ސަރުކާރުން ލޯނު ދޫކޮށްގެން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ފައިސާ ދޫކުރަން މި އަހަރުގެ ބަޖެޓުން ދޫކުރި ފައިސާގެ އަދަދު މިދިޔަ އަހަރަށްވުރެ ބޮޑު ތަނުން މަދު ކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން އެންމެ ފަހުން އާންމުކުރި "ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު" ގައި ވަނީ ޑިސެމްބަރު 18، ގެ ނިޔަލަށް ކޮށްފައިވާ ހަރަދުތަކާއި ލިބުނު އާމްދަނީގެ ތަފުސީލެވެ.
މި ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު، އެ ތާރީހާއި ހަމައަށް ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކޮށްފައިވަނީ 548 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކޮށްފައިވަނީ 688 މިލިއަން ރުފިޔާ އެވެ. މިއީ 140 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން މި އަހަރު ނިންމޭއިރު ބަޖެޓު ކުރި އަދަދަށްވުރެ، ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކުރި ފައިސާ 200 އެއްހާ މިލިއަން ރުފިޔާއިން މަދުވާނެ އެވެ. އެކަމަށް މި އަހަރުގެ ބަޖެޓުގައި ހިމެނީ 768 މިލިއަން ރުފިޔާ އެވެ.
މާލީ ހިސާބުތަކުން މިގޮތަށް ދައްކާއިރު، ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ އެ ދަރިވަރުންނަށް ލޯނާއި ސްކޮލާޝިޕްގެ ސްޓައިޕެންޑު ޖަމާނުވާ ކަމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނަމުންނެވެ.
ސަރުކާރުން ދޭ ސްކޮލާޝިޕާއި ލޯން ސްކީމްގެ ދަށުން ގޮސް ތިބި ދަރިވަރުންނަށް މިނިސްޓްރީގެ ފަރާތުން ވެފައިވާ އިހުމާލުތައް ހިމަނައި އެ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މިދިޔަ ހަފުތާ ތެރޭ ހާއްސަ ރިޕޯޓެއް ހަޔާ އެޑިއުކޭޝަނަށް ފޮނުވާފަ އެވެ.
ދަރިވަރުންނަށް ދޫކުރި ފައިސާގެ އަދަދު މަދުވެފައިވާއިރު، މި އަހަރާއި ވޭތުވެދިޔަ ދެ އަހަރު ވެސް ފުރުސަތު ހުޅުވާލި އަދަދަށްވުރެ އިތުރަށް ލޯނު ދޫކުރި އެވެ. ތިން އަހަރު ވެސް ޝަރުތު ހަމަވި ހުރިހާ ކުދިންނަށް ލޯނު ދޫކުރި އެވެ.
އެގޮތުން، މި އަހަރު 806 ދަރިވަރަކަށް، މިދިޔަ އަހަރު 1،153 ދަރިވަރަކަށް، އަދި 2023 ގައި 1،275 ދަރިވަރަކަށް ސްޓޫޑެންޓު ލޯނު ދޫކުރި އެވެ. އެއީ ޖުމްލަ 3،234 ދަރިވަރުންނެވެ. މި ތިން އަހަރު ސަރުކާރުން އިއުލާނުކުރީ 1،500 ފުރުސަތެވެ.
މި އަހަރުގެ ކުރީކޮޅު ވެސް ކިޔަވަން ގޮސްތިބި ދަރިވަރުންނަށް ފައިސާ ދޫނުކުރާ ކަމުގެ ޝަކުވާތަކާއި ދަރިވަރުންގެ ޝަކުވާތަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ޖަވާބު ނުދޭކަމުގެ އަޑުތައް ގަދަވި އެވެ.
މިކަމާ ގުޅިގެން ރާއްޖެއަށް ތެލާއި ކާޑަށް ސަރުކާރުން ހަދާ ޕޭމަންޓުތަކަށްވުރެ، ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި އިސްކަން ދިނުމަށް ފިނޭންސް މިނިސްޓްރީއަށް އަންގަވާފައިވާ ކަަމަށް އެޕްރީލް، 10، ގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް، އަހަރު ނިމިގެން މިދަނީ ދަރިވަރުންގެ ޝަކުވާތައް އިންތިހާއަށް މަތިވެފައިވަނިކޮށެވެ.
ސްޓޫޑެންޑް ލޯނަށް ދޫކުރި ފައިސާގެ އަދަދު މިދިޔަ އަހަރަށްވުރެ 140 މިލިއަން ރުފިޔާ މަދު ސްޓޫޑެންޑް ލޯނަށް ދޫކުރި ފައިސާގެ އަދަދު މިދިޔަ އަހަރަށްވުރެ 140 މިލިއަން ރުފިޔާ މަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ