މަރުގެ އަދަބު ތަންފީޒުކުރުމަށް ވަރަށް އަވަހަށް ގާނޫނެއް ހަދާނަން: ރައީސް

މަރުގެ އަދަބު ތަންފީޒު ކުރުމަށް ގާނޫނެއް އެކުލަވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރެވެނީ ޝަރުއީ ތިން މަރުހަލާ ނިމިގެނެވެ. ތިން މަރުހަލާއިން މަރުގެ ހުކުމް ދެމެހެއްޓި ތިން މީހަކު ހުރި ނަމަވެސް، ގާނޫނުގައިވާ ގޮތުގެ މަތިން މަރުގެ ހުކުމް މިފަހުން ތަންފީޒުކޮށްފައެއް ނުވެ އެވެ.
ތަފްސީލް - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެ ކަމަކީ ގަވާއިދެއް ނުވަތަ އުސޫލެއްގެ ތެރެއިން ކުރެވިދާނެ ކަމެއް ކަމަކަށް އެ މަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އެހެންވެ، މަރުގެ ހުކުމް ތަންފީޒުކުރުމަށް ޓަކައި ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ ބިލު އެކުލަވާލުމުގެ މަސައްކަތް އޮތީ ވެސް އެންމެ ފަހުގެ މަރުހަލާގައި ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
"ބަންޑާރަ ނައިބުގެ އޮފީހުން އެބަ ކުރިއަށް ގެންދަން، މިފަދަ ފަރާތްތަކަށް މަރުގެ ހުކުމް ތަންފީޒުކުރަން ހާއްސަ ގާނޫނެއް ގެނައުމަށްޓަކައި އެކަމާ ބެހޭ ބިލެއް ތައްޔާރުކުރަން. އެ ބިލު މިހާރު ނިމުމުގެ މަރުހަލާގައި ވަނީ،" ރައީސް ވިދާޅުވި އެވެ.
މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުގެ ތެރޭގައި ބިލު ހުށަހެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މަރުގެ ހުކުމް ތަންފީޒުނުކުރުމަކީ ސަރުކާރާއި އެ މަނިކުފާނަށް ލިބިދޭ އިހުތިޔާރެއް ކަމަށް ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދައުލަތުގެ އެންމެ އިސްވެރިޔާއަށް އޮތް ޗޮއިސްއެއް ނޫން. މަރުގެ ހުކުމް ތަންފީޒުކުރަން ޖެހޭ ފަރާތަކަށް، ހުރިހާ މަރުހަލާއެއް ނިމިފައިވާ މީހަކު މަރުގެ ހުކުމް ތަންފީޒުނުކޮށް ބޭއްވުމަކީ،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ