ޓައިގާ ކަޕް ފުރަތަަމަ މެޗުން ޓްރިބުވާން އާމީ އަތުން ރާއްޖެ ބަލިވެއްޖެ ޓައިގާ ކަޕް ފުރަތަަމަ މެޗުން ޓްރިބުވާން އާމީ އަތުން ރާއްޖެ ބަލިވެއްޖެ

ނޭޕާލުގައި އިއްޔެ ފެށި ހަ ވަނަ ޓައިގާ ކަޕް ވޮލީބޯޅަ މުބާރާތުގައި، ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލުގެ ޓްރިބުވާން އާމީ ޓީމު އަތުން ބަލިވެއްޖެ އެވެ.
ޓައިގާ ކަޕް، ނެޝަނަލް/ އިންޓަނޭޝަނަލް އިންވިޓޭޝަނަލް އޯޕަން ކްލަބް ޗެމްޕިއަންޝިޕްގައި އަންހެން އަދި ފިރިހެން ޑިވިޝަނުގައި ޖުމްލަ އެކު، 14 ޓީމެއް ކުޅެ އެވެ. އެއީ، އަންހެން ޑިވިޝަނުގައި ހަތް ޓީމު އަދި ފިރިހެން ޑިވިޝަނުގައި ހަތް ޓީމެވެ. މި މުބާރާތުގައި ނޭޕާލުން ބޭރުން ވާދަކުރަނީ، އަންހެން ޑިވިޝަނުގައި ތައިލެންޑުގެ ދެ ޓީމާއި ފިރިހެން ޑިވިޝަނުގައި، ގައުމީ ވޮލީބޯޅަ ޓީމުގެ އިތުރުން، އިންޑިއާގެ ގުޖުރާތު ވޮލީބޯލް ކްލަބް އެވެ.
އައުޓް ޑޯ ކޯޓެއްގައި ކުޅޭ މި މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، ޓްރިބުވާން އާމީ އަތުން ބަލިވީ، 25-15، 25-22 އަދި 25-10 އިން ސެޓުތައް ގޮސްގެންނެވެ.
ތިރީސް އަހަރުން މަތީގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ޓީމުން ބާކީކޮށް މުސްތަގުބަލަށް ޓީމެއް އެކުލަވާލުމުގެ މަސައްކަތެއް ފަށާފައިވާ ވޮލީބޯލް އެސޯސިއޭޝަނުން ގައުމީ ފިރިހެން ވޮލީ ޓީމު ހަވާލުކޮށްފައިވަނީ، އީރާނުގެ ކޯޗު، ފަރްހާދު ނަޒާރީއާ އެވެ. މިއީ، އޭނާގެ ކޯޗުކަމުގައި ކުޅޭ ފުރަތަމަ މުބާރާތެވެ.
ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި މިއަދު ކުޅޭނީ ގަންދަކީ ޕްރޮވިންސް ވޮލީބޯލް އެސޯސިއޭޝަންއާ އެވެ. ތިން ވަނަ މެޗުގައި ހޯމަދ ދުވަހު ނޭޕާލް އޭޕީއެފް ކްލަބާ ވާދަކުރާނެ އެވެ. އަންގާރަ ދުވަހު ނުކުންނާނީ، ޕަރަބަޓު ޑިސްޓްރިކްޓް ވޮލީބޯލް އެސޯސިއޭޝަނާ ދެކޮޅަށެވެ. އަދި، ބުރާސްފަތި ދުވަހު ލީގު ބުރުގެ ފަހު މެޗުގައި، ނޭޕާލް ޕޮލިސް ކްލަބާ ބައްދަލުކުރާނެ އެވެ.
މުބާރާތުގެ ފޯމެޓް ރޭވިފައި އޮތް ގޮތުން، ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ އާއި ދެ ވަނަ ބައްދަލުކުރާނީ ފައިނަލުގަ އެވެ. އަދި، ތިން ވަނަ އާއި ހަަތަރު ވަނަ މެޗެއް ކުޅޭއިރު، ރޭންކިން އިތުރު މެޗުތަކެއް ވެސް ކުޅޭނެ އެވެ.
ޗެމްޕިއަން ޓީމަށް 5000 ޑޮލަރު، ރަަނަރަޕަށް 2500 ޑޮލަރު އަދި ތިން ވަނަ އަށް ދާ ޓީމަށް 1100 ޑޮލަރުގެ އިނާމް ފައިސާއެއް މި މުބާރާތުގައި ވަނީ ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ