ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލެއް ނުވި! ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލެއް ނުވި!

ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް މަންޒިލުގެ ގޮތުގައި މަޝްހޫރުވެ އެތައް އެވޯޑެއް ހޯދާފައިވާ ރާއްޖެއިން މި ފަހުގެ ތާރީހުގައި ކޮންމެ އަހަރަކުހެން ހާސިލްކުރަމުން އައިސްފައިވާ ޓޫރިސްޓު އެރައިވަލް ޓާގެޓު މި އަހަރު ހާސިލް ވާގޮތް ނުވެއްޖެ އެވެ.
ސަރުކާރުން މި އަހަރުގެ ތެރޭ ރާއްޖެ އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 2.3 މިލިއަން ޓޫރިސްޓުންނެވެ. ނަމަވެސް، ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އާއި ހަމައަށް މި އަހަރު ރާއްޖެ އައީ 2،240،706 ޓޫރިސްޓުންނެވެ.
މި އަހަރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އައީ 6،100 ޓޫރިސްޓުންނެވެ. އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަސް ކަމަށްވާ ޑިސެމްބަރު 28، ގައި އައީ 9،903 ޓޫރިސްޓުންނެވެ. އެހެންކަމުން މިއަދު އަންނަ ޓޫރިސްޓުންނާއެކު ވެސް 2.3 މިލިއަންގެ ޓާގެޓަށް ވާސިލް ނުވާނެ އެވެ.
މި އަހަރު ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ ކަނޑައެޅި ޓާގެޓަށްވުރެ 50،000 އެއްހާ ޓޫރިސްޓުން މަދުންނެވެ. ބޮޑަށް ބެލެވެނީ އަންނާނީ 2.24 މިލިއަން ޓޫރިސްޓުން ކަމަށެވެ.
މީގެ ކުރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރި އަދަދަށް ޓޫރިސްޓުން ނައީ ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން އަހަރުގެ ކުރީކޮޅު ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަން ހުއްޓުމަކަށް އައި 2020 ވަނަ އަހަރު އެވެ.
ނަމަވެސް، މި އަހަރުގެ ކުރީކޮޅު ރަސްމީ ޓޫރިޒަމް މަންޒިލުގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން އިނގިރޭސިވިލާތުގެ ލިވަޕޫލް އެފްސީ އާއެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުމާއެކު، މި އަހަރަށް ކަނޑައެޅި 2.3 މިލިއަނުގެ ޓާގެޓަށްވުރެ އިތުރަށް ޓޫރިސްޓުން އަންނާނެ ކަމަށް އެޕްރީލް މަހުގެ ކުރީކޮޅު ޓޫރިޒަމް އެންޑް އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި އެވެ.
މީގެ އިތުރުން، ޖުލައި 26، ގައި ރަސްމީކޮށް ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއެކު ރާއްޖެ ދަތުރުކުރާ ފްލައިޓުތައް އިތުރުވެ ޓޫރިސްޓުން އިތުރުވާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް، އެ މަންޒަރު ނަމްބަރުތަކުން ނުދައްކަ އެވެ.
މި އަހަރުގެ ޓާގެޓު ހާސިލް ނުވިއިރު، އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ޓޫރިސްޓު އެރައިވަލް ޓާގެޓަކީ 2.4 މިލިއަނެވެ.
އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާ 6.8 ޕަސެންޓު ކުރި އަރާނެ ސަރުކާރުން އަންދާޒާ ކުރެ އެވެ. މިއީ މި އަހަރު އެ ދާއިރާ ކުރި އަރާނެ ކަމަށް ލަފާކުރި 8.8 ޕަސެންޓަށް ވުރެ ދަށް އަދަދެކެވެ.
އަންނަ އަހަރު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ނުވަތަ ބެޑްނައިޓްސްގެ ކުރިއެރުން ދަށްވާނެ ކަމަށް ވެސް ބަޖެޓުގައި ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. މި އަހަރު ބެޑް ނައިޓްސްގެ ކުރިއެރުން ހުރީ 7.7 ޕަސެންޓުގަ އެވެ. އެ ޕަސެންޓު އަންނަ އަހަރަށް 7.2 ޕަސެންޓަށް ދައްވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ.
ބެޑް ނައިޓްސް ދަށްވުމަކީ ޓޫރިޒަމް ދާއިރާގެ އަދި ސަރުކާރަށް ލިބޭ ޓެކްސްގެ އާމްދަނީއަށް ސީދާ އަސަރުކުރާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ