ތާރިގް ހުވާކުރާ ރަސްމިއްޔާތަށް ރާއްޖެއަށް ދައުވަތު

ބަންގްލަދޭޝްގެ އައު ބޮޑުވަޒީރު، ތާރިގް ރަހްމާން މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ރާއްޖެ ހިމެނޭހެން 13 ގައުމަކަށް ދައުވަތު ދީފި އެވެ.
މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.
ބަންގްލަދޭޝްގެ އާންމު އިންތިހާބު ކާމިޔާބުކުރި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބުނީ ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި އިންޑިއާ، ޗައިނާ، ޕާކިސްތާން، އާއި ސައުދީ އަރަބިއްޔާގެ އިތުރުން ތުރުކީ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، މެލޭޝިއާ، ބުރުނާއީ، ސްރީލަންކާ، ނޭޕާލް އަދި ބޫޓާން ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ގައުމުތަކުގެ އެންމެ އިސްވެރިން ވަޑައިގަންނަވާނެކަން އަދި ހާމަކުރައްވާފައެއް ނުވެ އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ ތާރިގަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި އަވަހާރަވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ ދަރިކަލެކެވެ.
އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅެމުން ގެންދަވާތާ 17 އަހަރު ފަހުން ތާރިގް، 60، އެނބުރި ބަންގްލަދޭޝް އަށް ވަޑައިގަތީ ޑިސެންބަރު 25 ގަ އެވެ. މަންމާފުޅު އާލާސްކަންފުޅާ ހޮސްޕިޓަލްގައި އެޑްމިޓް ކުރައްވާފައި އޮންނަވަނިކޮށް ތާރިގް އޭނަގެ އެނބުރިވަޑައިގަތް އިރު، ހާލިދާ އަވަހާރަވީ ޑިސެމްބަރު މަހުގެ 30 ގަ އެވެ.
ބަންގްލަދޭޝްގައި މިދިޔަ ހަފްތާގައި އާންމު އިންތިހާބު ބޭއްވި އިރު ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ވެރިކަން ވައްޓާލަން ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން އެ އަހަރުގެ އޮގަސްޓް 5، 2024 ގައި އިސްތިއުފާ ދެއްވި ފަހުން ގައުމު ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވީ މުހައްމަދު ޔޫނުސް އެވެ.
ހަސީނާ އިސްތިއުފާ ދެއްވައި ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންފައިވާ އިރު، އޭނަގެ ޕާޓީ، އަވާމީ ލީގަށް މި އަހަރުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ