އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއާ ދެމެދު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާއަކީ "ޔޫރަޕްގެ ދަރިއެއް" ކަމަށް ސިފަކުރައްވައި، އެމެރިކާ އާއި ޔޫރަޕާ ދެމެދު އޮތް ތާރީހީ ގުޅުން އާކުރެއްވުމުގެ ރޫހެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި އިއްޔެ ވާހަކަދައްކަވައިފި އެވެ.
"ޔޫރަޕާއި އެމެރިކާގެ ގުޅުން ނިމުމަކަށް އަންނަ ކަމަށް މީޑިއާތަކުން ސިފަކުރަމުންދާ މި ދަނޑިވަޅުގައި، އަޅުގަނޑު ބުނެލަން ބޭނުންވަނީ އެއީ އަޅުގަނޑުމެން އެދޭ ގޮތެއް ނޫން،" ރޫބިއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާ އާއި ޔޫރަޕަކީ އެކުގައި އޮންނަންޖެހޭ ދެ ބައިވެރިން ކަމަށެވެ.
ޔޫކްރެއިންގެ މައްސަލަ އާއި ވިޔަފާރި އަދި ސަލާމަތީ ކަންކަމުގައި އެމެރިކާގެ ސިޔާސަތުތަކާ މެދު ކަންބޮޑުވެފައި ތިބި ބައިވެރި ގައުމުތަކަށް މި ވާހަކައިން ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް، މި ތަގުރީރުގައި އެއްވެސް އާ ވައުދެއް ވެވަޑައިގެންފައެއް ނުވެ އެވެ. އަދި ރަޝިއާއާ ގުޅޭ ގޮތުން ވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޔޫރަޕްގެ ލީޑަރުން ރޫބިއޯގެ މި ބަހުރުވައަށް މަރުހަބާ ދެންނެވި ނަމަވެސް، ބައެއް ފަރާތްތަކުން ތިބީ ސަމާލުކަންދީގެންނެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އޫސުލާ ފޮން ޑަ ލޭޔަން ވިދާޅުވީ މި ވާހަކައިން ވަރަށް ބޮޑު ތަސައްލީއެއް ލިބިވަޑައިގެންފި ކަމަށެވެ.
އެކަމަކު، ލިތުއޭނިއާގެ ކުރީގެ ހާރިޖީ ވަޒީރު ގަބްރިއޭލިއަސް ލޭންޑްސްބާޖިސް ފާހަގަކުރެއްވި ގޮތުގައި، މިއީ ހަމައެކަނި "އަދަބުވެރި ބަހުރުވައަކުން" ދެއްކެވި ވާހަކައެއް ކަމަށާއި ސިޔާސަތުތަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
ޔޫކްރެއިންގެ މައްސަލަ މި ކޮންފަރެންސްގައި ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ އެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ރަޝިއާއާ އެކު އެއްބަސްވުންތަކަކަށް އައުމަށް ވޮޝިންޓަނުން ފިއްތުންތައް ކުރިމަތިވަމުންދާ ކަމުގެ އިހުސާސް ކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ގިނަ ފަހަރަށް ދޫދިނުމުގެ ވާހަކަ ދެކެވެނީ ހަމައެކަނި ޔޫކްރެއިންގެ ފަރާތުންނެވެ.
މީގެ އިތުރުން، ހުޅަނގުގެ ބާރުތައް ދަށަށްދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރޫބިއޯ ފާޑުވިދާޅުވި އެވެ. އޭނާ ބާރުއެޅުއްވީ ބައިވެރި ގައުމުތަކުން ސަލާމަތީ ގޮތުންނާއި އެއްބައިވަންތަކަމުގެ ގޮތުން އިތުރަށް ވަރުގަދަވުމަށެވެ.
"އަޅުގަނޑުމެންގެ ބައިވެރިން ބަލިކަށިވާކަށް އަޅުގަނޑުމެން ނޭދެން. ސަބަބަކީ އެކަމުގެ ސަބަބުން އަޅުގަނޑުމެން ވެސް ބަލިކަށިވާނެތީ،" ރޫބިއޯ ވިދާޅުވި އެވެ.
ޔޫރަޕާ އެކު އޮތް ގުޅުން ރޫބިއޯ ދިފާއުކުރައްވައިފި: އެމެރިކާއަކީ 'ޔޫރަޕްގެ ދަރިއެއް'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ