ބިދޭސީންނަށް ދިވެހިރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމުގެ މަޝްވަރާތައް ކެބިނެޓުގައި ކޮށްގެން ނުވާނެ ކަމަށާއި ރައީސް މުހައްމަދު މުއިއްޒު ދީނާއި ގައުމިއްޔަތުބޭނުންކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ނިންމުމާ ގުޅޭ ގޮތުން އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން ބުނީ ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތް ހެދުމަށް މުއިއްޒު ބޭނުންފުޅު ވާތީ އެކަމުގެ މަޝްވަރާތަކެއް ކެބިނެޓުގައި ކޮށްފައިވާ ކަމަށާއި، މަޝްވަރާތަކުގައި އެކަމަށް ކެބިނެޓުގެ ބައެއް މިނިސްޓަރުން ދެކޮޅު ހެއްދެވި ކަމަށެވެ.
އެކަމާ ގުޅިގެން އެކްސްގައި އެމްޑީޕީގެ ދެވަނަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ލިޔުއްވި ގޮތުގައި އެއީ ކެބިނެޓް އަދި އެހެން ފެންވަރެއްގައި ވެސް އެއްވެސް ވަރަކަށް މަޝްވަރާ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
"ގައުމިއްޔަތުގެ ނަމުގައި ޕީއެންސީ/ޕީޕީއެމް އިން އަބަދުވެސް ގައުމު ފޮތިފޮތިކޮށް އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކުރޭ. 2015 ވަނަ އަހަރު ވެސް މިހާރު ސަރުކާރުގެ ވެރިން ވެސް މަޖިލީހުގައި ތިބިއިރު، އެ މީހުން ވޯޓު އަޅައިގެން ދިވެހި ފަސްގަނޑު ވިއްކާލަން ފާސްކުރި،" ފައްޔާޒު ވިދާޅުވި އެވެ.
ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކުރުމަކީ އެމްޑީޕީއިން ދުވަހަކު ވެސް ބަލައިގަންނާނެ އަދި ކުރާނެ ކަމެއް ނޫން ކަމަށް 18 ވަނަ މަޖިލީހުގައި ގަމު ދާއިރާ ތަމްސީލު ކުރެއްވި ފައްޔާޒު ލިޔުއްވި އެވެ. ގާނޫނުއަސާސީ ބަދަލުކޮށް ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް 2015 ގައި ނެގި ވޯޓުގައި އެކަމާ ދެކޮޅަށް ފައްޔާޒު ވޯޓު ދެއްވި އެވެ.
"ގައުމުގެ ހައްގުގައި ކެރިގެން ނުކުންނާނެ އެއްވެސް މީހަކު، ވަޒީރަކު އަދި ސިޔާަސީ މުވައްޒަފަކު ޕީއެންސީގައި ނެތީތޯ؟ މިއީ ފާޅުގައި ބަސް ބުނަންވީ ވަގުތު. މުއިއްޒު ދީނާއި ގައުމިއްޔަތު ބޭނުންކުރަމުން ދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި. ބަހާއި އަމަލުން ދައްކަނީ މުޅިން އެހެން މަންޒަރެއް،" އޭނާ ވިދާޅުވި އެވެ.
އެޕްރީލް 23، 2019 ގައި އެމްޑީޕީގެ ވެރިކަމުގައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް ޕީޕީއެމްއިން ގެނައި ބަދަލު ބާތިލުކުރުމުން މިހާރު ރާއްޖޭގެ ބިމެއް ކުއްޔަށް ނުވަތަ އެހެން ބޭނުމަކަށް ވެސް ބޭރުގެ ފަރާތްތަކަށް ދެވެނީ އެންމެ ގިނަވެގެން 99 އަހަރަށެވެ.
ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތް ހަދަން މުއިއްޒު އުޅުއްވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އަދި އެ ސިޔާސަތާ ގުޅޭ ގޮތުން، އަދި ކެބިނެޓުގެ މަޝްވަރާތަކާއި ނިންމުމާ ގުޅޭ ގޮތުން ވެސް ސަރުކާރުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.
އެ ބަދަލު ބާތިލުކުރުމަކީ 2018 ވަނަ އަހަރަށް އެމްޑީޕީން ކުރި ކެމްޕޭނުގައި ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެޕްރީލް 15، 2019 ގައި ބޭއްވި މަޖިލިސް ޖަލްސާގައި ފާސްކުރި ބިލު އެޕްރީލް 23، 2019 ގައި ސޯލިހު ތަަސްދީގު ކުރުމާއެކު ބޭރުގެ ފަރާތްތަކަށް ބިން މިލްކު ނުކުރެވޭ ގޮތަށް އަނެއްކާ ވެސް ގާނޫނުއަސާސީ އިއާދަވެގެންދިޔަ އެވެ.
ދީނާއި ގައުމިއްޔަތު މުއިއްޒު ބޭނުންކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި: ފައްޔާޒު ދީނާއި ގައުމިއްޔަތު މުއިއްޒު ބޭނުންކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ