ނިއުޔޯކުގައި ދިރިއުޅޭ ވަކިވެގަންނަން މަސައްކަތްކުރާ ސިކް ލީޑަރަކު އަވަހާރަކޮށްލުމަށް އިންޑިއާ ސަރުކާރުގެ ބައިވެރިވުމާ އެކު ރޭވި ނާކާމިޔާބު ރޭވުމެއްގައި ބައިވެރިވިކަމަށް، އިންޑިއާގެ ރައްޔިތަކު އެމެރިކާގެ ފެޑަރަލް ކޯޓެއްގައި އިއުތިރާފުވެއްޖެ އެވެ.
މި މައްސަލައަކީ ވޮޝިންޓަނާއި ނިއުދިއްލީއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރާފައިވާ މައްސަލައެކެވެ.
ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އުމުރުން 54 އަހަރުގެ ނިކިލް ގުޕްތާ ވަނީ މީހަކު މަރާލުމަށް ބަޔަކަށް އުޖޫރަދިނުމާއި އެކަމަށް ރޭވުމާ އަދި މަނީ ލޯންޑަރިންގެ ދައުވާއަށް މިދިޔަ ހުކުރު ދުވަހު އިއުތިރާފުވެފަ އެވެ.
އެމެރިކާގެ އަދަބު ކަނޑައެޅުމުގެ އުސޫލުތަކަށް ބަލާއިރު، އޭނާގެ މައްޗަށް 20 އަހަރާއި 24 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ އަންނަ މޭ މަހުގެ 29 ވަނަ ދުވަހު އެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ގުޕްތާ މި ރޭވުން ރޭވީ އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ގުޅިގެންނެވެ. އެ މީހުންގެ އަމާޒަކީ އެމެރިކާ އާއި ކެނެޑާގެ ރައްޔިތެއް ކަމަށްވާ އަދި ސިކުންގެ ވަކި ދައުލަތެއް އުފެއްދުމަށް ވަކާލާތުކުރާ ގުރުޕަތުވަންތު ސިންގް ޕަންނޫން އަވަހާރަކޮށްލުމެވެ.
އިންޑިއާ ސަރުކާރުން ވަނީ މިކަމުގައި އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް އިންކާރުކޮށް، އެފަދަ އަމަލުތަކަކީ ސަރުކާރުގެ ސިޔާސަތާ ހިލާފު ކަންކަން ކަމަށް ބުނެފަ އެވެ.
މެންހަޓަންގެ ޔޫއެސް މެޖިސްޓްރޭޓް ސާރާ ނެޓްބާންގެ ކުރިމަތީގައި ހާޒިރުވެ، ގުޕްތާ ވަނީ މި ރޭވުމަށް އިއުތިރާފުވެފަ އެވެ. ކޯޓުގެ ރެކޯޑްތަކުން އެނގޭ ގޮތުގައި، އޭނާ ބުނެފައިވަނީ އެމެރިކާގައި ހުރި މީހަކު މަރާލުމަށް އެހެން މީހަކާ އެކު އެއްބަސްވި ކަމަށާއި އެކަމުގެ އެޑްވާންސް ފައިސާގެ ގޮތުގައި 15،000 އެމެރިކާ ޑޮލަރު ދެއްކި ކަމަށެވެ.
ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި، މި ރޭވުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ވިކާޝް ޔާދަވް، ގުޕްތާ މެދުވެރިކޮށް 100,000 ޑޮލަރު ދޭން އެއްބަސްވީ މީހަކު މަރާލަން ހަވާލުކުރި މީހަކަށެވެ. ނަމަވެސް އެ މީހާއަކީ އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ)ގެ އަންޑަކަވާ އެޖެންޓެކެވެ.
މެންހަޓަންގެ ޔޫއެސް އެޓާނީ ޖޭ ކްލޭޓަން ވިދާޅުވީ، ނިކިލް ގުޕްތާ ރޭވީ ނިއުޔޯކް ސިޓީގައި ހުރި އެމެރިކާގެ ރައްޔިތަކު އަވަހާރަކޮށްލުމަށް ކަމަށެވެ. އަދި ގައުމުން ބޭރުގައި ހުރެގެން އެއްވެސް އަދަބަކާ ނުލައި އެމެރިކާގެ ރައްޔިތަކު މަރާލެވިދާނެ ކަމަށް އޭނާ ހީކުރި ނަމަވެސް، އެއީ އޭނާއަށް ކުރެވުނު ކުށްހީއެއް ކަމަށް ކްލޭޓަން ފާހަގަކުރެއްވި އެވެ.
ޗެކް ރިޕަބްލިކުން 2024 ވަނަ އަހަރު އެމެރިކާއާ ހަވާލުކުރި ފަހުން ގުޕްތާ ހުރީ ބަންދުގަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ވޮޝިންޓަނުގައި ހުންނަ އިންޑިއާގެ އެމްބަސީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެމެރިކާގައި ސިކް ލީޑަރަކު މަރާލަން ރޭވި ކަމަށް އިންޑިއާ މީހަކު އިއުތިރާފުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ