ވިކްރާންތުގެ ފިލްމު 'ވައިޓް'ގައި ޖެނިފާގެ ލަވައެއް

އެމެރިކާގެ މަޝްހޫރު ލަވަލަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ)ގެ އަޑުން ކިޔާފައިވާ ލަވައެއް އިންޑިއާގެ ފިލްމަކަށް ރިކޯޑުކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އިންޑިއާގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމަކީ ހުނަރުވެރި އެކްޓަރު ވިކްރާންތު މަސޭ ކުޅޭ ބައޮގްރަފިކަލް ޑްރާމް ފިލްމު "ވައިޓް"އެވެ. ފިލްމު "ވައިޓް"އަކީ ބޮލީވުޑްގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ސިދާތު އާނަންދާއި ޕްރޮޑިއުސަރު މަހާވީރު ޖެއިން ސްޕެއިންގެ ފިލްމު ކުންފުންޏަކާ ގުޅިގެން އުފައްދާ އިންޓަނޭޝަނަލް ޕްރޮޖެކްޓެކެވެ. މި ފިލްމުގައި ސިދާތާއި މަހާވީރު ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އިންޑިއާގެ އެކްޓަރު ވިކްރާންތު އެ ޤައުމުގެ ރޫހާނީ ލީޑަރު ގުރޫދޭވް ސްރީ ސްރީ ޝަންކަރު ރަވީ ޝަންކަރުއާ އެކު--ފޮޓޯ/ޕިންކްވިލާ އިންޑިއާގެ ނުފޫޒުގަދަ ރޫހާނީ ލީޑަރު ގުރޫދޭވް ސްރީ ސްރީ ޝަންކަރު ރަވީ ޝަންކަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ މި ބައޮގްރަފިކަލް ޑްރާމާގައި ރޫހާނީ ލީޑަރު ގުރޫދޭވްގެ ރޯލުން ފެންނާނީ ވިކްރާންތު މަސޭއެވެ. މިދިޔަ އަހަރު ނެޝަނަލް އެވޯޑު ހާސިލުކުރި ވިކްރާންތުގެ ކެރިއަރުގެ ވަރަށް މުހިއްމު މި ޕްރޮޖެކްޓްގެ އެކިއެކި ބައިތަކުން އިންޓަނޭޝަނަލް ފަންނާނުންގެ ބައިވެރިވުން ހިމަނާފައިވާއިރު ޖޭލޯގެ ލަވައެއް ފިލްމުގައި ހިމެނުމަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ފިލްމަށް ލިބޭނެ ކަމެއްގެ ގޮތުގައި މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ. މި ފިލްމުގެ 90 އިންސައްތަ ފަންނާނުންނަކީ ބައިނަލްއަޤްވާމީ ގޮތުން މަޝްހޫރުކަން ހޯދާފައިވާ ފަންނާނުންނަށްވާއިރު މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ ތަފާތު 21 ބަހުރުވައިންނެވެ. ފިލްމުގެ 90 އިންސައްތަ ޝޫޓިން މަސައްކަތް ނިމިފައިވާއިރު މި ފިލްމުގެ ވަރަށް ބޮޑު ބައެއް ޝޫޓުކޮށްފައިވަނީ ދެކުނު އެމެރިކާގެ އެކި ސަރަހައްދުތަކުގައެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީޚެއް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ