މިދިޔަ އަހަރު ދަރަނި ދެއްކުމާއި އިންޓްރެސްޓަށް 9.8 ބިލިއަން، މަޝްރޫއުތަކަށް ވުރެ ބޮޑު އަދަދެއް

މިދިޔަ އަހަރު ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާއި ދަރަނީގެ އިންޓްރެސްޓަށް ދައްކަންޖެހޭ ފައިސާއަށް 9.8 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިހާތަނަށް ދަރަންޏާއި އިންޓްރެސްޓަށް މިހާ ބޮޑު އަދަދެއް ހޭދަކުރި ފުރަތަމަ ފަހަރެވެ. ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދަރަނި އަނބުރާ ދައްކަން ދައުލަތުގެ ބަޖެޓުން 5.2 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ، އެ އަހަރަށް ބަޖެޓުކުރި 3.8 ބިލިއަނަށްވުރެ ބިލިއަނަކަށްވުރެ ވެސް އިތުރު އަދަދެކެވެ. އަދި، އޭގެ ކުރީ 2024 ވަނަ އަހަރު ޚަރަދުކުރި 2.3 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު މިއީ 122 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ލޯންތަކުގެ އިންޓްރެސްޓަށް ވެސް އެހާ ބޮޑު އަދަދެއް ދައްކަން ޖެހުނެވެ. އެ ގޮތުން، އަހަރު ނިމުންއިރު އެ ކަމަށް 4.7 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ، އެކަމަކު އެ އަހަރަށް ބަޖެޓުކުރި 5.5 ބިލިއަން ރުފިޔާއަށް ވުރެ ދަށް އަދަދެކެވެ. އެކަމަކު، އޭގެ ކުރީ އަހަރާ ބަލާއިރު މިއީ 1.4 އިންސައްތައިގެ އިތުރުވުމެކެވެ. https://sun.mv/216788 އެހެންވެ، މިދިޔަ އަހަރު ދަރަނި ދެއްކުމާއި އިންޓްރެސްޓަށް ޖުމުލަ 9.8 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، ރިކޯޑު އަދަދެކެވެ. މިދިޔަ އަހަރު ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ވެސް ޚަރަދުކުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަނީ 8.6 ބިލިއަން ރުފިޔާއެވެ. މަޝްރޫއުތަކަށް އެ އަހަރު 12.4 ބިލިއަން ރުފިޔާ ޚަރަދުކުރަން ސަރުކާރުން ރޭވި ނަމަވެސް އަހަރު ނިމުންއިރު އޭގެ ތެރެއިން 3.7 ބިލިއަން ރުފިޔާގައި އަތްނުލައެވެ. އެހެންވެ، ދަރަނި އަނބުރާ ދެއްކުމާއި އިންޓްރެސްޓަށް މިދިޔަ އަހަރު، މަޝްރޫއުތަކަށް ވުރެ އިތުރަށް 1.2 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. މިދިޔަ އަހަރު ދަރަންޏާއި އިންޓްރެސްޓަށް ކުރި ހޭދަ އިންތިހާއަށް ބޮޑުވިއިރު، މި އަހަރު އެ އަދަދުތައް ހައްތަހާ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އެ ގޮތުން، މި އަހަރުގެ އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރެއް ހިމެނޭހެން މި އަހަރު ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހެއެވެ. އެއީ، 15 ބިލިއަނަށްވުރެ އިތުރު އަދަދެކެވެ. https://sun.mv/215469 ދަރަނި ބޮޑުވެ، ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ޚަރަދުކުޑަކުރަން ރާއްޖެއަށް ލަފާދެމުންނެވެ. އެކަމަކު، އެ ފަދަ ފިޔަވަޅުތައް ރާއްޖޭން އަޅާފައެއް ނުވެއެވެ. ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖެއަށް ދީފައި އޮތް 'ޖަންކް' ރޭޓިން ދެމެހެއްޓުމުގެ ސަބަބުން ރާއްޖެއަށް ބޭރުގެ ފައިނޭންސިން ހޯދަން ދަތިވާނެއެވެ. އެހެންވެ، މި އަހަރު ދައްކަންޖެހޭ ދަރަނި ރީފައިނޭންސް ކުރެވިދާނެތޯ އިދިކޮޅު ބައެއް ބޭފުޅުން ސުވާލު އުފައްދައެވެ. އެ ގޮތުން، އެމެރިކާގެ ކާގިލްސްއިން 15 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ދަރަނި ދައްކަން 300 މިލިއަން ޑޮލަރުގެ ދަރަންޏެއް ނަގަން އުޅޭކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. އެ ބޮޑު އިންޓްރެސްޓް ރޭޓުގެ ދަރަނި ނެގުމާ ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ދަރަނި އަނބުރާ ދެއްކުމާ މެދު ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ސަރުކާރުން އަންނަނީ ވަގުތުގައި ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ