މަންޑޭ 397 އަހަރަށް ޖަލަށް: "މިއީ ވަކި ވިސްނުމަކާއި އަމާޒެއްގެ ނަތީޖާ"

ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ކޭޕާކު ފުލެޓުތަކުގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި، އެ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ), 397 އަހަރަށް ޖަލަށް ލުމަށް މިއަދު ހުކުމް ކޮށްފައިވާއިރު, މިއީ ވަކި ވިސްނުމަކާއި އަމާޒަކަށް މަސައްކަތް ކުރެއްވުމުގެ ނަތީޖާ ކަމަށް, އެ މައްސަލައިގައި ދައުވާ އުފުލިއިރު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަކަށް ހުންނެވި, ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ. މަންޑޭ 397 އަހަރަށް ޖަލަށް ލުމުގެ އިތުރުން, މަނީ ލޯންޑްރިންގެ ކުށުގައި އޭނާ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަމުރުކުރިއެވެ. މިއީ މިހާތަނަށް ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމެވެ. https://www.sun.mv/216098 މި މައްސަލައިގައި މަންޑޭއާއެކު ބައިވެރިވެ އޭނާއަށް އެހީތެރިވި, ރ.އަލިފުށި/ކިނާރާގެ، ޖައިޝާން ސައީދު, 159 އަހަރަށް ޖަލަށްލާން ވެސް މިއަދު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މި މައްސަލަތަކުގައި ދައުވާ އުފުލާފައިވަނީ ޝަމީމްގެ ޕީޖީ ކަމުގައި ކަމުން, ހުކުމާއެކު "ސަން" އިން ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ މަކަރާއި ޙީލަތް ހެދުމުގެ މައްސަލަތަކުގައި ދާދިފަހުން ޙުކުމް ކުރެވިގެން މިދިޔައީ، ވަކި ވިސްނުމަކާއި ވަކި އަމާޒެއްގެ ދަށުން ކުރަން ފެށި މަސައްކަތެއްގެ ނަތީޖާ ކަމަށެވެ. "މި މައްސަލަތައް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ހިނގައިދިއުމުގެ ސަބަބުން، މާލީ ނިޒާމަށް މީހުންކުރާ އިތުބާރު އިތުރުވެގެންދާނެ. ސްކޭމް ހިންގުމަކީ ދިވެހިރާއްޖޭގައި ކުރަން އެހާ ފަސޭހަ ނޫން ކަމެއްގެ ގޮތުގައި މީހުން ޤަބޫލުކުރަން ފަށާނެ." ޝަމީމް ވިދާޅުވިއެވެ. https://www.sun.mv/185457 އޭނާ ވިދާޅުވިގޮތުގައި މި ނަތީޖާ މި ނެރެވުނީ ތަޙްޤީޤީ އިދާރާތަކުގެ ހުށިޔާރުކަމާއި ޕީޖީ އޮފީހުގެ މުވައްޒަފުންގެ މަސައްކަތުން ކަމަށެވެ. މިކަމުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ޝުކުރާއި ތަޢުރީފު ޙައްޤުވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މި މަސައްކަތުގައި، މާލީ ނިޒާމުގެ ތަންފީޒީ މަސައްކަތުގައި ހުރިހާ އެންމެން ޝާމިލުކުރަންޖެހޭ. އެފްއައިޔޫއާއި، ފުލުހުންގެ އިންވެސްޓިގޭޓަރުންނާއި، ބޭންކުތަކާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބުނު ފަންނީ އެހީތެރިކަން ފާހަގަކުރަންޖެހޭ. މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތުގެ ނަތީޖާ," ޝަމީމް ވިދާޅުވިއެވެ. މަންޑޭގެ އިތުރުން, މި ފަހުން ވަނީ ޝަމީމްގެ ޕީޖީ ކަމުގައި ދައުވާތަކެއް އުފުލި, ހުސެއިން ޝިފާއު ވެސް 109 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އޭނާ ކުރި ކުށަކީ ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރުމެވެ. ޝަމީމް އިތުރަށް ވިދާޅުވީ މި ކާމިޔާބީ ދެމެހެއްޓޭނީ، މިބާވަތުގެ މައްސަލަތަކުގައި ސީރިއަސްކަން ދަމަހައްޓައިގެން ކަމަށެވެ. ވަކި ހިސާބަކުން، ސާފު ސަބަބު ނޭނގި މައްސަލަ އަނބުރާ ނަގާނަމަ، ޢާންމުންގެ އިތުބާރު މިހާރު މި ލިބިފައި އޮތް ގޮތަށް ނުއެއް ދެމެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މިކަމަށް ތަންފީޒީ އިދާރާތަކުން ސަމާލުވާންޖެހޭނެކަމަށް ފެނޭ" ޝަމީމް ވިދާޅުވިއެވެ. މި ފަހުން ޕީޖީ އޮފީހުން ވަނީ ގިނަ ބައެއްގެ އަތުން ފައިސާ އަތުލައި އެއަށް ޚިޔާނާތްތެރިވީކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީއާއި، ޝަޒުބާން ފަހުމީގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެނެސްފައެވެ. އެއާއެކު ޕީޖީ އައްބާސް ޝަރީފަށް ފާޑުކިޔުން އަމާޒުވިއެވެ. https://www.sun.mv/213320 މި މައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާއި ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މިހާ ބޮޑު ތުހުމަތެއް ކުރެވޭ މައްސަލައެއް ނެގި ސަބަބެއް ކަމަށް ޕީޖީއިން ބުނީ ތިން މީހުންނަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 މީހުންނަށް ބަދަލު ދީފައިވާ ކަމަށް އެ މީހުން ބުނެފައިވާ ކަމަށެވެ. އަދި، ފުލުހުންގެ ފަރާތުން އެކަން ސާފުކުރުމުން ވެސް އެކަން ޔަގީންވެފައިވާތީ، މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ