މުދަލު ޒަކާތް ބަލައިގަތުމަށް މީރާއެކު އެއްބަސްވުމެއް ގާއިމުކޮށްފި

މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ ގޮތުން މޯލްޑިވްސް ޒަކާތު ހައުސް އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު އިސްލާމީ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު އެވެ.
މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިއަދު ސޮއިކުރެވިގެން މިދިޔަ އެއްބަސްވުމަކީ ވަރަށް ތާރީޚީ އެއްބަސްވުމެއް ކަމަށެވެ. ވަޒީރު ވިދާޅުވީ، ފާއިތުވެދިޔަ ތަނުގައިވެސް ޒަކާތް ނެގުމުގެ މަސައްކަތް މީރާއިން ވަރަށް ހަރުދަނާ ގޮތެއްގައި ކުރައްވާފައިވާކަ މަށާއި ޒަކާތުގެ ޤާނޫނު ތަންފީޒުވެގެންދާއިރު، މި މަސައްކަތް މިގޮތުގައި މީރާއިން ކުރުމަކީ މުހިއްމުކަމެއްގެ ގޮތުގައި ދެކިލައްވާ ކަމަށެވެ.
ވަޒީރުގެ ވާހަކާގައި ވަނީ ޒަކާތުގެ ކަންކަމާއި ސަދަގާތް އަދި ވަގްފުގެ ފައިސާ ނެގުމުގައި މީރާގެ ފަރާތުން ވުޒާރާއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް މީރާގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން ޒަކާތުގެ ގާނޫނު ތަންފީޒުވެގެންދާއިރު ޒަކާތު ކައުންސިލްގައި މީރާގެ ފަރާތުން ބޭފުޅަކު ހިމެނޭ ގޮތަށް ހަމަޖެހިފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައި މީރާއާއި ވުޒާރާގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު ވިދާޅުވީ، ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައިވެރިއެެއްގެ ގޮތުގައި މީރާ ހިމެނިފައިވުމަކީ އެ އިދާރާއަށް ލިބިގެންދާ އުފަލެއް ކަމަށާއި އަދި މި މަސައްކަތާއެކު މީރާއަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެގެންދާ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. މީގެ އިތުރުން މީރާއިން މިކަމުގައި ކުރަމުންދާ މަސައްކަތުގައި، ދޭން ޖެހޭ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދުވެސް ދެއްވާނެކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ