ބްލޮގަރު ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުން ހިމެނޭހެން، ކުށް ސާބިތުނުވި ދެ މީހެއްގެ ހުކުމް ވެސް ބާތިލުކޮށް، އަލުން ބަލަން ކްރިމިނަލް ކޯޓަށް މިއަދު ހައި ކޯޓުން އަންގައިފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި ނަމަވެސް، ޔާމީން މަރާލުމުގެ ކުށް ސާބިތުވީ، ދެ މީހުންގެ މައްޗަށް އެކަންޏެވެ. ކުށް ސާބިތުވި މި ދެމީހުންގެ ފަރާތުން ވަނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ ދެމީހުންނަކީ:
އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ
އަހުމަދު ޒިހާން އިސްމާއިލް، ހުޅުމާލޭ ލޮޓް 11399
އެ މަރަށް ފަސް އަހަރެއްހާ ދުވަސް ފަހުން 2022ވަަނަ އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމުގައި ކުށް ސާބިތުނުވާ ކަމަށް ނިންމި ހަތަރު މީހުންގެ ތެރެއިން، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން، އިސްތިއުނާފް ކުރަން ނިންމީ ދެ މީހުންގެ މައްސަލަ އެކަންޏެވެ. އެ ދެމީހުންނަކީ:
މުހައްމަދު ދިފްރާން، ގދ. ގައްދޫ/ސިންދުބާދުގެ
އިސްމާއިލް ރަޝީދު މ. ތާއިފް
ތަފްސީލް - މި މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި އޮންނަތާ ތިން އަހަރު ދުވަސް ފަހުން މިއަދު ވަކިވަކިން އިއްވި ހުކުމްގައި ވަނީ، ކުށް ސާބިތުވާކަމަށް ހައިޝަމް އަދި ޒިހާންގެ މައްޗަށް އިއްވި ހުކުމް ބާތިލުކޮށްފަ އެވެ. އަދި އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބަލާއިރު، ކަށަވަރުކުރަންޖެހޭ ބައެއް ކަންކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެކަންކަމަކީ:
ސިއްރު ހެކިވެރިޔަކު ދައުވާ ރައްދުވާ ފަރާތް އައިޑެންޓިފައިކުރީ ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެން ކަމަށް ބުނެ ކޯޓަށް ފޮނުވާފައިވާ ސިޓީއަކީ ހަގީގަތުގައި ވެސް ހެކިވެރިޔާ ފޮނުވާފައިވާ ސިޓީއެއްތޯ
އެއީ ސައްހަ ސިއްޓީއެއްނަމަ އޭނާ ކުރިން ދީފައިވާ ހެކިބަހާމެދު ގޮތެއް ނިންމުން
އެ ހެކިވެރިޔާގެ ބަސް ބަލައިގަންނަން ނިންމައިފިނަމަ މޫނު ނިވައިކޮށް ވިގުޖަހައިގެން ތިބި ބަޔަކު އޭނާ ކުރިން އައިޑެންޓިފައިކުރި ގޮތް ސާފުކުރަން ސުވާލުކޮށް ގޮތެއް ކަނޑައެޅުން
އެ ހެކިވެރިޔާގެ ބަސް ބަލައިނުގަންނަން ނިންމައިފިނަމަ އޭނާގެ ހެކިބަސް އެއް ފަރާތްކޮށް ގޮތެއް ކަނޑައެޅުން
ކުށް ސާބިތުނުވެގެން ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފާމެދު ވެސް މިއަދު ވަނީ ގޮތް ނިންމާފަ އެވެ. ވަކިން އިއްވި އެ ހުކުމްގައި ވެސް ވަނީ، ދިފްރާން އާއި އިސްމާއިލް ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ބަލަން އަންގާފަ އެވެ.
ދިފްރާން އާއި އިސްމާއިލް ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވުމުން، ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރީ، ޔާމީން މަރާލުމުގައި އެ ދެމީހުންގެ ބައިވެރިވުން އޮތް ކަމަށް ދަށު ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރަށް ގަބޫލުކުރެވުނު ނަމަވެސް، އެ ކުށަށް އަދަބު ކަނޑައަޅާފައި ނުވާތީ އެވެ.
މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށަށް ދަށު ކޯޓުން އަދަބު ކަނޑައަޅާފައި ނުވަނީ، އެއީ އެ މައްސަލާގައި ދައުލަތުން ކޮށްފައިވާ ދައުވާއަކަށް ނުވާތީ އެވެ. ދައުލަތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފުގައި އެދިފައިވަނީ، ހުށަހެޅި ދައުވާނޫން އެހެން ކުށެއް ސާބިތުވާ ހާލަތުގައި ދައުލަތުގެ ހުށަހެޅުމަކާނުލައި ވެސް ފަނޑިޔާރުގެ އަމިއްލަ އިސްނެގުމުގައި އެފަދަ ކުށަކަށް އަދަބު ކަނޑައަޅަން ހުކުމްކުރުމުގެ އިހުތިޔާރާއި ބާރު ލިބިގެންވާ ކަމަށެވެ.
މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ވެސް ބުނީ، އެކަމަށް ފަނޑިޔާރަށް ލިބޭ އިހުތިޔާރު ހަނިވާ ކަމަށް ނިންމާފައިވަނީ ރަނގަޅު އުސޫލަކުން ނޫން ކަމަށެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ގޮތް ނިންމި، މި ދެ މައްސަލައިގެ ބެންޗުގައި ތިއްބެވީ، ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސެއިން އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.
ޔާމީންގެ މަރު: ކުށް ސާބިތުވި މީހުންނާއި ނުވާ މީހުން ހިމެނޭހެން 4 މީހެއްގެ މައްސަލަ އަލުން ބަލަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ