ޑޮލަރު ލިމިޓަށް މި މަސް ނިމުމުގެ ކުރިން ބަދަލު ގެންނަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑުތަކުން ކުރާ ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް މި ބަދަލުގެ ފައިދާ ލިބޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތަކަށް ލިމިޓްތަކެއް ކަނޑައެޅީ، ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވެ، ބޭރު ފައިސާގެ ތާށިކަން ކުރިމަތިވުމާ ގުޅިގެން މިދިޔަ މަހުއެވެ. ނަމަވެސް، މިހާރު ކަނޑައަޅާފައިވާ ބައެއް ލިމިޓްތަކަށް ބަދަލެއް ނާންނާނެ ކަމަށް ބޭންކުން ފާހަގަކުރެއެވެ.
މިހާރު އޮތް އުސޫލުގެ ދަށުން، ރާއްޖޭން ބޭރަށް ދަތުރުކުރާ ކަސްޓަމަރުންނަށް ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް ހޭދަކުރެވޭނެއެވެ. އަދި އެއާލައިން ޓިކެޓް، ހޮޓާ ބުކިން އަދި ހޮސްޕިޓަލް ބިލްތަކަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައަޅާފައެވެ. މި ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބޭންކުން ބުނެއެވެ.
ބޭންކުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 345 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން 198 މިލިއަން ޑޮލަރު ކާޑު މުއާމަލާތްތަކަށް ދޫކޮށްފައިވާއިރު، 147 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ވިޔަފާރިތަކަށެވެ. އެވްރެޖްކޮށް މަހަކު 69 މިލިއަން ޑޮލަރު ބޭންކުން ދަނީ ވިއްކަމުންނެވެ.
ބޭންކުން އިތުރަށް ބުނީ، ބޭސްފަރުވާ އާއި ތައުލީމީ ބޭނުންތަކަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގައި ދަތިތައް ކުރިމަތިވާ ކަސްޓަމަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށްޓަކައި ވީހާވެސް ގިނައިން ބޭރު ފައިސާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެއްބާރުލުން ލިބޭކަން ބޭންކުން ފާހަގަކުރެއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ތެރެއިން ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އެންމެ މަތީ ލިމިޓެއް މިހާރުވެސް ދެމުންދަނީ އެ ބޭންކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ