ކޮޅިގަނޑެއްގައި ފުރާޅު އެއްލައިލި އައްޑޫގެ ހަތަރު ގެޔަކަށް އެމްއެންޑީއެފުން އެހީވެއްޖެ

ކޮޅިގަނޑެއްގައި ފުރާޅު އެއްލައިލި، އައްޑޫގެ ހަތަރު ގެއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ބުނީ، ވިއްސާރައާއެކު، އެރި ކޮޅިގަނޑެއްގައި ހަތަރު ގެއެއްގެ ފުރާޅު އެއްލައިލި ކަމަށެވެ. މިގޮތުން، ރޭ 23:20ހާއިރު ފުރާޅު އެއްލައިލީ، ހިތަދޫ އާލިއާ މަންޒިލްގެ ކަމަށްވާއިރު، މިއަދު ހެނދުނު ވަނީ، އިތުރު ތިން ގޭގެ ފުރާޅު އެއްލާލައިފައެވެ. އެއީ، ހިތަދޫ ބިންމާގެއާއި މަރަދޫ އެމާލްޑްގެއާއި މީދޫ މޫންޝެޑޯގެއެވެ. އައްޑޫ ގެއެއްގެ ފުރާޅު އެއްލާލާފައި: އެ ގެތަށް މިހާރު ވަނީ، އާންމު ހާލަތަށް ގެނެސްފައި ---- ފޮޓޯ/ އެމްއެންޑީއެފް މި ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 'ސަން'އިން ސުވާލުކުރުމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ހަތަރު ގެއެއްގެ ފުރާޅު އެއްލާލައިގެން ރިޕޯޓުކޮށްގެން އެހީ ފޯރުކޮށްދިން ކަމަށެވެ. އަދި، ބައެއް ގަސްތަކަށް ގެއްލުންވިކަން ފާހަގަކުރައްވައި، ނިޒާރު ވިދާޅުވީ، މިހާރު އެ ގެތައް އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށެވެ. ހެނދުނު ވިއްސާރަ ކުރިނަމަވެސް، މިހާރު މޫސުން އޮތީ ރީތިކޮށް ކަމަށް ނިޒާރު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ވިއްސާރައިގައި މީގެ ކުރިން ވެސް އައްޑޫގެ ބައެއް ގެތަކުގެ ފުރާޅު އެއްލާލާފައި އެބަ ހުއްޓެވެ. އެގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ އަށެއްގައި އައްޑޫސިޓީ, މަރަދޫފޭދޫގެ ގެތަކެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ކުރިން، މިދިޔަ އަހަރުގެ ނޮވެންބަރު 30ގައި، އައްޑޫގެ ފަސް ގެއެއްގެ ފުރާޅު އެއްލާލައި، 13 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ