ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންގެ ލީޑާޝިޕް ހުނަރުތަކާއި ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީ (އެސްއެމްޔޫ) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެ މުއައްސަސާގެ ދެމެދުގައި އޮތް ސްޓްރެޓީޖިކް ގުޅުން ބަދަހިކޮށް، ބީއެމްއެލްގެ މުވައްޒަފުންނަށް ބޭނުންވާ ޕްރޮފެޝަނަލް އެޑިއުކޭޝަން ފޯރުކޮށްދިނުމެވެ. މި އެމްއޯޔޫގެ ދަށުން ބީއެމްއެލް އެކެޑަމީ އާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ "އެސްއެމްޔޫ އެކެޑަމީ" އާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެއެވެ.
މި ގުޅުމުގެ ދަށުން، ބީއެމްއެލްގެ މުވައްޒަފުންގެ ބޭނުންތަކަށް ހާއްސަކޮށްގެން ފަރުމާކުރެވޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި އެސްއެމްޔޫއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، ދެ ފަރާތުގެ ދެމެދުގައި މައުލޫމާތާއި ހުނަރު ބަދަލުކުރުމުގެ ތެރެއިން ބޭންކުގެ މުވައްޒަފުންނަށް މެދުނުކެނޑި ފަންނީ ކުރިއެރުން ހޯދޭނެ މަގުތައް ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް ފަހިވެގެންދާނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ، މި ޕާޓްނާޝިޕަކީ ބޭންކަށް ބޭނުންވާ މޮޅު ލީޑަރުން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ވޭތުވެދިޔަ އަހަރު އެސްއެމްޔޫއާއެކު ކުރިއަށްގެންދިޔަ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ބީއެމްއެލްގެ 40 މުވައްޒަފަކު ލީޑާޝިޕް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމުން ހިމެނެއެވެ. މީގެ ތެރެއިން ސީނިއާ 20 މުވައްޒަފަކު އެސްއެމްޔޫއިން ދޭ 'އެގްޒެކެޓިވް ސެޓިފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައިވާއިރު، އިތުރު 20 މުވައްޒަފަކު ވަނީ އެސްއެމްޔޫއިން ހިންގި ސެޓިފިކެޓް ޕްރޮގްރާމެއް ނިންމުމަށްފަހު ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް 'ސެޓިފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައެވެ. އެސްއެމްޔޫ އާއި ބީއެމްއެލް އެކެޑެމީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާއިރު، މިފަދަ އިތުރު ތަމްރީނުތައް މިހާރުވެސް ހިނގަމުން ދާކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އެ ބޭންކުގެ މުވައްޒަފުން ތަރައްގީ ކުރުމަށާއި މުޅިމުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރަމުންނެވެ. މިއީ ބޭންކުން ގެންނަމުން އަންނަ ހެޔޮ ބަދަލުތަކަށާއި، ފެންވަރު ރަނގަޅު ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު އެހީތެރިކަމެކެވެ. ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، ބޭންކުން ދަނީ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.
ބީއެމްއެލްގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ