ސިއްހީ މަރުކަޒުތަކުގެ މެޑިކަލް ސްޓޮކް މިނިސްޓްރީއަށް ފެންނަ ގޮތް ހިމެނޭހެން އައު ސޮފްޓްވެއާތަކެއް ބޭނުންކުރަން ފަށައިފި

ސިއްހީ މަރުކަޒުތަކުން ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި އަލަށް ސޮފްޓްވެއާތަކެއް ތައާރަފުކޮށް، މިއަދު ބޭނުންކުރަން ފަށައިފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، މި ސޮފްޓްވެއާތައް ލޯންޗުކޮށްދެއްވީ، ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އަލަށް ތައާރަފުކުރި ސޮފްޓްވެއާތަކުގެ ތެރޭގައި ހިމެނެނީ، ހެލްތު މިނިސްޓްރީއާއި ސިއްހީ މަރުކަޒުތަކާމެދު ކުރެވޭ މުއާމަލާތްތައް އިތުރަށް ހަރުދަނާކުރުމަށް ތައާރަފުކުރި ސޮފްޓްވެއާއަކާއި، ސިއްހީ ޚިދުމަތްދޭ ތަންތަނުން ބަލަހައްޓާ މެޑިކަލް ސްޓޮކް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން ވަގުތުން މިނިސްޓްރީއަށް ފެންނަ ސޮފްޓްވެއާކެވެ. އޭގެ އިތުރަށް، އިންސާނީ ވަސީލަތްތައް މެނޭޖުކުރުމަށް ބޭނުންވާ އެޗްއާރު ސޮފްޓްވެއާއަކާއި، މިނިސްޓްރީއާ ހިއްސާ ކުރަންޖެހޭ ލިޔެކިޔުންތައް ޑިޖިޓަލްކޮށް ހިއްސާ ކުރުމަށާއި ޓްރެކް ކުރުމަށް ބޭނުންވާ ޑިޖިޓަލް ޓޫލްސްގެ އިތުރުން ސިއްހީ ޚިދުމަތް ހަރުދަނާކޮށް ޑިޖިޓަލް ކުރުމަށް ބޭނުންވާ އިތުރު ޓޫލްސްތައް ހިމެނޭ ސޮފްޓްވެއާއެއް ވަނީ ތައާރަފުކޮށްފައެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްގެ އިތުރަށް ހެލްތު މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. https://sun.mv/205849 ފާހަގަކުރެވޭ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަޞައްވުރު "މޯލްޑިވްސް 2.0"ގެ ދަށުން އިދާރާތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. "މޯލްޑިވްސް 2.0" އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސުލްޖުމްހޫރިއްޔާގެ ގައުމީ ތަސައްވުރެވެ. އެއީ ސަރުކާރުން ޚިދުމަތްކުރާ ގޮތާއި، އިގްތިސޯދު ކުރިއަރަމުންދާ ގޮތާއި، އާންމު ޚިދުމަތާއި، ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެކެވެ. ޑިޖިޓަލައިޒް ރާއްޖެއަކަށް މިސްރާބު ޖެހުމަށްޓަކައި އެ ތަސައްވުރުގެ ދަށުން ވަނީ އަށް ލަނޑުދަނޑިއެއް ވެސް ކަނޑައަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ