީހުން މަތިވެރި ކުރުމުގެ އެއްވެސް މާނައެއް ނެތް ކަމެވެ. މި ވާހަކަ އަޅުގަނޑު މި ލިޔުނީ މީހަކު ބުނި ވާހަކައެއް އަހައިގެނެއް ނޫނެވެ. އަދި ކިއެއްތަ، އެ ދެ މީހުންގެ ފޮތްތަކުން އަޅުގަނޑަށް ފެންނަންހުރި އެއްޗެއްސަށް ބަލާފަ އެވެ،" ސަމީރުގެ ޕޯސްޓުގައިވެ އެވެ.
ސަމީރުގެ މި ޕޯސްޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެގޮތުން:
މުސްލިމުން އެކަކު އަނެކަކު ކާފަރު ކުރުމުގެ ނުބައިކަން ބައެއް މީހުން ދަނީ ފާހަގަކުރަމުން 
އީރާނަކީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުތަކާ ދެކޮޅުވެ، މުސްލިމް އުންމަތުގެ ދިފާއުގައި ހަނގުރާމުކުރަމުންދާ ހަމައެކަނި އިސްލާމީ ގައުމު ކަމަށްވުމުން، މުސްލިމުންގެ ހައިސިއްޔަތުން މިވަގުތު ތިބެންޖެހޭނީ އީރާނާ އެކު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން 
ޝީއީންނާއި ސުނީންގެ ބަހުސް މިދަނޑިވަޅުގައި މުހިންމު ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ