ފިލްމު 'ޕްރަލޭ' އަކީ ރަންވީރުގެ ކެރިއަރުގެ އެންމެ އަގުބޮޑު ފިލްމު

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރަންވީރު ސިންގް ދެން އެންމެ އަވަހަށް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ޕްރަލޭ" އަކީ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ އަގުބޮޑު ފިލްމު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި ރަންވީރުގެ ޒޮމްބީ ތުރިލާ "ޕްރަލޭ" އަކީ 300 ކްރޯޑު ރުޕީސް (33.1 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ. މި އަހަރުގެ މެއި ނުވަތަ ޖޫން މަހުތެރޭ މަސައްކަތް ފަށަން ތައްޔާރުވަމުން މި ފިލްމަކީ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ހަންސަލް މެހެތާގެ ދަރިފުޅު ޖޭ މެހެތާ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ފިލްމު "ޕްރަލޭ"ގެ ވާހަކަ ބިނާކޮށްފައި ވަނީ ކޮވިޑް-19އިގެ ބެކްޑްރޮޕްއަށް ބިނާކޮށް ކަމަށް ވެސް ޕިންކްވިލާގައި ވަނީ ބުނެފައެވެ. މި ފިލްމުގެ ހުރިހާ މަރުހަލާއެއްގައި ވެސް ރަންވީރު ބައިވެރިވާނެއިރު ފިލްމުގެ ވީއެފްއެކްސް މަސައްކަތްތަކާއި ސްކްރިޕްޓް އެކުލަވާލާ މަސައްކަތްތައް ވެސް އޭގެތެރޭގައި ހިމެނެއެވެ. މީގެއިތުރުން "ޕްރަލޭ" އަކީ ރަންވީރުގެ އަމިއްލަ ފިލްމު ކުންފުނި މާ ކަސަމް ފިލްމްސް ބެނާގެ ދަށުން ގެނެސްދޭ ފިލްމަކަށްވާތީ މި ފިލްމު އެކްޓަރަށް ހާއްސަވާ އެއް ސަބަބަކީ އެއީ ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފައެވެ. ފިލްމު "ލޯކާ ޗެޕްޓަ 1: ޗަންދުރާ"ގެ ބަތަލާ ކަލިއާނާ ޕްރިޔަދަރުޝަން--ފޮޓޯ/ހަންގާމާއެކްސްޕްރެސް ޕިންކްވިލާގައި ބުނެފައިވާ ގޮތުން މި ފިލްމުން ރަންވީރާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ މިދިޔަ އަހަރު ރިލީޒްކުރި ސުޕަހީރޯ ފިލްމު "ލޯކާ ޗެޕްޓަ 1: ޗަންދުރާ"ގެ ބަތަލާ ކަލިއާނާ ޕްރިޔަދަރުޝަންއެވެ. ރަންވީރު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހުގެ 19ގައި ރިލީޒްކުރާ ފިލްމު "ދުރަންދަރު"ގެ ދެވަނަ ބައިންނެވެ. މިދިޔަ އަހަރު ރިލީޒްކުރި މި ފިލްމުގެ ފުރަތަމަ ބައި ވެފައި ވަނީ މިހާތަނަށް އިންޑިއާގައި ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ